ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ.ވައިޓްޑައިމަންޑް، ޖަމީލާ އަލީ ހާލިދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު އައްޔަންކުރައްވައިފިއެވެ.

ޖަމީލާ ސަފީރުކަމަށް އައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރިން ހުންނެވީ އިރުތިޝާމް އާދަމެވެ. ނަމަވެސް ފޮރިން މިނިސްޓަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިރުތިޝާމް އައްޔަންކުރެއްވުމާ ގުޅިގެން އެމަގާމު އޮތީ ހުސްކޮށެވެ.

އެ މަގާމަށް ޖަމީލާ އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.

ޖަމީލާ އަކީ ހާރިޖީ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން، މީގެ ކުރިން އޭނާ ވަނީ ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުވެސް އަދާކުރައްވާފައެވެ. އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ނާއިބުރައީސްކަންވެސް ކުރައްވާފައެވެ.