ރާއްޖޭގެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓް (އެސްޕީޕީ) އާ ދެމެދު ރަސްމީ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އެސްޕީޕީގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޕްރޮސިކިއުޓާ ޖެނެރަލް ޔިންގް ޔޮންގްއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެ ގައުމުގެ ޕްރޮސިކިއުޓާ ޖެނެރަލުން ވަނީ ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފައެވެ. މި މަޝްވަރާތަކުގައި ދެ ގައުމުގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލުންނާއި ދެ އޮފީހުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
ޕީޖީ އޮފީހުން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ޖިނާއީ އަދުލުގެ ނިޒާމު ޑިޖިޓަލްކުރުމާއި، ދައުވާކުރުމުގެ މަރުހަލާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން ކަމަށެވެ. މީގެ އިތުރުން، ދެ އޮފީހުގެ ދެމެދުގައި މިހާރު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އިއްޔެ ސޮއިކުރި އެއްބަސްވުމަކީ މެއި 2017 ގައި ދެ އޮފީހުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ބަދަލުގައި، އެ އެއްބަސްވުން އާކުރުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން، ޕްރޮސިކިއުޓަރުންނަށް ފަންނީ ތަމްރީނު ދިނުމާއި ދިރާސާކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ އޮފީހުން އެއްބަސްވާ އެހެނިހެން ދާއިރާތަކުން އެއްބާރުލުން ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ބަދަލުކުރެވޭ ސިއްރު މައުލޫމާތު ރައްކާތެރިކުރުމުގެ އޮނިގަނޑެއް ވެސް ވަނީ އެކުލަވާލައިފައެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ އެސްޕީޕީއާއި ރާއްޖޭގެ ޕީޖީ އޮފީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި އަމަލީ ގޮތުން އެއްބާރުލުން ދިނުމާއި، ފަންނީ ގޮތުން ކުރިއެރުން ހޯދުމުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އިލްމާއި ތަޖުރިބާ ހިއްސާކުރުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ވެސް އެ އޮފީހުން ފާހަގަކުރެއެވެ.
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ކޮމެންޓް