ޗެލްސީއާ 2022 ވަނަ އަހަރު އަލަށް ހަވާލުވި ވެރިން ކާމިޔާބު ހޯދުމަށް ކުރާ މަސައްކަތް ޝައުގުވެރި ކަމަށާއި، އެ ކްލަބަށް ކުޅެން ލިބުނު ފުރުސަތަށް ނޫނެކޭ ނުބުނެވުނީ ފުރުސަތުގެ ބޮޑު ކަމުން ކަމަށް އަލަށް ކްލަބާ ގުޅުނު ޖޯޑަން ހެންޑަސަން ބުނެފިއެވެ.

ރަޝިއާއާއި ޔުކްރެއިންގެ ހަނގުރާމައިގެ ސަބަބުން ޗެލްސީގެ ކުރީގެ ވެރިޔާ، ރޯމަން އަބްރަމޮވިޗަށް އެ ކްލަބު ވިއްކާލަން މަޖުބޫރުވުމުން އެ ކްލަބު ވިއްކާލީ ޓެޑް ބޯލީގެ ގްރޫޕަކަށެވެ. ކްލަބުގެ ވެރިންނަށް އައި ބަދަލާއެކު އެތައް ސަގާފަތަކަށް ބަދަލު އައިސް، މިދިޔަ ދުވަސްތަކުގައި މާ ބޮޑު ޑޮމެސްޓިކް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. ލީގަށް ވާދަ ކުރާ ހިސާބުގައިވެސް ޗެލްސީއަށް ހިފަހައްޓާލެވިފައި ނުވާ އިރު، އެ ކްލަބުން ޓްރާންސްފާތަކުގައި ބޮޑަށް ވިސްނާފައި ވަނީ ޒުވާން ކުޅުންތެރިން ގެންދާށެވެ.

އެހެން ނަމަވެސް އެ ޕޮލިސީއަށް މިހާރު ދަނީ މަޑުމަޑުން ބަދަލު ގެންނަމުންނެވެ. ކޯޗު ޒަބީ އެލޯންސޯއާ ކްލަބު ހަވާލުކުރިފަހުން 35 އަހަރުގެ ޑެނީ ވެލްބެކާއި 36 އަހަރުގެ ހެންޑަސަން ކްލަބަށް ގެންގޮސްފައިވެއެވެ. އިންގްލެންޑް ގައުމީ ޓީމުގެ ހެންޑަސަން ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އިއްޔެ އެ ކްލަބާ ގުޅުނީ ބްރެންޓްފޯޑުންނެވެ.

"މި ކްލަބުގެ ބޮޑު މިނަށް ބެލިޔަސް، ކްލަބުގައި ހުރި ކޯޗަށް ބެލިޔަސް، ކުޅުންތެރިންގެ ކޮލިޓީއަށް ބެލިޔަސް ލިބުނު ފުރުސަތުގެ ބޮޑުކަން އެނގޭ. މި ފުރުސަތަށް އަހަންނަށް ނޫނެކޭ ބުނެވޭކަށް ނެތް. އަހަންނަށް ދެން އިތުރަށް ޝައުގުވެރިވި ކަމަކީ، ކްލަބުގެ ވެރިން ކާމިޔާބު ހޯދުމަށް އެ ގެންދާ މިސްރާބު. އެ ކުރާ މަސައްކަތް،" ހެންޑަސަން ބުންޏެވެ.

މިދިޔަ ސީޒަނުގައި ބްރެންޓްފޯޑަށް 34 މެޗު ކުޅުނު ހެންޑަސަންއަކީ ލިވަޕޫލް ކެޕްޓަނެއްގެ ގޮތުގައިވެސް ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިއެކެވެ. ސަންޑަލޭންޑްގެ އެކަޑެމީން ކެރިއަރު ފަށައި، 2011 އިން ފެށިގެން 12 ސީޒަން އޭނާ ހޭދަކުރީ ލިވަޕޫލްގައެވެ. އެ ކްލަބަށް 492 މެޗު ކުޅުނު ހެންޑަސަން 20223 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ އަލް އިއްތިފާގަށް ބަދަލުވި ނަމަވެސް، ހަ މަސް ފަހުން އަޔެކްސްއަށް ބަދަލުވިއެވެ. އަލުން އެނބުރި ހެންޑަސަން ޕްރިމިއާ ލީގަށް ނުކުތީ މިދިޔަ ސީޒަނަށެވެ.