ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫތައް ފުރިހަމަ އެއްބަސްވުންތަކަކަށް ބަދަލުކޮށް، އަމަލީ ސިފަ ގެނައުމަށްޓަކައި އިސްކަންދީގެން މަސައްކަތް ކުރުމަށް ރާއްޖެއަށް ކަނޑައެޅުއްވި ޕާކިސްތާނުގެ އާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އުވައިސް އަހްމަދު ބިލްގްރާމީއަށް އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީ އިރުޝާދު ދެއްވައިފިއެވެ.
ޕާކިސްތާނުގެ "މެޓިސް ގްލޯބް ލިންކް ނިއުސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒަރުދާރީ އެ އިރުޝާދު ދެއްވީ ބިލްގްރާމީ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.
ޕާކިސްތާން ސަރުކާރުން ބުނީ، ދެ ގައުމުގެ ދެމެދުގައި އެކުލަވާލެވުނު އެމްއޯޔޫތަކުގެ ތެރެއިން ދިފާއީ އަދި އަސްކަރީ ދާއިރާގެ ކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ޒަރުދާރީވަނީ ހާއްސަ އިރުޝާދެއް ދެއްވާފައި ކަމަށެވެ. މީގެއިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިއާއި އިގްތިސޯދީ ގުޅުންތައް ފުޅާކުރުމަށާއި، ގުޅުން ބަދަހިކުރެވިދާނެ އިތުރު ދާއިރާތައް ދެނެގަތުމަށްވެސްވަނީ އެދިވަޑައިގެންފައިކަމަށް ޕާކިސްތާން ސަރުކާރުން ބުންޏެވެ.
އަދި މީހުން ބިނާކުރުމާއި ތައުލީމީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާާހަގަކޮށް، ޕާކިސްތާނުގެ ސްކޮލަޝިޕްތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކަންކަން ވީހާވެސް ފަސޭހަ މަގަކުން އިންތިޒާމުކޮށްދިނުމަށް އާ ސަފީރަށްވަނީ އަންގަވާފައިކަމަށް ޕާކިސްތާން ސަރުކާރުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ތައުލީމީ، ސިއްހީ، އަސްކަރީ، އަދި ފޮރެންސިކް ދާއިރާގެ އިތުރުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި ފަތުރުވެރިކަން އަދި ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އަލުން ފެށުން ހިމެނޭހެން 20 ދާއިރާއަކުން ފަހުމުނާމާ ބަދަލުކުރައްވާފައެވެ.
އެ އެމްއޯޔޫތަކަކީ ރާއްޖެއަށް ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަންކަން ކަމުގައި ވާތީ، މިއަށް އަމަލީ ސިފަ ގެނައުމަކީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަންތައްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ކޮމެންޓް