އަމީނީމަގުގެ މަރާމާތުގެ މަސައްކަތަށްޓަކައި އެ މަގުގެ ބައެއް ސަރަހައްދުތައް ބަންދުކުރުމާ ގުޅިގެން، އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް އަދި ސޯޝަލް ސެންޓަރު ކައިރީގައި ހުރި ބަސް ހުއްޓިތަކަށް ބަހުގެ ހިދުމަތް ދިނުން މެދުކަނޑާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން މިރޭ ބުނީ އަމީނީމަގުގެ ސެގްމެންޓް 1 މަރާމާތު ކުރުމަށްޓަކައި މިރޭ 12:00 އިން ފެށިގެން އެ މަގުގެ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ.

އެ ބަދަލާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށްވެސް ބަދަލުތަކެއް ގެނެސްފައެވެ.

ބަހުގެ ހިދުމަތަށް ގެނައި ބަދަލުގައިވާ ގޮތުން، އާރްޓީއެލްގެ R10 އޯކިޑު ރޫޓުގެ ދަތުރުތައް ދަރުމަވަންތަ ބަސް ހުއްޓިއަށް މަޑުކުރުމުގެ ބަދަލުގައި، ދެން މަޑުކުރާނީ ވެސްޓް ޕާކް ކައިރީގައި ހުންނަ ބަސް ހުއްޓިއަށެވެ. އަދި އަމީނީމަގުގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރާއި، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ބަސް ހުއްޓިތަކަށް އެ ރޫޓުގެ ބަސް މަޑެއް ނުކުރާނެއެވެ.

މީގެ އިތުރުން R11 ރޫޓުގެ ބަހުގެ ހިދުމަތް މުޅިން މެދުކަނޑާލަން ނިންމާފައިވާއިރު، R1، R3، R7 އަދި R15 ރޫޓްތަކުގެ ބަސްތަކުން މާލޭގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ. އެ ބަދަލާއެކު، މަގު ހަދާ ނިމެންދެން އެ ރޫޓުތަކުން ފުޑްކޯޓް، ދަރުމަވަންތަ އަދި ވެސްޓް ޕާކަށް މަޑުނުކުރާނެކަމަށް އެމްޓީސީސީން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މަގު ހެދުމުގެ މަސައްކަތް މާދަމާ ފެށުމަށް ފަހު، އެ މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ މި މަހުގެ 28 ވަނަ ދުވަހަށެވެ. އެހެންކަމުން އެ ތާރީހާ ހަމައަށް އެ ސަރަހައްދުގެ މަގުތައް އާންމުންނަށް ބަންދުވާނެއެވެ.

އަމީނީމަގުގެ އެކި ސަރަހައްދުތަކުން ތާރުގަނޑު ހަލާކުވެ، ބޮޑެތި އަޑިގުޑަންތައް ހެދިފައިވާތީ، އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.