ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތައާރަފުކުރުމަށް ކުރިއަށްގެންދާ "ޕީޖީއޯ 2.0" މަޝްރޫއު ނިމުމުން، ބޮޑެތި މައްސަލަތައްވެސް އެންމެ ގިނަވެގެން 48 ގަޑިއިރު ތެރޭގައި ކޯޓަށް ފޮނުވޭނެކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، 12 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ހިދުމަތްތައް ޒަމާނީ ފެންވަރަކަށް ޑިޖިޓަލައިޒްކޮށް، އަދުލުއިންސާފު ގާއިމުކުރުމުގެ މަރުހަލާތައް ހަލުވިކުރުން ކަމަށެވެ.

"އަޅުގަނޑުމެން ސްކޭން ކޮށްގެން، އިލެކްޓްރޯނިކް ފައިލް ޕްރޮސެކިއުޓަރާ ހަމައަށް ދާއިރު 15 މިނެޓް ތެރޭ ހުރިހާ ކަމެއް ވެގެންދާނެ. އަޅުގަނޑުމެން އެންމެ އަވަހަށް ވެސް ވަގުތު ނަގާ މައްސަލަތައް 24 ގަޑިއިރު 48 ގަޑިއިރުން (ނިންމާ މައްސަލަތައް) ދުވަހެއްގެ ދެބައިކުޅަ އެއްބައިން (ދެން ނިމޭނެ)" އައްބާސް ވިދާޅުވިއެވެ.

"އޭގެ މާނައަކީ ހަ ގަޑިއިރު ތެރެއިން އެ މަސައްކަތް ކުރެވޭނެ. ބޮޑެތި މައްސަލަތައްވެސް ގިނަވެގެން 48 ގަޑިއިރު ތެރޭ އަޅުގަނޑުމެންނަށް ކޯޓަށް ފޮނުވޭ ވަރަށް މަސައްކަތް ކުރާނެ،"

އަދި ތަހުގީގު އިދާރާތަކުން ހުށަހަޅާ ލިޔެކިޔުންތަކަށް ކުރިން ފަސް ދުވަހުން ދެމުން އައި ޖަވާބު، އެ ނިޒާމުގެ ތެރެއިން އެ ދުވަހުން އެ ދުވަހަށް ދެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ބޭނުންކުރާ އޭއައި ސޮފްޓްވެއާއަކީ ޕީޖީ އޮފީހުން އަމިއްލައަށް ތަރައްގީކުރާ ވަސީލަތަކަށް ވާތީ، ޒާތީ މައުލޫމާތުތަކުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވޭނެކަމަށް އައްބާސް ވިދާޅުވިއެވެ.

އެ މަޝްރޫއު ނިމުމުން، ޕީޖީ އޮފީހުގެ ކައުންޓަރުތަކުން ދެމުން އައި ހުރިހާ ހިދުމަތެއް "އީ-ދޮރޯށި" އަދި އީފާސް މެދުވެރިކޮށް އޮންލައިންކޮށް، 24 ގަޑިއިރު ރައްޔިތުންނަށް ލިބެން ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.