ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރަން މަޖުބޫރުކުރާ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ އިންޒާރު، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20 ޕަސަންޓު އެމްއެމްއޭއަށް މިހާރު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު 40 ޕަސަންޓަށް އިތުރުކޮށް، މާރުކުރަން ޖެހޭ މުއްދަތު މަސް ދުވަހަށް މަދުކުރަން ނިންމާފައިވާކަން އިއުލާންކުރައްވައިފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ ބޭރު ފައިސާއިން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތަކެއް އޮތް ތަންތަނެވެ. އަދި އޭގެ ތެރެއިން ގިނަ ރިސޯޓުތަކަކީ ބޭންކުތަކުން ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން ފައިނޭންސްކޮށްފައިވާ، ބޭރުގެ އިންވެސްޓަރުންގެ ހިއްސާ އޮންނަ ތަންތަން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓުކުރަން ޝައުގުވެރިވި މައިގަނޑު ސަބަބަކީ ވާދަވެރި މާހައުލެއްގައި އެކަށީގެންވާ ފައިދާއެއް ލިބޭނެކަމުގެ ޔަގީންކަން އޮތުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން އެ ފުރުސަތު ހަނިވެ، އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ދިގު މުއްދަތުގެ ހަމަޖެހުމަށް ނުރައްކާވެދާނެ ކަމަށް ވެސް ނަޝީދު ވަނީ އިންޒާރުދެއްވައިފައެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ވިދާޅުވެފައިވަނީ، ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށް ތިން ފިޔަވަޅެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެ ފިޔަވަޅުތައް ވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

އެގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ:

  • ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 20 ޕަސަންޓު އެމްއެމްއޭއަށް މާރުކުރަން ޖެހޭ ގޮތަށް އޮތް އިސްލާހު ބަދަލުކޮށް 40 ޕަސަންޓަށް އިތުރުކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހު ކުރުން
  • ރިސޯޓުތަކުން އެމްއެމްއޭއަށް ޑޮލަރު މާރުކުރަން ޖެހޭ މުއްދަތު ތިން ދުވަހުން އެއް ދުވަހަށް ބަދަލުކުރުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހު ކުރުން
  • ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ޑޮލަރު ހޭދަކުރާ ގޮތް މޮނިޓާކުރުން

މުނައްވަރު ވިދާޅުވެފައިވަނީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބްލެކްމާކެޓުގައި ޑޮލަރު މާރުކުރާ ކަމަށެވެ.

މުނައްވަރު އިތުރަށް ވިދާޅުވެފައިވަނީ، އެމްއެމްއޭއަށް ޑޮލަރު މާރުކުރާ މިންވަރު 40 ޕަސަންޓަށް އިތުރުކުރުމުން އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރު ދޫކުރެވޭ މިންވަރު އިތުރުވާނެ ކަމަށާއި އޭރުން ބޭންކުތަކުން ޓީޓީއަށް ދޫކުރާ ޑޮލަރުގެ މިންވަރުވެސް އިތުރުކުރެވޭނެ ކަމަށެވެ.

އެމްއެމްއޭއިން އަޅަން ނިންމާފައިވާ އެ ފިޔަވަޅުތަކާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މާރުކުރަން ޖެހޭ މިންވަރު 40 އިންސައްތައަށް ބޮޑުކުރުމަކީ ރިސޯޓުތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށް މަޓީން ފާހަގަކުރެއެވެ.