ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެނބުރި ގައުމަށް ވަޑައިގަތުމަށްޓަކައި އާ ޕާސްޕޯޓަކަށް އެދިވަޑައިގެންފިއެވެ. ކަމަނާ ގެންނަން ބޭނުންވަނީ އިންޑިއާއާއެކު އޮންނަ އެކްސްޓްރެޑިޝަން މުއާހަދާގެ ދަށުން ކަމަށް ބަންގްލަދޭޝް ސަރުކާރުން ބުނެއެވެ.
މި އަހަރުގެ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ހަސީނާ ނިންމަވައިފައިވާއިރު، އިނގިރޭސިވިލާތުގެ ގާނޫނީ ފާމެއް މެދުވެރިކޮށް އިންޑިއާގެ ނިއުދިއްލީގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނަށް އެ ކަމަނާ ވަނީ އާ ޕާސްޕޯޓަކާއި ގައުމީ އައިޑެންޓިޓީ ކާޑެއް ހެއްދުމަށް ހުށަހަޅުއްވައިފައެވެ.
2024 ވަނަ އަހަރުގެ އޮގަސްޓު މަހު ބަންގްލަދޭޝްގައި ހިނގި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން މަގާމުން އިސްތިއުފާދެއްވައި ހަސީނާ އިންޑިއާއަށް ވަޑައިގަތުމާ ގުޅިގެން، ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ އެ ކަމަނާގެ ޕާސްޕޯޓު ބާތިލުކޮށްފައެވެ.
މިކަމާ ގުޅިގެން ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުމާޔޫން ކަބީރު ވިދާޅުވެފައިވަނީ، ހަސީނާއަށް އާ ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި އެ ކަމަނާ ގައުމަށް ގެންނަން ބޭނުންވަނީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ކަމަށެވެ. ހަސީނާއަކީ ފިލައިގެން އުޅޭ ކުށްވެރިއެއް ކަމަށާއި، އެ ކަމަނާ އަނބުރާ ހަވާލުކުރުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ވިދާޅުވެފައިވާ ގޮތުގައި، ހަސީނާ ހުށަހެޅުއްވި ހުށަހެޅުމުގެ ގާނޫނީ ސައްހަކަން ސަރުކާރުން މިހާރު އަންނަނީ ބަލަމުންނެވެ.
2024 ވަނަ އަހަރުގެ މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވި މައްސަލައިގައި، ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ހަސީނާގެ މައްޗަށް ގައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވައިފައެވެ. އެހެންކަމުން އެ ކަމަނާ ގައުމަށް ވަޑައިގެންފިނަމަ ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ.
ޝައިޚް ހަސީނާ
ޝައިޚް ހަސީނާ
ޝައިޚް ހަސީނާ
ކޮމެންޓް