ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ހިންގުން ހަރުދަނާކޮށް، މަސައްކަތްތައް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް ބަދަލުކުރުމަށް ފަށާފައިވާ "ޕީޖީއީ 2.0" މަސައްކަތައް 12 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ.

.ދައުލަތުގެ މީޑިއާގ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މަޝްރޫއު ނިމުމުން އެ އޮފީހުގެ ކައުންޓަރުތަކުން ފޯރުކޮށްދޭ ހިދުމަތްތައް މުޅިން އޮންލައިން ވެގެންދާނެ ކަމަށެވެ. އެގޮތުން "އީ-ދޮރޯށި އަދި އީފާސް މެދުވެރިކޮށް، އޮފީހަށް ހާޒިރުވާން ނުޖެހި 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތްތައް ލިބިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ އެ މަޝްރޫއު ނިމުމުން އިލެކްޓްރޯނިކް ފައިލްތައް ސްކޭންކޮށްގެން ޕްރޮސެކިއުޓަރާ ހަމައަށް ވާސިލުވުމަށް ނަގާނީ އެންމެ 15 މިނެޓު ކަމަށެވެ. މީގެއިތުރުން، ކުރިން 24 ގަޑިއިރާއި 48 ގަޑިއިރުން ނިންމާ މައްސަލަތައް އެންމެ 6 ގަޑިއިރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި، ބޮޑެތި މައްސަލަތައްވެސް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ފޮނުވޭނެކަމަށް އައްބާސް ވިދާޅުވިއެވެ.

އަދި ތަހުގީގީ އިދާރާތަކުން ހުށަހަޅާ ލިޔެކިޔުންތަކަށް ޖަވާބު ދިނުމުގައި ކުރިން ހޭދަވި ފަސް ދުވަހުގެ ބަދަލުގައި، ދެން އެ ދުވަހުން އެ ދުވަހަށް ޖަވާބު ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އެ ނިޒާމުގައި ބޭނުންކުރާ އޭއައި ވަސީލަތްތަކަކީ އެ އޮފީހުން އަމިއްލައަށް ތަރައްގީކުރާ ވަސީލަތްތަކަކަށް ވާތީ، ޒާތީ މައުލޫމާތުތަކުގެ ރައްކާތެރިކަން ފުރިހަމައަށް ދެމެހެއްޓޭނެކަމަށް އައްބާސް ވިދާޅުވިއެވެ.