މިމަހު 19 ވަނަ ދުވަހު ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓެއްގައި އަލިފާން ރޯވެ އެނދި ކުނިތައް ހދ. ކުނބުރުދުއަަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ތަޅުމުން ބޭރުކޮށްލައިފިއެވެ.

މި ކުލި މައްސަލަ ހުށަހަޅުއްވަމުން އިދިކޮޅު އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ) ވިދާޅުވީ، ތިލަފުށީގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ވެމްކޯއިން ކަނޑައަޅާފައިވާ ގޮތެއްްގެމަތިން ކުނބުރުދުއަށް ގެންގޮސްފިނަމަ، އެ އަތޮޅު ރައްޔިތުންގެ ސިއްހަތަށާއި ތިމާވެއްޓަށް އަދި މުޅި ސަރަހައްދުގެ ގުދުރަތީ ނިޒާމަށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

އެ ކުނިތައް ގެންދަން ކަނޑައަޅާފައި ވަނީ ކުނބުރުދޫގައި ގާއިމްކުރަން ފަށާފައި ނުނިމި ހުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް ކަމަށާއި އެ ސެންޓަރަކީ ކުނި މެނޭޖު ކުރުމުގެ އަމަލީ މަސަކަތް ފެށުމަށް ތައްޔާރުވެފައިވާ ތަނެއް ނޫން ކަމަށްވެސް ފިއްޓެ ވިދާޅުވެއްޖެއެވެ.

"ކުނި އެޅުމަށް ބޭނުންވާ ކޮންކްރީޓް ފަންގިފިލާއެއް ނެތުމުގެ ސަބަބުން ކުނިތައް ސީދާ ބިމަށް އުކާލެވުމުން އުފެދޭ ވިހަ ފެން ރައްކާތެރިކޮށް ޖަމާކޮށް ނައްތާލެވޭނެ އެއްވެސް ނިޒާމެއް އެރަށުގައި ގާއިމްކޮށްފައެއް ނުވޭ، ކުނބުރުދޫ އަކީ ކުނި ޓްރާންސްފާކުރާ ރަށެއްގެ ގޮތުގައި ހަމަޖެހިފައި އޮތް ނަމަވެސް މިހާރު ފެނިގެންދާ މަންޒަރަކީ މިއުސޫލާ ހިލާފަށް ތިލަފުށީގައި އެނދި ކުނިތައް ކުނބުރުދުއަށް ޖަމާކުރާ މަންޒަރު،"

ފިއްޓެ ވިދާޅުވީ، ކުނބުރުދުއަކީ ރައްޖޭގައި ހިމާޔަތް ކޮށްފައިވާ ކަންޒު ކަހަނބު އާލާވެ، ދިރިއުޅުމަށް، ތިމާވެއްޓަށް މުހިއްމު މާހައުލެއްކަމުން އެތަކެތި ދިރިއުޅޭ މާހައުލު ތަގައްޔަރުވެ އެތަކެތި ނެތި ދިއުމުގެ ބިރު އޮތް ކަމަށެވެ. އޭގެ އިތުރުން ކުނިން ބޭރުވާ ވިހަ މާއްދާތައް ބިމުގެ ފަށަލަ އާއި ފެން ފަށަލައަށް ޖަމާވުމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލި ދަނޑުވެރިކަމާއި ގަސްގަހާ ގެއްސަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ކުރިމަވެދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"ތިލަފުށިން އެނދި ޕްލާންސްޓިކް އަދި ސިނާއީ ކުނިތަކުން ކެންސަރު އުފައްދާ ފަދަ ނުރައްކާތެރި މާއްދާތައް ބޭރުވުމުގެ ސަބަބުން ވައިގެ މަގުންނާއި ފެނުގެ ޒަރީއާއިން މި މާއްދާތައް އިންސާނުންގެ ހަށިގަނޑަށް ވާސިލްވެ، ދާއިމީ ބަލިތަކަށް މަގުފަހިވާ ހިނދު ކުނިގޮޑުން އަރާ ކާބަން މޮނައިކްސައިޑާއި ހައިޑްރޯޖަން ސަލްފައިޑް ގޭހުގެ ސަބަބުން ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ބޮލުގައި ރިއްސުމާއި ނޭވައިކުރުވުމާއި މޭނުބައި ކުރުންފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ އެބައޮތް،"

އޭގެ އިތުރުން އިލެކްޓްރިކް ކުނިން ބޭރުވާ ލެޑާއި މާކިއުރީފަދަ ބަރު މާއްދާތައް އަޅީގެ ތެރެއިން ފަސްގަނޑަށް ޖަމާވެ، އެސަރަހައްދުގެ ކާނާގެ ނިޒާމުގެ ތެެރެއަށް ވަދުމުގެ ނުރައްކާ އެބައޮތް ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި، މަޖިލިސް ޖަލްސާގައި ތިއްބެވި 35 މެންބަރުންގެ ތެރެއިން އެ ކުއްލި މައްސަލަައަށް ބަހުސް ކުރުމަށް ވޯޓު ދެއްވީ، އެމްޑީޕީގެ ހަތް މެންބަރުންނެވެ. ބަހުސް ކުރަން ނުފެންނަ ކަަމަށް ޕީއެންސީގެ 27 މެންބަރުން ވޯޓު ދެއްވިއެވެ.