އިންޑޮނޭޝިއާގައި އޮންނަ އާސިއާން ކަޕްގައި ބައިވެރިވުމަށް އިންޑިއާއަށް ދިން ފުރުސަތު އެގައުމުން ދޫކޮށްލުމުން، އެ ޖާގަ ބަންގްލަދޭޝްއަށް ދޭން ނިންމައިފިއެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލުން، އިންޑިއާއާ ދެކޮޅަށް އޮކްޓޯބަރު މަހު އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމައިފައި އޮތުމާއެކު، އެގައުމުން ވާދަކުރަން ތައްޔާރުވި ފީފާ އާސިއާން ކަޕުން ވަކިވާން ނިންމީ މިދިޔަ ހަފުތާ ތެރޭގައެވެ.

އިންޑިއާއާ ދެކޮޅަށް ބްރެޒިލުން ކުޅޭ އެކުވެރިކަމުގެ މެޗު އަންނަ އޮކްޓޯބަރު މަހު ތިންވަނަ ދުވަހު ކަލްކަތާގައި އޮންނާނީ ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ. އެއީ ބްރެޒިލްގެ ހާއްސަ އޭޝިއާ ޓުއާގައި ހިމެނޭ މެޗެކެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލުން އޭޝިއާއަށް ކުރާ ދަތުރުގައި ފުރަތަމަ ކުޅޭނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އެއީ ސެޕްޓެމްބަރު 25 ވަނަ ދުވަހުއެވެ. އަދި އިންޑިއާއަށް ބްރެޒިލް ޓީމު ދާނީ ސެޕްޓެމްބަރު 29 ވަނަ ދުވަހުއެވެ.

ދުނިޔޭ ރޭންކިންގް 138 ވަނައިގައި މިވަގުތު އޮތް އިންޑިއާއިން ވަރުގަދަ ބްރެޒިލާ ދެކޮޅަށް ނުކުންނަން ތައްޔާރުވާ އިރު، މިއީ އިންޑިއާގެ ތާރީހުގައިވެސް ފީފާ ރޭންކިން ގަދަ ފަހެއްގައި ހިމެނޭ ޓީމަކާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރެވެ. ބްރެޒިލް މިވަގުތު އޮތީ ފީފާ ރޭންކިންގެ ފަސްވަނައިގައެވެ.

އިންޑިއާގެ ކޯޗުންނާއި ކުރީގެ ކުޅުންތެރިންވެސް އެދިފައި ވަނީ އާސިއާން ކަޕަށް ފޯކަސް ކުރުމަށެވެ. އަދި ބްރެޒިލް މެޗަކީ ފައިދާ ވާނެ މެޗެއް ނޫން ކަމަށްވެސް އެގައުމުގެ ތަޖުރިބާކާރުން ބުނެފައިވެއެވެ. އެ ވާހަކަތަކާއެކު އިންޑިއާއިން ވަނީ ދެމެޗުގައި ދެ ސްކޮޑެއް ބޭނުން ކުރުމަށް ފީފާގެ ހުއްދައަކަށްވެސް އެދިފައެވެ.

ހުއްދަ ލިބުނުކަން ޔަގީން ނުވާ އިރު، އިންޑިއާއިން ފުރުސަތު ދޫކޮށްލުމުން މިހާރު ސާފް ސަރަހައްދުން ޕާކިސްތާނާއި ބަންގްލަދޭޝް އާސިއާން ކަޕްގައި ވާދަކުރާނެއެވެ.

ބަންގްލަދޭޝްގެ ގައުމީ ޓީމު ކޮމިޓީން މަޝްވަރާ ކޮށްފައި ވަނީ އާސިއާން ކަޕްގައި ވާދަކުރުމަށް ނޫނީ އެ ދުވަސްވަރު އެގައުމުގައި ހަތަރު ގައުމު ވާދަކުރާ ފީފާ ފްރެންޑްލީ މުބާރާތެއް ބާއްވާ ގޮތަށެވެ. އެ މަޝްވަރާތަކުން ނިންމީ އާސިއާން ކަޕްގައި ވާދަކުރުމަކީ ކުރިއަށް އޮތް ނޮވެމްބަރު މަހު އަމިއްލަ ގައުމުގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން އެންމެ ރަނގަޅު މުބާރާތަށް ވާނެ ކަމަށެވެ.

އޭގެ އިތުރުން ބަންގްލަދޭޝްއިން އެގޮތަށް ނިންމީ އާސިއާން ކަޕްގައި ވާދަކުރާ ޓީމުތަކަށް ފީފާއިން ހާއްސަ ފަންޑެއް ދިނުމުގެ އިތުރުން ދަތުރާއި ހުރުންވެސް ހަމަޖައްސައިދޭތީއެވެ.

އާސިއާން ކަޕް ކުރިއަށް ދާނީ އަންނަ މަހު 24 އިން އޮކްޓޯބަރު ތިންވަނަ ދުވަހަށެވެ. އެއީ އަށް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މުބާރާތެކެވެ.