ވޯލްޑް ކަޕްވެސް ހިމެނޭހެން ފީފާގެ މުބާރާތްތަކަށް ތިންވަނަ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ ގޮތަށް ފީފާއިން އުސޫލަށް ބަދަލު ގެންނަން މަސައްކަތް ކުރާ ކުރުމަށް ޔޫއެފާއިން ނުރުހުން ފާޅުކޮށްފިއެވެ.

ފީފާއިން ބުނެފައި ވަނީ ފުޓުބޯޅަ ކުރިއެރުވުމަށް ހާއްސަ ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ތިންވަނަ ފަރާތެއްގެ ބައިވެރިވުމާއެކު 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނެއް ފަށަން ނިންމާފައިވާ ކަމަށވެެ. އޭގެ ދަށުން ފީފާ ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގެ ހިއްސާ ވިއްކަންވެސް ވަނީ ވިސްނައިފައެވެ.

އެފްއެފްއީގެ ކަންކަން ކުރިއަށް ގެންދަން މެމްބަރު 211 ގައުމުގެ ވޯޓު ބޭނުންވާ އިރު، އެ ޕްލޭންގެ ވާހަކަ ފުރަތަމަ ލީކު ކޮށްލީ ފައިނޭންޝަން ޓައިމްސްއިންނެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ފީފާއިން ތައްޔާރުވަމުން ދަނީ އާ ޕްލޭނެއްގެ ދަށުން ރައީސް ޖިއާނީ އިންފަންޓީނޯއަށް މާލީ ގޮތުން ބޮޑު ނަފާއެއް ހޯދުމަށް ކަމަށެވެ. އެގޮތުން އިންފަންޓީނޯއަށް 10 މިލިއަން ޕައުންޑާ ހަމައަށް ފައިދާ ހޯދަން ފުރުސަތު ހޯދޭނެ ކަމަށްވެސް ނޫހުން ބުންޏެވެ.

އިންފަންޓީނޯގެ ޕްލޭން ގުޅެނީވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެވެ. މިފަހަރު ވޯލްޑް ކަޕާ ދިމާކޮށްގެންވެސް އިންފަންޓީނޯއާއި ޓްރަމްޕްގެ ގުޅުމަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެގޮތުން ޓްރަމްޕަށް ސިޔާސީ މަންފާއަށް އިންފަންޓީނޯ މަސައްކަތް ކުރި ކަމަށްވެސް ނޫސްތައް ފާހަގަކޮށްފައިވެއެވެ.

ފީފާއިން ބުނެފައި ވަނީ އެފްއެފްއީ ހިންގަން ފާސްވެެއްޖެ ނަމަ، އެކަން ކުރިއަށް ގެންދާނީ ތްރައިވް އެޓާނަލް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ. އެ ކުންފުންޏަކީ އެމެރިކާ ރައީސް ޓްރަމްޕްގެ ކޮއްކޮ، ޖޯޝުއާ ކުޝްނާގެ ދަނބިދަރި ޖަރެޑްގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ކުންފުންޏެކެވެ.

އެ ޕްލޭނަށް ގައުމުތަކުގެ އާނބަސް ހޯދުމަށް ފީފާއިން ވަނީ މެމްބަރު ގައުމުތަކަށް ފަންޑުން އެހީދޭން ނިންމައިފައެވެ. އެގޮތުން ނޫސްތައް ބުނެފައި ވަނީ ފީފާއިން ގައުމުތަކަށް ފަންޑުން 40 މިލިއަން ޕައުންޑް ވަރު އަހަރަކު ހަރަދުކުރާނެ ކަމަށް ނިންމާނެ ކަމަށެވެ.

އިންފަންޓީނޯ ވިދާޅުވީ އެފްއެފްއީގެ ޕްލޭނަކީ ފުޓުބޯޅައިން ވަކި ބަޔަކު މުއްސަނދިވުން ހުއްޓުވުން ކަމަށާއި، ގައުމުތަކަށް ހަމަހަމަ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި ދެމެހެއްޓެވި ގޮތެއްގައި ގައުމުތަކަށް ކުރިއަރަން ފުރުސަތު ދޭންވެސް ޕްލޭން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ޔޫއެފާއިން ދެ ބަޔާނެއް މިހާތަނަށް ނެރެފައިވާ އިރު، ޔޫއެފާއިން ބުނީ ފީފާއިން އަނެއްކާވެސް ރަތް ރޮނގެއް ހުރަސްކޮށްފައިވާ ކަމަށެވެ. އަދި ޔޫއެފާއިން އެކަން ނަގަނީ ވަރަށް ސީރިއަސްކޮށް ކަމަށާއި، އެހެން ފުޓުބޯޅަ އިދާރާތަކުންވެސް އެ ޕްލޭނަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ޔޫއެފާއިން ބުންޏެވެ.

ޔޫއެފާއިން ބުނީ ފުޓުބޯޅައިގެ ރޫހާއި، ދިރުމަކީ ވަކި ބަޔަކަށް ވިއްކާލެވިގެންވާނެ އެއްޗެއް ނޫން ކަމަށާއި، ހާއްސަކޮށް ވަކި ބަޔަކަށް ފައިދާވާނެ ގޮތަށް އެއްވެސް ދެފުށްފެންނަ އުސޫލެއް ނެތި އެކަން ކުރުން އެއީ ބޮޑު ގޯހެއް ކަމަށެވެ. ޔޫއެފާއިން ބުނީ ފުޓުބޯޅައަކީ ފީފާގެ ހަރު މުދަލެއް ނޫން ކަމަށާއި، ފީފާއަށްވެސް ފުޓުބޯޅަ ވިއްކާ ނުލެވޭނެ ކަމަށެވެ.

އެފްއެފްއީއަށް ވޯޓަށް އަހަން ފީފާއިން ވިސްނަނީ އަންނަ މާޗު މަހު މޮރޮކޯގައި އޮންނަ ކޮންގްރެސްގައި ކަމަށް ނޫސްތައް ބުނެއެވެ.