އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެމްޓީސީސީގެ ބޯޑުގައި އެންމެ ފަހުން އާންމު ހިއްސާދާރުން ތަމްސީލުކުރެއްވި ދެ ޑިރެކްޓަރުންނަކީ ނަސްރަތު މުހައްމަދާއި މުހައްމަދު އިމްރާން އަދުނާންއެވެ.
އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ދެ ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ ދެ މަގާމަށް ޑިރެކްޓަރުން އިންތިހާބުކުރާނީ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްޓީސީސީން ވަނީ ސީއެމްޑީއޭގެ ގަވާއިދުތަކުގައި ބާރުއަޅާ ގޮތަށް އެ މަގާމުތަކަށް ވީހާވެސް ގިނަ އަންހެނުން ކުރިމަތިލާން އެދިފައެވެ.
ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތި ލެވޭނެ ބައެއް ޝަތުރުތަކުގެ ތެރޭގައި ކުންފުނީގެ ހިއްސާދާރެއް ކަމުގައިވުން ނުވަތަ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓް ކުރާ ފަރާތަކަށްވުން ހިމެނެއެވެ. އަދި ކުންފުނީގެ ވިޔަފާރި އާއި ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުމާއި މާލީ ރިޕޯޓުތައް ދިރާސާ ކުރުމުގެ ގާބިލުކަން ލިބިފައި ހުރި ފަރާތަކަށްވުން ވެސް ހިމެނެއެވެ.
ބަނގުރޫޓުވެފައިވާ ފަރާތެއް ކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި ރާއްޖޭގައި ނުވަތަ އެހެންވެސް ގައުމެއްގައި ހުކުމާ އެއްގޮތަށް އަދާކުރަމުން ނުދާ ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް ނުވުން ހިމެނެއެވެ.
އޭގެ އިތުރުން ކުންފުނީގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ވިޔަފާރިއެއްގައި ޝާމިލުވާ ފަރާތަކަށް ނުވުމާއި އެފަރާތްތައް ސީއެމްޑީއޭގެ މިންގަނޑުތަކަށް ފެތެންޖެހޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ މަގާމަށް ޝަރުތުހަމަވާ މީހުން މައުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން ޑިރެކްޓަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެމްޓީސީސީ ބުންޏެވެ.
އެމްޓީސީސީގެ ހިންގާ ގަވާއިދު ވާގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހަތް ޑިރެކްޓަރުން ތިބެން ޖެހެއެވެ. އެއީ ސަރުކާރުގެ ފަރާތުން ފަސް ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުން އިންތިހާބު ކުރާ ދެ ޑިރެކްޓަރުންނެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް