ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، ލިއޮނަލް މެސީ އާޖެންޓީނާ ގައުމީ ޓީމުން ރިޓަޔާ ކޮށްފިއެވެ.

އުމުރުން 39 އަހަރުގެ މެސީ، އާޖެންޓީނާ ކެރިއަރު ނިންމާލީ 21 އަހަރު ކުޅުމަށްފަހުއެވެ. އެކަން އިއުލާނުކުރުމަށް މެސީ މިރޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ގައުމީ ޓީމުން ރިޓަޔާކުރަން ނިންމި ނިންމުމަކީ "ހިތާއި ރޫހަށް ލިބުނު ބޮޑު ދެރައެއް" ކަމަށެވެ.

"އަހަރެން ހަމަ ޔަގީންކޮށް ބުނަން، ގައުމީ ޓީމަށް އަބަދުވެސް ދެވުނު ވަރެއް ދިނިން. ހަމައެކަނި ގައުމީ ޓީމާއެކު މޮޅުވިއިރު އެކަންޏެއް ނޫން. އޭގެ މާކުރިންވެސް ދެވުނު ހުރިހާ މިންވަރެއް ދިނިން. އަބަދުވެސް އާޖެންޓީނާ ޖާޒީއަށް ކުރެވުނު މަސައްކަތެއް ކޮށް، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭން ކުރެވުނު ހުރިހާ ކަމެއް ކުރިން،" މެސީގެ މެސެޖުގައި ވެއެވެ.

އަތުލިޔުމުން ލިޔެ، އެ ގަނޑުތަކާއެކު ކުރި ޕޯސްޓެއްގައި މެސީ ބުނެފައި ވަނީ ކެރިއަރުގައި މިހާރު މާގިނަ ދުވަހެއް ދެން ބާކީ ނެތް ކަމަށާއި، އެކިއެކި ޗެޕްޓަރުތަކަށް ނިމުން އަންނާނެ ކަމަށެވެ. އަދި އަބަދުވެސް އޭނާއަކީ ގައުމީ ޓީމުގެ ބައެއްގެ ގޮތުގައި ހުންނާނެ ކަމަށް ބުނެ މެސީ ވަނީ މުޅި އާޖެންޓީނާއަށް ޝުކުރު އަދާކޮށްފައެވެ.

މެސީ ގައުމީ ޓީމަށް ފުރަތަމަ ކުޅުނީ 2005 ވަނަ އަހަރުއެވެ. އެއީ ހަންގޭރީއާ ދެކޮޅަށް އުމުރުން 18 އަހަރުގައެވެ. މެސީގެ މުޅި ކެރިއަރު ހާއްސަވި އޭނާގެ އެޖެންޓް އަދި ބައްޕަ ޖޯޖް މެސީ ދާދިފަހުން މެރުވެފައިވާ އިރު، ގައުމީ ޓީމަށް މެސީ ވަނީ 207 މެޗު ކުޅެ، 125 ގޯލް ޖަހައިފައެވެ.

އާޖެންޓީނާއާއެކު ނާކާމިޔާބީތަކާވެސް މެސީއަށް ކުރިމަތިވެފައިވާ އިރު، އެންމެ ފުރަތަމަ ކާމިޔާބީއަކީ 2008 ވަނަ އަހަރު އޮލިމްޕިކް ރަން މެޑަލްއެވެ. އޭގެފަހުން އުނދަގޫ ދުވަސްތަކެއްގެ ތެރެއިން މެސީ ރިޓަޔާ ވާން ނިންމި ނަމަވެސް، ފަހުން އަނބުރާ ގައުމީ ޓީމަށް ކުޅެން ނުކުތެވެ.

މެސީ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއާއެކު ހޯދި އިރު، 2014 އަދި 2026 ވަނަ އަހަރު ފައިނަލުގައިވެސް ކުޅުނެވެ. އޭގެ އިތރުން މެސީ ވަނީ އާޖެންޓީނާއެކު ޖެހިޖެހިގެން ދެ ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައެވެ.

މެސީއަކީ ގިނަ ބައެއްގެ ނަޒަރުގައި ފުޓުބޯޅަ ދުށް އެެންމެ މޮޅު ކުޅުންތެރިޔާއެވެ.