ހުޅުމާލޭގައި ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން ހައްލުކުރުމުގެ ގޮތުން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ހުޅުމާލެއިން ވަގުތީ ބިމެއް ހަވާލުކޮށްފިއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ އަލީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރެގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އިސްނަންގަވައިގެން، މިވަގުތު ހުޅުމާލޭގެ ކުނި މެނޭޖްކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ދެއްވި ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.
މި ބިމުގެ ސަބަބުން ކުނި އުކާލުމުގެ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް މުޖުތަބާ ވިދާޅުވިއެވެ.
ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބުރޫއެރީ ތިލަފުށީގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެންނެވެ. އެ ހާދިސާގައި ސައިޓުގެ ބައެއް ސަރަހައްދުތަކަށް ގެއްލުންވެ ބަންދުކުރަން ޖެހުމުން، މާލެ ސަރަހައްދުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ވެމްކޯއަށް މަޖުބޫރުވިއެވެ. މީގެ ސަބަބުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ކުނި އުފުލާ ސައިޓުތަކުގެ މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
ތިލަފުށީގައި ރޯވި އަލިފާނާ ގުޅޭގޮތުން މުޖުތަބާ ވިދާޅުވީ، އެ ކުންފުނިން ކުނި ބަހައްޓަނީ ބާވަތްތަކަށް ވަކިކޮށްގެން ކަމަށެވެ. އެގޮތުން ކުނިވާ ޒާތުގެ ކުންޏާއި، ފަންކުނޑި އަދި ގްރީން ވޭސްޓް ވަކިން ބަހައްޓާއިރު، އަލިފާން ރޯވީ ވަކިކޮށްފައި ހުރި ހުޅުހިފާ ޒާތުގެ ކުނިތަކެއްގައިކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ވެމްކޯ
ވެމްކޯ
ކޮމެންޓް