ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅާފައިވާ ހިއްސާ ވިއްކުމުގެ ހުށަހެޅުން ގައުމުތަކުން ފާސްކޮށްފިނަމަ، ޔޫރަޕުން ވޯލްޑް ކަޕް ބޮއިކޮޓް ކުރާނެ ކަމަށް ބުނެ އިތުރު އިންޒާރެއް ދީފިއެވެ.
ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި އިންފަންޓީނޯ ހިންގަން މަސައްކަތް ކުރާ އިންވެސްޓްމަންޓް ޕްލޭންގެ ސަބަބުން ދުނިޔޭ ފުޓުބޯޅައަށް ވަނީ ލޮޅުން އަރައިފައެވެ. އެކަމަށް އެތައް ބަޔަކު އިންތިހާއަށް ފާޑުވެސް ދަނީ ކިޔަމުންނެވެ.
ޖުމުލަ 20 އަކަށް ބިލިއަން ޑޮލަރުގެ އެ ޕްލޭންގެ ދަށުން އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގެ ހިއްސާ ވިއްކަންވެސް ވަނީ ނިންމައިފައެވެ. އެ ޕްލޭނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ޕްލޭނެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުވެސް ކޮށްފައެވެ.
މިފަހަރު ވޯލްޑް ކަޕާ ދިމާކޮށްގެންވެސް އިންފަންޓީނޯއާއި ޓްރަމްޕްގެ ގުޅުމަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެގޮތުން ޓްރަމްޕަށް ސިޔާސީ މަންފާއަށް އިންފަންޓީނޯ މަސައްކަތް ކުރި ކަމަށްވެސް ނޫސްތައް ފާހަގަކޮށްފައިވެއެވެ.
ފީފާއިން ބުނެފައި ވަނީ އެފްއެފްއީ ހިންގަން ފާސްވެެއްޖެ ނަމަ، އެކަން ކުރިއަށް ގެންދާނީ ތްރައިވް އެޓާނަލް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ. އެ ކުންފުންޏަކީ އެމެރިކާ ރައީސް ޓްރަމްޕްގެ ކޮއްކޮ، ޖޯޝުއާ ކުޝްނާގެ ދަނބިދަރި ޖަރެޑްގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ކުންފުންޏެކެވެ.
އިންފަންޓީނޯގެ އެ ހުށަހެޅުން ގަބޫލު ނުކުރުމަށް ޔޫއެފާއިން ވަނީ ކުރިންވެސް ނިންމައި، އެކަން ކުރިއަށް ގެންދިޔުމަކީ ފުޓުބޯޅަ ހަލާކުކޮށްލުން ކަމަށް ބުނެފައެވެ. އަދި އެ ހިސާބުން ފީފާގައި ދެމި އޮތުމާ ދޭތެރޭވެސް ގޮތެއް ނިންމަން ޖެހޭނެ ކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ.
ފީފާއިން އެފްއެފްއީ ހިންގަން ބައެއް މެމްބަރު ކްލަބުތަކުގެ ވޯޓު ހޯދަން މަސައްކަތް ކުރަމުންދާ އިރު، އެކަމުގައި ބައެއް ގައުމުތަކަށް އިތުރު ފަންޑިން ދޭން ފީފާއިން ވައުދުވަމުންދާ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ޔޫއެފާއިން އެ ޕްލޭނަށް ނޫނެކޭ ބުނުމަށް، މިއަދު ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ޔޫއެފާގެ މެމްބަރު 55 ގައުމުން އެއްބަސްވެފައި ވަނީ ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާނަމަ، އެ މުބާރާތްތައް، އޭގެ ތެރޭގައި ވޯލްޑް ކަޕްވެސް ހިމެނޭހެން ބޮއިކޮޓް ކުރުމަށެވެ.
އުތުރު އަދި މެދުތެރޭ އެމެރިކާގެ ގައުމުތައް ހިމެނޭ ކޮންކަކަފްގެ 41 ގައުމުންވެސް އިންފަންޓީނޯގެ ޕްލޭނަށް ނޫނެކޭ ބުނެފައިވާ އިރު، ހަބަރުތައް ބުނެފައި ވަނީ ދާދިފަހުން ވޯލްޑް ކަޕް އެ ސަރަހައްދުގައި ބޭއްވި ނަމަވެސް، އެ ސަރަހައްދުގެ ގައުމުތަކުން އިންފަންޓީނޯއަށް މާބޮޑު އިތުބާރެއް މިހާރު ނުކުރާ ކަމަށެވެ.
"ވޯލްޑް ކަޕަކީ ވަކި ބަޔަކު އިންވެސްޓްކޮށްގެން ހިންގާ ޕްރޮޑަކްޓަކަށް ހަދައިގެން ނުވާނެ. އެއީ ފުޓުބޯޅައިގެ އެންމެ ބޮޑު ލެގަސީ. އެއީ އެތައް ޖީލުތަކެއްގެ ކުޅުންތެރިންނައި އެތައް ގައުމުތަކެއްގެ އެތައް ސަޕޯޓަރުންނެއްގެ މައްޗަށް ބިނާވެފައި އޮތް މުބާރާތެއް. އޭގެ އެއްވެސް ބައެއް އަމިއްލަ ބައެއްގެ އަތްމައްޗަށް ދިޔަ ދީގެން ނުވާނެ. ވޯލްޑް ކަޕަކީ ވިއްކާ މުދަލެއް ނޫން،" ޔޫއެފާއިން އެންމެފަހުން ނެރުނު ބަޔާނުގައިވެއެވެ.
ވޯލްޑް ކަޕްގެ ހިއްސާ ވިއްކުމުގެ ޕްލޭނަށް އޭޝިއާ ގައުމުތަކުން އަދި ވަކި އެއްޗެކޭ ބުނެފައި ނުވާ އިރު، އެކަމުގައި ރާއްޖެއިންވެސް އަދި ވަކި ސްޓޭންޑެއް ނަގާފައެއް ނުވެއެވެ. ފީފާގެ މެމްބަރު ބައްރުތަކުގެ ތެރެއިން އެންމެ ވަރުގަދަ ބައްރަކީ ޔޫއެފާއެވެ. އެހެންކަމުން ޔޫއެފާއާއި ފީފާގެ ކޯޅުން ބޮޑުވާނަމަ، އިންފަންޓީނޯއަށް ޕްރެޝަރު ބޮޑުވާނެއެވެ.
ޔޫއެފާއިން ވޯލްޑް ކަޕާއި އެހެނިގެން މުބާރާތްތައް ބޮއިކޮޓް ކުރަން އިންޒާރު ދީފައިވާ އިރު، މިހާތަނަށް ކުޅުނު 23 ވޯލްޑް ކަޕްގެ ތެރެއިން 13 ވޯލްޑް ކަޕެއް ގެންދިޔައީ ޔޫއެފާ ގައުމުތަކުންނެވެ. އަނެއް 10 ވޯލްޑް ކަޕް ހޯދީ ދެކުނު އެމެރިކާ ގައުމުތަކެވެ.
ފީފާ
ފީފާ
ފީފާ
ފީފާ
ކޮމެންޓް