ރިސޯޓުތަކުގެ އާމްދަނީން 40 ޕަސަންޓް ބޭރު ފައިސާ ދައުލަތުގެ ބޭންކިން ނިޒާމަށް މާރުކުރަން ޖެހުނު ނަމަވެސް، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން ދެމުން އަންނަ މުސާރަ ހުއްޓާލުމުގެ އެއްވެސް ޖާގައެއް ނޯންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތައްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ މީގެކުރިން ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، މާދަމާއިން ފެށިގެން ޖުމްލަ އާމްދަނީގެ 40 ޕަސަންޓް ބޭންކުތަކަށް މާރުކުރަން ލާޒިމުވާނެ ކަމަށެވެ.
"ޑޮލަރުން މުސާރަ ލިބޭ އެއްވެސް ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ. ގެންނަން ޖެހޭ ސަބަބެއް ވެސް ނެތް. އެ ފަރާތްތަކަށް ލިބޭ މުސާރަ ދެމުން ދާންވާނީ،" ރައީސް ވިދާޅުވިއެވެ.
"މިކަމުގައި ސަރުކާރުން ވަރަށް ސާބިތުކަމާ އެކު ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ފަޅީގައި ތިބެގެން ކުރިއަށް ދާނެ." ރައީސް ވިދާޅުވިއެވެ.
ނަމަވެސް، ގެސްޓްހައުސްތަކަށާއި (ކެޓަގަރީ ބީ) ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެއްވެސް ދިވެއްސަކަށް މިހާރު ގާނޫނުގައި ކަނޑައެޅިފައިވާ މިންވަރަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން 5.6 ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް، ރާއްޖޭގެ ބޭންކުތަކަށް ވަދެފައިވަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. އަދި އޭގެ ތެރެއިން މާރުކުރެވުނީ އެންމެ 21 ޕަސަންޓް ކަމަށެވެ.
ރައީސް ވިދާޅުވީ، މިއަދު ތަސްދީގުކުރެވުނު އިސްލާހުގެ ސަބަބުން ދައުލަތަށް ލިބޭ ބޭރު ފައިސާ އިތުރުވެ، އެމްއެމްއޭ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށާއި، ވިޔަފާރިވެރިންނަށް ޓީޓީ ހެދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
ވިޔަފާރިވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެ ނިންމުމަކީ އެމްއެމްއޭއާއި ކަމާ ގުޅުންހުރި ވުޒާރާތަކުން ފުރިހަމަ ދިރާސާތަކެއް ކުރުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
"ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ނުވަތަ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ނުވަތަ އޮޕަރޭޝަނަލް ހަރަދުތަކަށް އެއްވެސް ދައްޗެއް ނުވާނެ ސާޅީސް އިންސައްތަ މާރުކޮށްގެން. އެއީ ޔަގީންކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މުވައްޒަފުންނަށް ޑޮލަރުން ދޭން ޖެހޭ މުސާރަ ޑޮލަރުން ދިނުން ހުއްޓާލުމަށް އެއްވެސް އުޒުރެއް ނެތް ކަމަށެވެ. ލޯނުތަކާއި މުސާރަތައް ދިނުމަށްފަހު ވެސް 40 ޕަސަންޓް މާރުކުރެވޭނެ މާލީ ތަނަވަސްކަން ރިސޯޓުތަކުގައި ހުންނާނެކަން ފާހަގަކުރައްވައި، ހުރިހާ ފަރާތްތަކުން ވެސް ގާނޫނަށް ފުރިހަމައަށް ބޯލަނބައި، ގައުމީ ވާޖިބު އަދާކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
މި ގާނޫނު ތަންފީޒުކުރުމުގައި އެމްއެމްއޭ އަދި ކަމާބެހޭ އިދާރާތަކުން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް