ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލުން، އިންޑިއާއާ ދެކޮޅަށް އޮކްޓޯބަރު މަހު އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމައި، އެކަން ރަސްމީކޮށް އިއުލާނު ކޮށްފައިވާ އިރު، އެ މެޗުގެ ތާރީހަކީ އާސިއާން ކަޕްގެ ތެރެއަށް ވަންނަ ތާރީހަކަށް ވާތީ މެޗަށް އަދި މުބާރާތަށް ވަކި ދެ ސަކޮޑު ބޭނުންކުރަން ފީފާއަށް އެދެން ނިންމާފައިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާއާ ދެކޮޅަށް ބްރެޒިލުން ކުޅޭ އެކުވެރިކަމުގެ މެޗު އަންނަ އޮކްޓޯބަރު މަހު ތިންވަނަ ދުވަހު ކަލްކަތާގައި އޮންނާނީ ވިވެކަންޑާ ޔޫވާ ބަރާތީ ކްރިރަންގަންގައެވެ. އެއީ ބްރެޒިލްގެ ހާއްސަ އޭޝިއާ ޓުއާގައި ހިމެނޭ މެޗެކެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލުން އޭޝިއާއަށް ކުރާ ދަތުރުގައި ފުރަތަމަ ކުޅޭނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އެއީ ސެޕްޓެމްބަރު 25 ވަނަ ދުވަހުއެވެ. އަދި އިންޑިއާއަށް ބްރެޒިލް ޓީމު ދާނީ ސެޕްޓެމްބަރު 29 ވަނަ ދުވަހުއެވެ.

ދުނިޔޭ ރޭންކިންގް 138 ވަނައިގައި މިވަގުތު އޮތް އިންޑިއާއިން ވަރުގަދަ ބްރެޒިލާ ދެކޮޅަށް ނުކުންނަން ތައްޔާރުވާ އިރު، މިއީ އިންޑިއާގެ ތާރީހުގައިވެސް ފީފާ ރޭންކިން ގަދަ ފަހެއްގައި ހިމެނޭ ޓީމަކާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރެވެ. ބްރެޒިލް މިވަގުތު އޮތީ ފީފާ ރޭންކިންގެ ފަސްވަނައިގައެވެ.

އެ މެޗު ދިމާވަނީ ފީފާއިން އިންތިޒާމުކޮށްގެން ބާއްވަން ތައްޔާރުވެފައިވާ ފީފާ އާސިއާން ކަޕް ތެރެއަށެވެ. އިންޑޮނޭޝިއާގައި އޮންނަ އާސިއާން ކަޕް އަންނަ މަހު 24 އިން އޮކްޓޯބަރު ތިންވަނަ ދުވަހަށް އެގައުމުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އެ މުބާރާތުގައި ވާދަކުރަން އިންޑިއާ ވަނީ ނިންމައިފައެވެ. އިންޑިއާއިން އާސިއާން ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާ، މެލޭޝިއާ އަދި ސިންގަޕޫރާ ވާދަކުރަން ޖެހޭ އިރު، މުބާރާތުގައި ކުރިއަށްދާނީ ގްރޫޕް އެއްވަނަ އެކަންޏެވެ.

"އޭއައިއެފްއެފްއިން ފީފާއަށް އަންގާނެ ބްރެޒިލް މެޗު ކުޅެ، މުބާރާތުގައިވެސް އިންޑިއާއިން ކުޅޭނެ ކަމަށް. އަދި މެޗުގައި ވަކި ސްކޮޑެއް، މުބާރާތުގައި ވަކި ސްކޮޑެއް ބޭނުންކުރަންވެސް ފީފާގައި އިންޑިއާއިން އެދޭނެ. އެއީ އަހަރެމެންނަށް އެންމެ ފަސޭހައިން މިވަގުތު ކަންތައް ކުރެވެން އޮތް ގޮތް،" އިންޑިއާ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިންޑިއާއިން އެހެން ނިންމަން މަސައްކަތް ކުރާ އިރު، އެގައުމުގެ ފުޓުބޯޅައަށް މިވަގުތު މުހިއްމީ އާސިއާން ކަޕް ކަމަށް ބުނެ ގިނަ ކޯޗުންނާއި ކުރީގެ ކުޅުންތެރިން ވަނީ ހިޔާލުފާޅުކޮށްފައެވެ. އެގޮތުން ކުރީގެ ޕޫނޭ ސިޓީގެ ކޯޗު، ޕްރަދްޔުމް ރެޑީއާއި މޯހަން ބަގާނާއެކު އައި ލީގު ކާމިޔާބުކުރި ސަންޖޯއީ ސެން ފަދަ ކޯޗުންވެސް ވަނީ އާސިއާން ކަޕަށް ސަމާލުކަން ބޮޑުކުރަން ގޮވާލައިފައެވެ. އޭގެ އިތުރުން ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ބައިޗުން ބުޓިއާއާއި ފްލޮއިޑް ޕިންޓޯ އަދި މެހްރާޖުއްދީން ވަޑޫވެސް ވަނީ ބްރެޒިލް މެޗަށް މާބޮޑު ސަމާލުކަމެއް ނުދޭން ގޮވާލައި، އެމެޗުން ފައިދާއެއް ނުކުރާނެ ކަމަށް ބުނެފައެވެ.