އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިންގަން، 2022 އިން 2025 އަށް ދައުލަތުން ހޭދަކުރި ކޮންމެ އެއް ރުފިޔާ އަކަށް 2.9 ރުފިޔާ އަނބުރާ ދައުލަތަށް ހޯދަން އެދިފައިވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމަށް ޓަކައި މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި، އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ވޭތިވެދިޔަ ތިން އަހަރު އެ ކޮމިޝަނަށް 70 މިލިއަން ރުފިޔާ ދައުލަތުން ހޭދަކުރި އިރު ތަހުގީގުތައް ނިންމައި ދައުލަތަށް ގެއްލުނު 206 މިލިއަން ރުފިޔާ ހޯދަން އެ ކޮމިޝަނުން އެދިފައިވާނެ ކަމަށެވެ.

ޝާމިލް ވިދާޅުވީ، ގާނޫނީ ގޮތުން އެ ކޮމިޝަނަށް އޮންނަ ޒިންމާއަކީ ތަހުގީގުތައް ހިންގައި އެ ފައިސާ ހޯދުމަށް އިދާރާތަކަށް އެންގުން ކަމަށެވެ.

ކޯޓުތަކަށް ގޮސް އެ ފައިސާ ހޯދުމުގެ ބާރު ކޮމިޝަނަށް ނޯންނަ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކަމަކީ ކޮމިޝަންގެ މަސްއޫލިއްޔަތު އަދި ބާރު ތެރޭގައި ވެސް ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ޝާމިލް ވިދާޅުވީ އެ ކޮމިޝަނަށް ދައުލަތަށް ހަރަދުކުރި އަދަދަށް ވުރެ މާބޮޑު އަދަދެއް ހޯދަން އެދިފައިވާއިރު، ފައިސާގެ ނިސްބަތުން ބަލާއިރު އެ ކޮމިޝަނަށް ނަތީޖާ ނެރެވޭ ކަމަށެވެ. އަދި އެ ކޮމިޝަނުން ހިންގި އެތައް ތަހުގީގަކުން ހިންގަމުން ދިޔަ ކަންކަން ތަހުގީގުކޮށް، އެކަންކަން ހުއްޓުވައި ދައުލަތުގެ ފައިސާ ރައްކާކޮށްދީފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޮޑިޓް ރިޕޯޓުތަކުން ފާހަގަވާ ކަންކަން ވެސް ތަހުގީގު ކުރުމުގެ ޒިންމާ އެކޮމިޝަންގައި އޮންނަ އިރު ކޮމިޝަންގެ ތަހުގީގު ކުރުމުގެ ފެންވަރު މިހާރަށް ވުރެ ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.