ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ނިއު ދެއްލީގައި ބައްދަލުކުރައްވައިފިއެވެ.
އިރުތިޝާމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުންތައް ކުރިއަރާފައިވާ މިންވަރު މުރާޖައާކުރެއްވުމުގެ އިތުރުން، ތަރައްގީގެ އެއްބާރުލުމާ ގުޅޭ މަޝްވަރާތައް ކުރެއްވިއެވެ. ހަމައެއާއެކު، ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާއި ސަލާމަތީ ކަންކަމާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ.
މިނިސްޓަރު އިރުތިޝާމް ވަނީ ދެ ގައުމުގެ ރައްޔިތުންނަށް އަމަލީ ފައިދާ ލިބޭގޮތަށް ގުޅުންތައް ބައްޓަންކުރެއްވުމަށް ރާއްޖެއިން ދެމިއޮތް ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްގެންދިއުމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރެއްވުމަށް ރާއްޖެއިން ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިރުތިޝާމް އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ)ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ކޮމެންޓް