ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ހދ. ނޮޅިވަރަންފަރު، އަސާރީމަންޒިލް މުހައްމަދު އިބްރާހީމް ކުށަށް އިއުތިރާފުވެ، ލުއި އަދަބެއް ދިނުމަށް އެދިފައިވީ ނަމަވެސް، މަރުވި މީހާގެ ވާރިސުން ޝަރީއަތުގެ މަޖިލީހުގައި ގިސާސް ހިފުމަށް ބޭނުންވާތީ، މުހައްމަދު އިބްރާހިމް މެރުމަށް ކުރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމްކޮށްފިއެވެ.

މުހައްމަދު އިބްރާހިމްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ލ. މާވަށް، ނަލަހިޔާ، މޫސަ އިބްރާހިމުގެ މަރުގެ މައްސަލައާ ގުޅިގެންނެވެ. އެ ދައުވާ ކުރިމިނަލް ކޯޓަށް ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ މުހައްމަދު އިބްރާހީމާއި މޫސައާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން 2025 ޖުލައި 28 ވަނަ ދުވަހު 10:05 އެހާކަންހާއިރު މާވަށް، އެލަސްކާމަގު، އަކިރިޔާގެ ހުންނަ ސަރަހައްދުގައި މުހައްމަދު އިބްރާހިމް ވަނީ ވަޅިއަކުން މޫސަގެ ކަރުގެ ވައަތްފަރާތަށް ހަމަލާދީފައި ކަމަށެވެ. އެ ހަަމަލާގެ ސަބަބުން މޫސަ ވަނީ މަރުވެފައި ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާއަށް ޖަވާބުދާރީވަމުން މުހައްމަދު އިބްރާހީމް ވަނީ ދައުވާ ސާފުވެއްޖެ ކަމަށާއި، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށް ބުނެފައެވެ. އެ އެއްބަސްވުމުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އިއުތިރާފުވުމުން، މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދިއުމަށް ދައުލަތުން ވަނީ ނިންމައިފައެވެ.

މުހައްމަދު އިބްރާހިމް ވަނީ އިއުތިރާފުގެ އެއްބަސްވުން ދަމަހައްޓަން އެދި، ލުއި އަދަބެއް ލިބޭނެ ގޮތެއް އޮތްތޯ ތަކުރާރުކޮށް ސުވާލުކޮށްފައެވެ. ނަމަވެސް، ޝަރީއަތުންނާއި ޕްރޮސިކިއުޝަނުން ސާފުކޮށްދީފައިވަނީ، ގާނޫނާއި އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުންވެސް، ގިސާސްގެ މައްސަލަތަކުގައި އަދަބަށް ލުޔެއް ދިނުމުގެ ބާރު ލިބެނީ މަރުވި މީހާގެ ވާރިސުން ގިސާސްގެ ހައްގު ދޫކޮށްލުމުން ކަމަށެވެ. އެ ނޫން ހާލަތެއްގައި އަދަބަށް ލުޔެއް ދިނުމުގެ އިހުތިޔާރެއް ޝަރީއަތަށާއި ޕްރޮސިކިއުޝަނަށް ލިބިގެން ނުވެއެވެ.

މަރުގެ މައްސަލަތަކުގައި އަދަބު ކަށަވަރުވާނީ ވާރިސުންގެ ބަސް ނެގުމަށްފަހު ކަމަށްވާތީ، މޫސާގެ ވާރިސުން ކަނޑައެޅުމުގެ މަރުހަލާ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ލ. މާވަށް، ނަލަހިޔާ، ހައްވާ ނަސްވާ އަދި ހާރޫނު އިބްރާހީމް ހެކިބަސް ދެމުން ބުނެފައިވަނީ މޫސަގެ އަނތްބަކު އަދި ދަރިއަކު ނެތެވެ. މޫސާ މަރުވިއިރު ދުނިޔޭގައި ތިބީ އޭނާގެ މަންމަ، ލ. މާވަށް، ނަލަހިޔާ، ފަހީމާ އިދުރީސް އަދި ބައްޕަ، ލ. މާވަށް، ނަލަހިޔާ، އިބްރާހީމް މޫސާ ކަމަށްވާތީ، ޝަރީއަތުން ވަނީ މޫސާ އިބްރާހީމްގެ ވާރިސުންނަކީ އޭނާގެ މަންމައާއި ބައްޕަ ކަމުގައި ކަނޑައަޅައިފައެވެ.

ވާރިސުންގެ ބަސް ނެގުމުގެ މަޖިލީހުގައި، މަރުގެ ބަދަލުގައި ގިސާސް ހިފަން ބޭނުންވޭތޯ، މަރުގެ ދިޔަ ބޭނުންވޭތޯ ނުވަތަ މާފުދޭން ބޭނުންވޭތޯ ޝަރީއަތުން ސުވާލުކުރުމުން، މޫސާ އިބްރާހީމްގެ ބައްޕަ އިބްރާހީމް މޫސާ އަދި މަންމަ ފަހީމާ އިދުރީސްވެސް ވަނީ މުހައްމަދު އިބްރާހީމަށް މާފުދޭން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށް ބުނެފައެވެ.

މައްސަލައިގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މުހައްމަދު އިބްރާހީމް ވަނީ ތަހުގީގު މަރުހަލާއާއި، ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހާއި، ޝަރީއަތުގެ މަޖިލީހުގައި ގާނޫނީ ވަކީލެއްގެ ހާޒިރުގައި ކުށުގެ އަމަލުގެ ރުކުނަށް (އަތުގައި އޮތް ވަޅި ހެރުނު ކަމަށް) އިއުތިރާފުވެފައެވެ. ނަމަވެސް އެ ހުރިހާ މަރުހަލާއެއްގައިވެސް އޭނާ ބުނެފައިވަނީ އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ. ތަހުގީގުގައި އޭނާ ބަޔާންކޮށްފައިވާ ގޮތުގައި، އެ ހާދިސާ ހިނގުމުގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި މޫސާ ވަނީ އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށް، މޫދަށްލައި މާރާމާރީ ހިންގައިފައެވެ. އަދި ހާދިސާ ހިނގި ދުވަހު މަގުމަތިން ދިމާވެގެން މޫސާ އޭނާގެ ގަމީހުގައި ހިފައި މާރާމާރީ ހިންގަން އުޅުމުން، ސަލާމަތްވާން ވެގެން ގަމީސް ފޮޅާލި ވަގުތު އަތުގައި އޮތް ވަޅި މޫސާ އިބްރާހީމްގެ ގަޔަށް ހެރުނީ ކަމަށެވެ.

އެ ވަޅިއަކީ އޭނާ މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ އެއްޗެއް ކަމަށާއި، ހާދިސާއަށްފަހު ވަޅި މޫދަށް އެއްލާލުމަށްފަހު ޕޮލިސް ސްޓޭޝަނަށް ގޮސް އަމިއްލައަށް ހަވާލުވި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ޝަރީއަތުގެ މަޖިލީހުގައިވެސް މުހައްމަދު އިބްރާހީމް ތަކުރާރުކޮށް ބުނެފައިވަނީ މޫސާ ފަހަތުން އައިސް ގިރުވާނުގައި ހިފެހެއްޓުމުން ސަލާމަތްވާން އުޅުމުގެ ތެރޭގައި ވާއަތުގައި އޮތް ބަދިގޭ ވަޅި ހެރުނީ ކަމަށާއި، އެއްވެސް އިރެއްގައި މަރާލުމުގެ ގަސްދެއް ނެތް ކަމަށެވެ.

ކުށުގެ އަމަލު ހިންގިކަމަށް އިންކާރު ނުކުރި ނަމަވެސް، މަރާލުމުގެ ނިޔަތް އޮތްކަމަށް އެއްބަސްނުވާތީ، ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ދައުވާލިބޭ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްގެން މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ ނިންމައިފައެވެ. އަދި ވަނީ ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު މުހައްމަދު އިބްރާހިމަށް ދީފައެވެ. އެ ހާލަތުގައި ދައުވާއަށް އިންކާރުކުރަނީ ކަމަށް ބަލައި އިއުތިރާފުގެ އެއްބަސްވުން ބާތިލުވާނެކަން އަންގާފައިވީ ނަމަވެސް، ކަނޑައެޅި މުއްދަތުގައި މުހައްމަދު އިބްރާހިމްގެ ފަރާތުން ދިފާއީ ހެއްކެއް ހުށަހަޅާފައި ނުވެއެވެ.

މުހައްމަދު އިބްރާހިމް، ބުނެފައިވަނީ ހެކިންގެ ގޮތުގައި ހުށަހަޅަން ބޭނުންވަނީ ހާދިސާ ހިނގުމުގެ ކުރީ ދުވަހު މޫސާ އޭނާގެ ގައިގައި ތެޅިކަން އެނގޭ ހެކިންނާއި، ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި ބާސިތު އަދި ސަންފާ ކިޔާ މީހެއް ކަމަށެވެ. ނަމަވެސް އެ މީހުންގެ ފުރިހަމަ މައުލޫމާތެއް ހުށަހަޅާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ދައުލަތުން ފާހަގަކުރީ، ދެމީހުންގެ ދެމެދުގައި ހަމަނުޖެހުން ހިނގިކަމީ އިންކާރުކުރާކަމެއް ނޫން ކަމަށާއި، ބާސިތު ތަހުގީގަށް ދިން ބަޔާނުގައިވެސް ވަޅި ޖެހި މަންޒަރު ސާފުކޮށް ފެނިފައިނުވާކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ހެކިތަކަކީ ވަޅި ޖެހިއިރު ގަސްދެއް ނެތްކަން ސާބިތުކޮށްދޭ ހެކިތަކަކަށް ނުވާތީ، ދިފާއީ ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ނުދިނުމަށް ޝަރީއަތުން ވަނީ ނިންމައިފައެވެ.

ގާނޫނީ ގޮތުން ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުކުރުމަށް ދައުލަތުން ތިން ރުކުނެއް ސާބިތުކޮށްދޭން ޖެހެއެވެ. އެއީ މަރުވި މީހާއަކީ ލޭގެ ރައްކާތެރިކަން ލިބިގެންވާ މީހަކަށް ވުމާއި، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހާ މަރުވުމުގެ އަމަލު ހިންގުމުގެ އިތުރުން މެރުމުގެ ގަސްދު އޮތުމެވެ. މުހައްމަދު އިބްރާހިމް، ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ އަމަލަށް އިއުތިރާފުވެފައިވާތީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް އިތުރަށް ނުނެގުމަށް ޝަރީއަތުން ވަނީ ކަނޑައަޅައިފައެވެ.

ނަމަވެސް، މި މައްސަލައިގައި ކިތާބީ އަދި މާއްދީ ގިނަ ހެކިތަކަކަށް ޝަރީއަތުން ވަނީ ރިއާޔަތްކޮށްފައެވެ. އޭގެ ތެރޭގައި ފުލުހުންގެ ފޮޓޯ ރިޕޯޓާއި، މާވަށު ސިއްހީ މަރުކަޒުގެ މެޑިކޯ-ލީގަލް ރިޕޯޓާއި، އިންޑިއާގެ ޓްރިވަންޑްރަމް މެޑިކަލް ކޮލެޖުގެ ޕޯސްޓްމޯޓަމް ރިޕޯޓާއި، ޑީއެންއޭ އަދި ވީޑިއޯ އެނަލިސިސް ރިޕޯޓުގެ އިތުރުން ހަމަލާދިނުމަށް ބޭނުންކުރި ވަޅި ހިމެނެއެވެ. މީގެ އިތުރުން، ހާދިސާ ހިނގައިދިޔަ ގޮތާ ގުޅޭގޮތުން ދައުވާ ލިބޭ ފަރާތުން ދެއްކި ވާހަކަތަކުގެ ސައްހަކަން ދެނެގަތުމަށްޓަކައި، ކޯޓުން ވަނީ އެކްސްޕާޓަކު ހާޒިރުކޮށް، އެކްސްޕާޓުގެ ކުރިމަތީގައި ޑެމޮންސްޓްރޭޝަން އެވިޑެންސްއެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މައްސަލައިގެ ހުލާސާ ބަޔާން އިއްވަވަމުން ދައުލަތުން އެދިފައިވަނީ، ދައުވާ ލިބޭ ފަރާތުގެ އިއުތިރާފާއި ހުށަހެޅިފައިވާ ގަރީނާތަކުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. މުހައްމަދު އިބްރާހިމްގެ ފަރާތުން ވަނީ މިއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ބުނާ ވާހަކަ ތަކުރާރުކޮށްފައެވެ.

ކުށުގެ އަމަލު ހިންގި ސީން ރީކްރިއޭޓްކޮށް، ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ޑރ. ހަސަން އުމަރުގެ ހާޒިރުގައި ދެއްކި ޑެމޮންސްޓްރޭޝަނާއި، މެޑިކަލް ރިޕޯޓްތަކަށް ބަލާއިރު މުހައްމަދު އިބްރާހީމްގެ ވާހަކަތަކާ ދިމާނުވާކަން ޝަރީއަތަށް ވަނީ ސާބިތުވެފައެވެ. ފޮރެންސިކް ޕެތޮލޮޖިސްޓުގެ ހެކިބަހުގައި ބަޔާންކޮށްފައިވާ ގޮތުގައި، މޫސާ އިބްރާހީމްގެ ކަރަށް ލިބިފައިވާ ޒަހަމަކީ ކުރިމަތިން ވާތްފަރާތަށް ލިބިފައިވާ 3.1 އިންޗި ފުން، ކްލީން ކަޓެކެވެ. އަދި އެ ހަމަލާ ދީފައިވަނީ މުހައްމަދު އިބްރާހީމް ކުރިމަތީގައި ހުރެ ކަނާތުން ޖެހި ޖެހުމަކުން ކަމަށް ބެލެވޭ ކަމަށާއި، އޭނާ ބުނާ ފަދައިން ފުރަގަހުން އެނބުރިގަތް ވަގުތު އެފަދަ ފުން އަނިޔާއެއް ލިބުމަކީ ނާދިރު ކަމެއްކަމަށް އުމަރު ވިދާޅުވެފައިވެއެވެ. އެ ހަމަލާގެ ސަބަބުން ކަރުގެ މައި ނާރުތައް ބުރިވެ، ހަމަލާދިންތާ މިނެޓެއްހާއިރު ތެރޭގައި މޫސަގެ ފުރާނަ ގޮސްފައިވާކަމަށް އުމަރު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ސިއްރު ހެކިވެރިއަކު ދިން ހެކި ބަހުގައި ބުނެފައިވަނީ، ހާދިސާ ހިނގުމުގެ ކުރިން މުހައްމަދު އިބްރާހީމް މަގުމަތީގައި ހިނގާފައި ދިޔައިރު އޭނާގެ ޖީންސުގެ ކަނާތްފަރާތު ޖީބުގައި ނުވަ އިންޗީގެ ވަޅިއެއް ތިލަ މައްޗަށް ވާގޮތަށް ޖަހާފައި ހުރި ކަމަށެވެ. އަދި މޫސާ ސައިކަލުގައި އައިސް އޭނާގެ ގަމީހުގައި ހިފުމާއެކު، ވަޅިން ހަމަލާދީފައިވަނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަމަށެވެ.

އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމާފައިވަނީ މުހައްމަދު އިބްރާހީމް ދިފާއުގައި ދެއްކި ވާހަކަތަކަކީ އަމިއްލަ ވާހަކަތަކެއް ކަމަށާއި، އޭނާގެ މައްޗަށް ގަސްދު މަރާލުމުގެ ނިޔަތް އޮތްކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އެގޮތުން، ހަމަލާ ދިނުމަށް ތައްޔާރުވެ ވަޅި ގެންގުޅުމާއި، ހަމަލާ ދިނުމަށްފަހު އެހީވުމުގެ ބަދަލުގައި ފިލަން ދުވުމާއި، ބޭނުންކުރި ވަޅި މޫދަށް އެއްލާލައި ހެކި ނައްތާލުމަށް ޕޮލިސް ސްޓޭޝަނަށް ވަދެ ގަޔަށް ފެން އެޅުން ފަދަ އަމަލުތަކުން ކުށުގެ ނިޔަތް ސާފުވާކަމަށް ޝަރީއަތުން ކަނޑައެޅިއެވެ.

އެހެންވެ، ޝަރީއަތުން ހުކުމްކުރީ މުހައްމަދު އިބްރާހިމްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއިި، އަދި ގާނޫނުގައިވާ ގޮތުގެ މަތިންނާއި، ވާރިސުންގެ ބަހަށް ރިއާޔަތްކޮށް، މުހައްމަދު އިބްރާހީމް މެރުމަށެވެ.

މި މައްސަލަ ބެއްލެވީ އިސް ގާޒީ އާދަމް މުހައްމަދެވެ.