މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްއަފޫރުގެ މައްޗަށް ދައުލަތަށް ދެއްކުމަށް ކޯޓުން ހުކުމްކުރި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއްކޮށް ދައްކައި ހަލާސްކޮށްފައިވާތީ، އެ މައްސަލައިގެ ހުކުމް ތަންފީޒުވެ ނިމިއްޖެކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަދީބުގެ މައްޗަށް ކުށް ސާބިތުވެގެން، ކްރިމިނަލް ކޯޓުން އިއްވި ހުކުމާ ގުޅިގެން ހިނގަމުންދިޔަ މައްސަލައެކެވެ. އެ ގަޒިއްޔާއިން އަދީބުގެ މައްޗަށް 5 އަހަރާއި 11 މަހާއި 21 ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން، 1,000,000 ރުފިޔާއިން ޖޫރިމަނާކޮށް، 5 އޮކްޓޫބަރު 2020 އިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ހަލާސްކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް، ކަނޑައެޅުނު މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާތީ، ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެޓާނީ ޖެނެރަލް އޮފީސް (އޭޖީއޯ) ވަނީ 14 އޯގަސްޓް 2022 ގައި ސިވިލް ކޯޓަށް ރަހުނު ނުހިމެނޭ ފައިސާގެ ތަންފީޒީ ދައުވާއެއް ހުށަހަޅާފައެވެ. އަދި މަދަނީ އިޖުރާއާތުގެ ގާނޫނުގެ ދަށުން މި މައްސަލައިގެ ތަންފީޒީ ނޯޓިސް 16 މާޗު 2023 ގައި އަދީބަށް ވަނީ ރައްދުކޮށްފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ކުރިއަށްދަނިކޮށް، އަދީބުގެ ފަރާތުން ވަނީ ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާ ދެ ފަހަރެއްގެ މަތިން ދައްކައި ނިންމާފައެވެ. އެގޮތުން އަދީބު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު 100،000 ރުފިޔާ ދައްކައިފައެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު ވަނީ 900،000 ރުފިޔާ ދައްކައިފައެވެ.
އެ ފައިސާ އެއްކޮށް ދައްކައި ހަލާސް ކޮށްފައިވާކަން މީރާއިން އެޓާނީ ޖެނެރަލްގެ އޮފީހަށް އެންގުމާ ގުޅިގެން، ދައުލަތުން ވަނީ މިމަހު 19 ވަނަ ދުވަހު ކޯޓަށް ބަޔާންދީ، އެ މައްސަލައިގައި ހޯދަން އެދުނު ޖޫރިމަނާ ފައިސާ އެއްކޮށް ލިބިފައިވާތީ ހުކުމް ތަންފީޒުވެފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.
މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ކުރެއްވި ހުކުމުގައި ބަޔާންކުރައްވާފައިވަނީ، އަދީބު، ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާ އެއްކޮށް ދައްކައި ހަލާސް ކޮށްފައިވާކަން ލިޔެކިޔުންތަކުން ސާބިތުވާތީ، ކުރިމިނަލް ކޯޓުގެ ގަޒިއްޔާއިން ތަންފީޒުކުރަން އެންގި އެންގުން ފުރިހަމަވެ، ހުކުމް ތަންފީޒުވެފައިވާ ކަމަށެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް
ކޮމެންޓް