ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރިނަމަވެސް ގޮތް ނިންމާނީ އެ އޮފީހުގައި މަސައްކަތްކުރާ ޕްރޮސެކިއުޓަރުންނާއި ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައްބާސް ރޭ ވިދާޅުވީ، ޕީޖީގެ މަސައްކަތްތަކަށް އޭއައި ތައާރަފުކުރުމަށް ކުރިއަށްގެންދާ "ޕީޖީއޯ 2.0" މަޝްރޫއު ނިމުމުން، ބޮޑެތި މައްސަލަތައްވެސް އެންމެ ގިނަވެގެން 48 ގަޑިއިރު ތެރޭގައި ކޯޓަށް ފޮނުވޭނެކަމަށެވެ.

އެ މައްސަލަކަށް ހައްލު ހޯދަން އޭއައި އިން މައުލޫމާތު އެއްކުރި ނަމަވެސް މައްސަލަތަކަށް ހައްލުހޯދައި، ގޮތް ނިންމާނީ ޕްރޮސެކިއުޓަރުންނާއި ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް އައްބާސް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އޭއައި ބޭނުންކުރަން ފެށުމުން ޕްރޮސެކިއުޓަރަކާ ހަމަހަޔަށް ގޮތެއް ނިންމަން އަންނައިރު އެކަމާ ގުޅުންހުރި ވަރަށް ފުރިހަމަ މައުލޫމާތު ލިބޭނެ ކަމަށެވެ.

"މިހާރާ ތަފާތުވާނެ. މިހާރު އަންނާނީ އަވަސްކުރުމަށްޓަކައިވެސް އެހެން ސަބަބުތަކާހެދިވެސް، ޕްރޮސެކިއުޓަރުން ބައްލަވާފަ އެ ގެނެވޭ އެއްޗެއް ގެންނާނީ. އޭގެ މައްޗަށް ބިނާކޮށް ޑިޒިޝަން މި ނަގަނީ. ނަމަވެސް އޭއައި ބޭނުންކުރަންފެށީމަ އަންނަ ތަފާތަކީ، އޭރުން އަންނާނީ 2008 އިން ފެށިގެން މިހާތަނަށް ހުރިހާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް މައުލޫމާތު އަންނާނީ." އައްބާސް ވިދާޅުވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ އޭއައިން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޕީޖީން ނިންމާ ނިންމުންތަކަކީ އޭގެ ސަބަބުން އަދުލު އިންސާފު ގާއިމުކުރުމަށް ފަސޭހަވެގެންދާނެ ނިންމުންތަކެއް ކަމަށެވެ.

"ޕްރޮސެކިއުޓަރުން ނަގާ ޑިޒިޝަނަކީވެސް މިހާރަށްވުރެ ރަނގަޅު މިހާރަށްވުރެ އޭގެ ސަބަބުން އަދުލު އިންސާފު ގާއިމުކުރުމަށް ފަސޭހަވެގެންދާނެ ޑިޒިޝަންތަކަކަށް ވެގެންދާނެ. އެހެންވީމަ ޑިޒިޝަން ނަގާނީ، ޕްރޮސެކިއުޓަރުންނާއި ޕްރޮސެކިއުޓާ ޖެނެރަލް. އެ ޑިޒިޝަން ނެގުމަށް އެހީތެރިވެދޭނީ އޭއައީ. އެއްވެސް ވަރަކަށް އިންފްލުއަންސެއް ނުކުރެވޭނެ އޭއައި ކުރާ ހުރިހާ ކަމަކީ އަބަދުވެސް އިންސާނުންނަށް ބަދަލުކުރެވޭނެ ކަންކަން. އޭއައި އިން ކޮންމެ ޑިޒިޝަނެއް ނަގަން ބުނެދިނަސް ނުވަތަ ކޮންމެ މައުލޫމާތެއް ދިނަސް، ޑިޒިޝަން ނަގާނީ އިންސާނެއް. އިންސާނެއްގެ ސިނކުޑިން ވިސްނާފަ." އައްބާސް ވިދާޅުވިއެވެ.

އޭއައިން ލިބޭ އިތުރު ފަސޭހައަކީ 24 ގަޑިއިރު ކުރާ މަސައްކަތް 8 ގަޑިއިރު ކުރާންޖެހޭގޮތަށް ބަދަލު އައުން ކަމަށް އައްބާސް ވިދާޅުވިއެވެ. އެ ބަދަލުން ޕީޖީގެ މުވައްޒަފުން، ގިނަ ވަގުތު އޮފީހުގައި މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް އައްބާސް ފާހަގަކުރެއްވި އެވެ. ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ޕީޖީގެ މުވައްޒަފުންނަށް އާއިލީ ގުޅުން ބަދަހިކުރަން ވަގުތު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އޭއައި ޓެކްނޮލޮޖީއަށް ބަދަލުކުރުމަށް ފަށާފައިވާ "ޕީޖީއީ 2.0" މަސައްކަތަށް 12 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ވިދާޅުވިއެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މަޝްރޫއު ނިމުމުން އެ އޮފީހުގެ ކައުންޓަރުތަކުން ފޯރުކޮށްދޭ ހިދުމަތްތައް މުޅިން އޮންލައިން ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެތެރޭ "އީ-ދޮރޯށި އަދި އީފާސް މެދުވެރިކޮށް، އޮފީހަށް ހާޒިރުވާން ނުޖެހި 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތްތައް ލިބިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އައްބާސް ވިދާޅުވިއެވެ.