އިއްޔެއިން ފެށިގެން މިމަހުގެ 20 އަށް ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫއެންއެފްސީސީސީ ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން، ގައުމީ ބަޔާން އިއްވަވާނެއެވެ. އަދި މަތީ ފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ގައުމުތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވެއެވެ.
ކޮޕް 31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުންނާއި ޔޫއެންއެފްސީސީސީގެ މެންބަރު ގައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ.
މީގެއިތުރުން، އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމައީ މަސައްކަތްތަކެއް ކުރުމަށްޓަކައި ވިޔަފާރިވެރިންނާއި ޒުވާނުންނާއި މޫސުމާ ބެހޭ ސައިންސްވެރިންނާއި އަދި މަދަނީ ޖަމުއިއްޔާތަކުން މި ބައްދަލުވުމުގައި އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ހިއްސާކުރާނެއެވެ.
ކޮޕް ސަމިޓަކީ 1992ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީހީ ޔޫއެންއެފްސީސީސީ މުއާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުއާހަދާއަކީ 2015 ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމެންޓުގެ އަސްލު ވެސް މެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކޮޕް ސަމިޓަކީ ރާއްޖެ ފަދަ ގައުމަކަށް ވަރަށް މުހިންމު ސަމިޓެއް ކަމަށެވެ. ރާއްޖެއަކީ ތިމާވެށި ހިމާޔަތްކުރަން ގައުމީ އަދި ބައިނަލްއަގުވާމީ ލެވެލްގައިވެސް މަސައްކަތް ކުރާ ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް