އިންޑިއާގެ ސިޔާސީ ލީޑަރު ބާބާ ސިއްދީޤީ އަވަހާރަކޮށްލި މައްސަލައިގައި ހޯދަމުންދާ ކުށްވެރިއެއްގެ ނަމުގައި ބޮލީވުޑް އެކްޓަރު ސައިފް އަލީ ޚާން މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ މައްސަލައެއް މުމްބާއީ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި އިންޒާރު ދީފައިވަނީ ސައިފް އަލީ ޚާންގެ ފޯނަށް ފޮނުވި އަޑު މެސެޖެއް މެދުވެރިކޮށެވެ. އެ މެސެޖުގައި ބާބާ ސިއްދީޤީއަށް ހެދި ގޮތް ސައިފަށްވެސް ހަދާނެ ކަމަށް ބުނެފައިވެއެވެ. އިންޒާރު ދީފައިވަނީ ބާބާ ސިއްދީޤީ މަރާލި މައްސަލައިގައި ހޯދަމުންދާ ޒީޝާން އަޚްތަރުގެ ނަމުގައެވެ.
މުމްބާއީ ފުލުހުން ބުނި ގޮތުގައި މި މެސެޖަކީ ހަގީގީ އިންޒާރެއްތޯ ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން އުފައްދާފައިވާ މެސެޖެއްތޯ އަންނަނީ ބަލަމުންނެވެ. މި މެސެޖު ފޮނުވި ފަރާތް ހޯދުމަށް ފޮރެންސިކް ތަހުގީގުތައް މިހާރު ދަނީ ކުރިއަށް ކަމަށްވެސް ބުނެފައިވެއެވެ.
މަހާރާޝްޓްރާގެ ކުރީގެ ވަޒީރު ބާބާ ސިއްދީޤީ ބަޑިޖަހައި މަރާލާފައިވަނީ 12 އޮކްޓޫބަރު 2024 ގައެވެ. އެ ހާދިސާއަށްފަހު އިންޑިއާގެ ފިލްމީ ތަރިންނަށް އިންޒާރު ދިނުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.
މީގެ ކުރިން ބޮލީވުޑްގެ އެހެން ތަރިން ކަމަށްވާ އާޔުޝްމާން ކުރާނާ އާއި ތުޝާރު ކަޕޫރަށްވެސް މިފަދަ އިންޒާރުތަކެއް ލިބިފައިވެއެވެ. އެ މައްސަލަތަކާ ގުޅިގެން ފުލުހުން ވަނީ އޭ.އައި ބޭނުންކޮށްގެން އިންޒާރު ދިން މީހަކު ހައްޔަރުކޮށްފައެވެ.
ސައިފް އަލީ ޚާނަށް މިފަދަ އިންޒާރެއް ލިބުނުއިރު، ޖެނުއަރީ 2025 ގައި އޭނާގެ ގޭގެ ތެރޭގައި ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައެއްވެސް ހިނގާފައިވެއެވެ. މުމްބާއީ ފުލުހުން އަންނަނީ މި ހުރިހާ މައުލޫމާތަކަށް ބަލައި ސައިފްގެ ސަލާމަތީ ކަންކަން ވަރުގަދަކުރަމުންނެވެ.
ކޮމެންޓް