ސްޕެނިޝް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި އެތުލެޓިކް ކްލަބުވެސް ބަލިކޮށް، މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

މި ސީޒަނަށް އެންމެ ވަރުގަދަ ޓްރާންސްފާތަކަކާއެކު ތައްޔާރުވި ބާސާއިން އެންމެފަހުން ޓީމަށް ގެންދިޔަ ރޮޑްރީވެސް މެޗުން ފެނިގެން ގޮސްފައިވާ އިރު، އެޓީމުން އެތުލެޓިކް ކްލަބު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ބާސާއިން ވަރުގަދަކޮށް ފެނުނު މެޗުގައި އެތުލެޓިކް ކްލަބުގެ ކީޕަރު، ސްޕެއިންގެ އެއްވަނަ ކީޕަރު އުނައި ސިމޮން މޮޅަށް ކުޅެފައިވެއެވެ. ކުރީކޮޅުގައި ލަމީން ޔަމާލްގެ ދެ ހަމަލާއެއްވެސް ސިމޮން މަތަކުރި އިރު، ރަފީނިއާ ފޮނުވާލި ހަމަލާ ވަނީ ދަނޑިއަށް އަމާޒުވެފައެވެ.

އޭގެ އިތުރުން އެންތަނީ ގޯޑަންގެ ހަމަލާއެއްވެސް ފެނިގެން ދިޔަ އިރު، 37 ވަނަ މިނެޓުގައި ރަފީނިއާ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އެއީ ޕެޑްރީ މެދުތެރެއިން ދުއްވާލި ޕާހެއްގައެވެ.

އެ ގޯލާއެކު ބާސާއިން ހަމަޖެހިލައިގެން ދެވަނަ ހާފަށް ނުކުމެފައިވާ އިރު، މެޗު ކޮންޓްރޯލް ކުރީ އެޓީމުންނެވެ. އެޓީމުން ދެވަނަ ގޯލަކަށް މަސައްކަތް ކުރަމުން ގޮސް، މެޗު ނިމެން ދަނިކޮށް އެ ގޯލް ކާމިޔާބުކުރީ ފާމިން ލޮޕޭޒެވެ. އޭގެފަހުން ކަރީމް އަދެޔޭމީގެ ހަމަލާއެއްވެސް ސިމޮން ވަނީ މަތަކޮށްފައެވެ.

ބާސާއިން މިހާތަނަށް ލީގުގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައިވާ އިރު، އެޓީމު ފެންނަނީ ވަރުގަދަ ކޮށެވެ.