ކުރިއަށް އޮތް ފީފާ ބްރޭކުގައި އިންޑިއާ އިން ޕެނަމާ، ބްރެޒިލް އަދި އުރުގުއޭއާ ދެކޮޅަށް މެޗުތައް ކުޅެން ނިންމައި ތާރީހުތައް ފައިނަލްކޮށްފިއެވެ.

ކުރިއަށް އޮތް ފީފާ ބްރޭކަކީ އަންނަ މަހުގެ 21 އިން އޮކްޓޯބަރު މަހު ހަވަނަ ދުވަހަށް ތާވަލުކޮށްފައިވާ ބްރޭކެކެވެ. އެ ދުވަސްތަކުގައި ކޮންމެ ގައުމަކަށްވެސް ރަޖިސްޓްރީކޮށްގެން ކުޅެވޭނީ ތިން މެޗެވެ.

އިންޑިއާއިން އެ މުއްދަތުގައި ފުރަތަމަ ކުޅެން އޮތީ އާސިއާން ކަޕުގައި ނަމަވެސް އެ ޕްލޭން އެގައުމުގެ ފުޓުބޯޅަ އިދާރާ، އޯލް އިންޑިއާ ފުޓުބޯލް ފެޑަރޭޝަން (އޭއައިއެފްއެފް) އިން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން އެ މުބާރާތުން ވަކިވީ ބްރެޒިލާ ދެކޮޅަށް ކަލްކަތާގައި މެޗެއް ކުޅުމަށެވެ.

ފަސް ފަހަރު ދުނިޔޭ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލާ ދެކޮޅަށް އިންޑިއާއިން ކުޅޭނީ އޮކްޓޯބަރު ތިންވަނަ ދުވަހުއެވެ. އެއީ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅޭ މެޗެކެވެ. އޭރު އޮތީ އެ މުއްދަތުގައި ބްރެޒިލާ ދެކޮޅަށް އެކަނި ކުޅެން ނަމަވެސް، އިންޑިއާ ފެޑަރޭޝަނުން އިއްޔެ އިއުލާނު ކޮށްފައި ވަނީ އޭގެ ކުރިން 26 ސެޕްޓެމްބަރުގައި އިންޑިއާއިން ޕެނަމާއާ ދެކޮޅަށްވެސް ކުޅޭނެ ކަމަށެވެ.

އެމެޗު ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ކުޅެން ހަމަޖައްސާފައިވާ އިރު، އުރުގުއާއީއާ ދެކޮޅަށް ނުކުންނާނީ އޮކްޓޯބަރު ހަވަނަ ދުވަހު ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ.

މިއީ އިންޑިއާއިން ފީފާ ރޭންކިން އެހާ މަތި ގައުމުތަކަކާ ދެކޮޅަށް ކުޅޭނެ ފުރަތަމަ ފަހަރެވެ. ބްރެޒިލުން މިވަގުތު ދުނިޔޭ ރޭންކިން ފަސްވަނައިގައި އޮތް އިރު، މިއީ އިންޑިއާ ތާރީހުގައި ދުނިޔޭ ރޭންކިންގެ ގަދަ 10 އެއްގެ ޓީމަކާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރެވެ. އުރުގުއާއީން މީގެ ކުރިން 1930 އާއި 1950 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި އިރު، އެޓީމު މިވަގުތު އޮތީ ދުނިޔޭ ރޭންކިން 10 ވަނައިގައެވެ.

ޕެނަމާއިންވެސް އެންމެފަހުގެ ވޯލްޑް ކަޕްގައި ކުޅުނު އިރު، އެޓީމު މިވަގުތު އޮތީ ދުނިޔޭގެ 44 ވަނައިގައެވެ. އިންޑިއާގެ ރޭންކިންނަކީ މިވަގުތު 138 އެކެވެ.