އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ދައުލަތުގެ ބަޖެޓުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދޭން ކަނޑައަޅާފައިވާ ބަޖެޓް ކުޑަކަމަށް ބުނެ އެ ކޮމިޝަނުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކޮމިޓީގެ މިއަދުގެ ބައްދަވުުމަށް އެ ކަންބޮޑުވުންތައް ހުށަހަޅުއްވަމުން، ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިލްފާ ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓްގައި އޭސީސީއަށް 53.9 މިލިޔަން ރުފިޔާގެ ބަޖެޓެއް ހިމަނައިދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދުނު ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މަޖިލިހަށް ބަޖެޓް ހުށަހަޅާފައި ވަނީ، އޭސީސީއަށް ހިމަނައިދޭން އެދުނު ބަޖެޓުން 6.4 މިލިޔަން އުނިކޮށް 47.5 މިލިޔަން ރުފިޔާގެ ބަޖެޓެއް އޭސީސީއަށް ދޭން ކަމަށެވެ.
ނިލްފާ ވިދާޅުވީ، އޭސީސީގެ ބަޖެޓް މިހާރު ބެހިފައިވާގޮތުން، މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކާއި ޔުޓިލިޓީ އަދި ސާވިސް ހަރަދަށް ކަނޑައިފައި ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކޮށް، ކޮމިޝަންގެ ހަރަކާތްތައް ހިންގަން ލިބެނީ އެންމެ 1.2 މިލިޔަން ރުފިޔާ ކަމަށެވެ.
އެގޮތަށް ހިންގަން ހުރި ހަރަކާތްތަކަށް މިހާރު ބަޖެޓް ބަހާލާއިރު، ތަހުގީގު ދަތުރުތަކަށް ދެލައްކަ ރުފިޔާ، ހޭލުންތެރިކަން އިތުރު ކުރުމަށް އެއްލައްކަ ރުފިޔާ، އަދި ޕްރިވެންޝަންގެ މަސަައްކަތްތަކަށް އެއްލައްކަ ރުފިޔާ، މުވައްޒަފުން ތަމްރީނުކޮށް ތާޒާ ކުރުމަށް 391000 ރުފިޔާ ބޭރުގެ މުއައްސަސާތަކާ ގުޅުން ބަދަހި ކުރުމަށް ހިމެނެނީ 371000 ރުފިޔާ ކަަމަށްވެސް ވިދާޅުވިއެވެ.
ނިލްފާ ވިދާޅުވީ، ކޮންމެ ގޮތަކުން ނަމަވެސް އޭސީސީއަށް އިތުރު ބަޖެޓް ލިބެން ޖެހޭ ކަމަށެވެ.
އިބްރާހިމް ޒަކީ
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
ކޮމެންޓް