އާ ކޯޗު ޖޯސޭ މޮރީނިއޯއާއެކު މި ސީޒަން ވަރުގަދަކޮށް ފަށާފައިވާ ރެއާލް މެޑްރިޑުން ރޭ ލީގުގައި ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި މަލާގާވެސް ބަލިކޮށްފިއެވެ.

މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ، ރެއާލުން ތާވަލުގެ އެއްވަނަ ދަމަހައްޓަމުންދާ އިރު، ރޭ ކުޅުނު މެޗުން މޮޅުވީ 4-0 އިންނެވެ. މޮރީނިއޯ ވަނީ ރޭގެ މެޗުގެ ފުރަތަމަ 11 އަށް އެންޓޯނިއޯ ރުޑިގާއާއި ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްގެ އިތުރުން އެޑުއާޑޯ ކަމަވިންގާއާއި ބްރަހީމް ޑިއާޒް ކުޅެން ނެރެފައެވެ. ފުރަތަމަ 11 އަށް އެ ބަދަލު ގެންނަން ނިންމާފައި ވަނީ ސެޕްޓެމްބަރު ކުރީކޮޅުގައި ޗެމްޕިއަންސް ލީގު މެޗު އޮތުމާއެކު، މަޑުމަޑުން ކުޅުންތެރިންނަށް ލުއި ދިނުމަށް ކަމަށް ބެލެވެއެވެ.

ވަރުގަދަކޮށް ފެށި ރެއާލުން، 19 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ ޖޫޑް ބެލިންހަމްއެވެ. އޭރިއާ ތެރެއިން ދެ ކުޅުންތެރިން ނައްޓާލުމަށްފަހު ބެލިންހަމް ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލަށް ނިންމާލައިފައެވެ.

އޭގެފަހުން މާގިނައިރެއް ނުވެ، ރެއާލުން ނަތީޖާ ފުޅާވެސް ކުރިއެވެ. ކިލިއަން އެމްޕާބޭ ފޮނުވާލި ބޯޅަ ރިބައުންސަށް ނުކުތުމުން ބެލިހަމް ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަލްފޮންސޯ ހެރޭރޯ ފައިގައި ޖެހި ބައިކޮޅަށެވެ. ހާފު ނިމުމުގެ ކުރިން އެމްބާޕޭ ފޮނުވާލި ހަމަލާ ގޯލަށް ވައްދާލައިގެން ތިންވަނަ ގޯލެއް ޖެހި އިރު ދެވަނަ ހާފުގައި ރެއާލްގެ ހަތަރު ވަނަ ގޯލް ޖެހީ އާދާ ގުލާއެވެ.