ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ހޯދުމަށް ބާސެލޯނާއިން ކުރި މަސައްކަތް ކާމިޔާބުކޮށް، 65 މިލިއަން ޕައުންޑްގެ އަގަކަށް އެއްބަސްވެއްޖެއެވެ.

ރޮޑްރީ، 30، ވޯލްޑް ކަޕްގައި ވިދާލި އިރު، ސްޕެއިނުން ތަށި ހޯދުމަށް ކުރި ދަތުރުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އޭނާއެވެ. މިދިޔަ ސީޒަނުގެ ބޮޑު ބައެއް އަނިޔާއެއްގައި ހޭދަކުރުމަށްފަހުވެސް ރޮޑްރީ ވަނީ ސްޕެއިނަށް މޮޅަށް ކުޅެ، މުބާރާތުގެ ރަން ބޯޅަވެސް ހޯދައިފައެވެ.

އަންނަ ސީޒަނުގެ ނިޔަލަށް ސިޓީއާއެކު ރޮޑްރީ ހަދާފައިވާ އެއްބަސްވުން ހަމަވާ އިރު، އެ އެއްބަސްވުން އާކުރުމަށް އޭނާގެ ވިސްނުން އެންމެ ކުރިންވެސް ގެންގުޅެފައެއް ނުވެއެވެ. ސިޓީ ދޫކޮށްލަން މާކުރިން ނިންމައި، ރޮޑްރީ އެކަމަށް މަސައްކަތްވެސް ކުރިއެވެ. ރެއާލް މެޑްރިޑާއި ބާސާއިން ރޮޑްރީ ގެންދަން މަސައްކަތް ކުރި އިރު، އޭނާ އެންމެ ފުރަތަމަވެސް މުސާރައިގެ އެއްބަސްވުމަކަށް އައީ ބާސާއާއެކުގައެވެ.

ސިޓީން ރޮޑްރީއަށް ބޭނުންވާ އަގަކީ 60 މިލިއަން ޕައުންޑް ކަމަށްވެސް ސްޕެއިން ނޫސްތަކުން ވަނީ ކުރިންވެސް ރިޕޯޓު ކޮށްފައެވެ. އެހެންކަމުން ބާސާއިން ކުރި ފުރަތަމަ ބިޑަށް އެޓީމުން ބުނީ ނޫނެކޭއެވެ. އެއީ 38.5 މިލިއަން ޕައުންޑްގެ ބިޑެކެވެ.

ދެހާސް ސައްވީސް ވަނަ އަހަރުގެ ބެލޮންޑިއޯ ހޯދި ރޮޑްރީގެ އަގަށް ދެޓީމުން އެއްބަސްވުމަކަށް އައިސްފައިވާ އިރު، އޭނާ ބާސާއާއެކު ސޮއިކުރަން ތައްޔާރުވެފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

ރޮޑްރީ ސިޓީގައި ހޭދަކުރި ދުވަސްތަކުގައި 12 ތަށި ހޯދާފައިވެއެވެ. އެއީ ހަތަރު ޕްރިމިއާ ލީހާއި ދެ އެފްއޭ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގާއި ތިން އިނގިރޭސި ލީގު ކަޕެވެ.

ސިޓީން މި ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ރޭ އާސެނަލާ ދެކޮޅަށް ނުކުތް އިރު، އެމެޗުގެ ސްކޮޑުގައި ރޮޑްރީ ނުހިމެނެއެވެ. އާ ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ސިޓީ ރޭ އާސެނަލް އަތުން ބަލިވީ 3-0 އިންނެވެ.