ތާރީހު ދުށް އެންމެ މޮޅު އެއް ޑިފެންޑަރު ފްރޭންކޯ ބަރޭސީ، އުމުރުން 66 އަހަރުގައި މަރުވެއްޖެއެވެ.
ބަރޭސީއަކީ އިޓަލީ އަދި އޭސީ މިލާންގެ ލެޖެންޑެކެވެ. މުޅި ކްލަބު ކެރިއަރު އެއްކޮށް އޭސީ މިލާންގައި ހޭދަކުރި ބަރޭސީ ވަނީ 15 ސީޒަނެއްގައި އެ ކްލަބުގެ ކެޕްޓަންކަން ކޮށްފައެެވެ. އެ ކްލަބަށް 719 މެޗު ބަރޭސީ ވަނީ ކުޅެދީފައެވެ. އެއީ 1977 އިން 1997 ވަނަ އަހަރު ރިޓަޔާވުމާ ހަމައަށެވެ.
ބަރޭސީ ވަނީ މިލާނާއެކު ހަ ފަހަރު ލީގު ތަށި ހޯދައި، ތިން ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ.
އިޓަލީއާއެކު 1982 ވަނަ އަހަރު ވޯލްޑް ކަޕްވެސް ހޯދި ބަރޭސީ ވަނީ އިޓަލީ ގައުމީ ޓީމަށްވެސް 81 މެޗު ކުޅެފައެވެ. އަދި އެގައުމުން 1994 ވަނަ އަހަރު ފައިނަލުގައި ބްރެޒިލް ކައިރިން ބަލިވި އިރު، އެފަހަރު އިޓަލީގެ ކެޕްޓަނަކީވެސް ބަރޭސީއެވެ.
ބަރޭސީ ވަނީ 2020 ވަނަ އަހަރު އޭސީ މިލާންގެ ނައިބު ރައީސްގެ މަގާމާ ހަވާލުވެފައެވެ. އަދި އެ ކްލަބުގެ ހަ ނަމްބަރު ޖާޒީ ބަރޭސީއަށްޓަކައި މިހާރު ވަނީ ރިޓަޔާ ކޮށްފައެވެ.
ބަރޭސީ 1994 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައި ބްރެޒިލާ ދެކޮޅަށް ނުކުތީ ކަކުލުގެ އަނިޔާއެއްގައި ހުރެގެންނެނެވެ. އެހެން ނަމަވެސް، ބްރެޒިލްގެ ރޮމާރިއޯ އާއި ބެބޭޓޯ ފަދަ ކުޅުންތެރިންގެ ނުރައްކާ ބަރޭސީއާއި އިޓަލީ ޑިފެންސުން ވަނީ ހިފަހައްޓައިފައެވެ.
އެ މެޗު ފުރިހަމަ ވަގުތު 0-0 އިން އެއްވަރުވެގެން ނިމުނު އިރު، ޕެނަލްޓީގައި މޮޅުވީ 3-2 އިންނެވެ. އެމެޗުގައި ބަރޭސީ އަތުން ޕެނަލްޓީ ނާކާމިޔާބުވިއެވެ.
ބަރޭސީ މިދިޔަ އަހަރުވެސް ބަލިކޮށް އުޅެފައިވާ އިރު، އޮގަސްޓް މަސް ތެރޭގައި ފުއްޕާމޭގެ ސާޖަރީއެއް ކޮށްފައިވެއެވެ. އެންމެފަހުން އާންމުންގެ ތެރެއިން ބަރޭސީ ފެނުނީ މިއަހަރު ފެބްރުއަރީ މަހު ސަން ސީރޯގައި ބޭއްވި ވިންޓާ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުންނެވެ.
އޭސީ މިލާނުން މިއަދު ބުނީ ކްލަބުގެ ރޫހު ހިނގާ، އެ ކްލަބުގެ ޑީއެންއޭގެ މީހަކު މަރުވުމާއެކު އެ ކްލަބުން ހިތާމަކުރާ ކަމަށެވެ.
އިޓަލީ
އިޓަލީ
އިޓަލީ
އިޓަލީ
ކޮމެންޓް