ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 71 ފުޅިޔާއެކު އިންޑިއާ ޒުވާނެއް ހުޅުމާލެ ފޭސް އެކަކުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަންގައި ހައްޔަރު ކުރީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ދިނެޝް ކުމާރު މުރްގެސަން، (26އ) އެވެ.

އެ އޮޕަރޭޝަންގައި، ހުޅުމާލެ ފޭސް އެކެއްގެ ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 18 ފުޅި އާއި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 53 ފުޅި ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.