ކުޅިވަރަކީ ބިލިއަނުން ޑޮލަރު އިންވެސްޓްކޮށް، ގިނަ ބައެއްގެ މަސްލަހަތާއި ވިޔަފާރިތައް އެކުލެވިގެންވާ ބޮޑު ސިނާއަތަކަށް ވުމާއެކު، އެ ދާއިރާގައި ކޮރަޕްޝަނާއި ރާވައިގެން ހިންގާ ބޮޑެތި މާލީ ކުށްތައް އިތުރުވަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެސީސީން މިއަދު އާންމުކުރި "ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓު" ގައިވާ ގޮތުން ކުޅިވަރުގެ ދާއިރާއަކީ އޯގަނައިޒްޑް ކްރައިމްސްގެ ތެރޭގައި ހިންގާ މާލީ ކުށްތަކުން ހޯދާ ފައިސާ ލޯންޑާ ކުރުމަށް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރަމުންދާ ދާއިރާއެކެވެ. އޭގެ މައިގަނޑު ސަބަބަކީ ކުޅިވަރު ކްލަބް ޖަމިއްޔާތައް ޒިންމާދާރުކުރުވައި، ޖަވާބުދާރީ ކުރުވާނެ އެކަށީގެންވާ ނިޒާމެއް ނެތުންކަމަށް ރިޕޯޓުގައި ބުންޏެވެ.

ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ހަވާލާދީ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ކުޅިވަރު ދާއިރާގައި ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރާނެ ފަރާތްތައް މަދުވުމާއި، ގާނޫނުން އެ ޒިންމާ ވަކި އިދާރާއަކާ މަތިނުކޮށް އޮތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

މީގެ އިތުރުން މެޗުތަކުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ރެފްރީންނާއި ކުޅުންތެރިންނަށް ރިޝްވަތު ދިނުމާއި، ޓްރާންސްފާ މާކެޓުގައި ނުބައްދަލު އަދަދުތަކުން ކިކްބެކްސް ނެގުމާއި، ސްޕޮންސާޝިޕް އަދި މީޑިއާ ރައިޓްސް ދިނުމުގައި ރިޝްވަތުގެ އަމަލުތައް ހިނގަމުންދާކަން އޭސީސީގެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

"މިހެން މިކަން ދިމާވާން މެދުވެރިވަނީ، މި ދާއިރާގައި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރާނެ ފަރާތްތައް މަދުވުމާއި، ގާނޫނުން މި ޒިންމާ ވަކި އިދާރާއަކާ މަތިނުކޮށް އޮތުމުގެ ސަބަބުން ކުރިމަތިވާ ހުސްކަމެއްގެ ސަބަބުންކަމުގައި އޫއެންއޯޑީސީއިން ފާހަގަކުރޭ" ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައި ބުނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ފެންމަތިވާ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމަށް ފީފާ އަދި އޭއެފްސީން ލިބުނު ފައިސާ، އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް، މަނީ ލޯންޑާ ކުރުމާއި ހިޔާނާތްތެރިވެފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ.

"ދިވެހިރާއްޖޭގައި، ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ކުޅިވަރު ކްލަބްތަކާބެހޭ އެކި ކަހަލަ ކަންބޮޑުވުންތައް ނޫސްތަކުގެ ސުރުހީއަށް އަރާ. ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުން އެކަންކަމާމެދު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރެވެމުންދެއެވެ. މި ކަންބޮޑުވުންތަކުން އެންމެ ފާހަގަކޮށްލެވޭ ކަންބޮޑުވުމަކީ، މި ފަދަ ޖަމުއިއްޔާ ޖަމާއާތްތަކަށް ލިބޭ ފައިސާ ހަރަދު ކުރާ ގޮތާއި، މި ފަދަ ޖަމުއިއްޔާ ޖަމާއަތްތައް ޒިންމާކުރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ދެފުށްފެނުމާއި ހާމަކަމާއެކު މަސައްކަތްކުރުމުގެ މަންޒަރު ފެނިގެންނުދިޔުމެވެ" ރިޕޯޓުގައި ބުންޏެވެ.

އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ކްލަބްތަކަށް ފައިސާ ބެހުމާއި، މުވައްޒަފުންނާއި ރެފްރީން އަދި ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ ސަބަބުން ކުޅިވަރުގެ މުޅި ހިންގުމަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައިކަމަށް ރިޕޯޓުގައި ބުންޏެވެ.

"ކުޅިވަރެއްގެ ތެރެއިން، މެޗެއްގައި، އަމިއްލަ މަންފާ ހާސިލުކުރުމަށް ކުރެވޭ ކޮރަޕްޝަން ހިމެނޭ އެތައް ކަމެއްވެއެވެ. މިސާލަކަށް، މެޗެއްގެ ރެފްރީ ނުވަތަ ކުޅުންތެރިންނަށް ރިޝްވަތު ދިނުމުގެ ސަބަބުން، މެޗެއްގެ ނަތީޖާ ބަދަލުކޮށްލެވެއެވެ. ކުޅުންތެރިންގެ ޓްރާންސްފާ މާކެޓަކީ ބޮޑެތި ފައިސާގެ އަދަދުތައް އޭގެތެރޭގައި ހިމެނޭ ވިޔަފާރިއަކަށް ވީހިނދު، ކުލަބުތަކުން ކުޅުންތެރިންގެ ޓްރާންސްފާއަށް އެއްބަސްވެގެން ނުބައްދަލު އަދަދުތަކުން ކިކްބެކްސް ނެގެއެވެ. އަދި ބޮޑެތި ކުންފުނިތަކާއި ސަރުކާރުތަކުން ކުޅިވަރާއި ގުޅުންހުރި އެކި ކޮންޓްރެކްޓް ހަދާއިރު، ސްޕޮންސާ ރައިޓްސް އަދި މީޑިއާ ރައިޓްސް ފަދަ ރައިޓްސްތަކުގައިވެސް ބޮޑެތި އަދަދުން ރިޝްވަތުދީ، އަދި ރިޝްވަތު ހިފާކަމަށް ތުހުމަތުކުރެވުން އެއީ މީގެތެރެއިން ހިމެނޭ ކަންކަމެވެ" ރިޕޯޓުގައި ބުންޏެވެ.

ރާއްޖޭގެ ކުޅިވަރު ގާނޫނާއި ގަވާއިދުތައް އޮތް ނަމަވެސް، އެ ދާއިރާގައި ހުރި ހުސްކަން ފިލުވައި، ކްލަބް ޖަމިއްޔާތައް ޒިންމާދާރުކޮށް ދެފުށްފެންނަ ގޮތެއްގައި ހިންގުމަށްޓަކައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ކޮންމެހެން މުހިންމުކަމެއްކަމަށް އޭސީސީން ބުންޏެވެ.