ކ. ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ސްރީ ލަންކާގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ ދުރަޔަލަގެ، މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފިއެވެ.

ބަންގްލަދޭޝް މީހެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ މަރުވެފައި އޮއްވައި ފެނުނީ ތިލަފުށީގައި ހުރި ކުނި ފުންޏެއްގެ ތެރެއިންނެވެ. އޭނާ މަރުވީ ލަންކާ މީހާ އޮޕަރޭޓް ކުރި އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލު ކުރެވިގެންނެވެ.

އަމީން މިއާގެ މަރާ ގުޅިގެން ހައްޔަރު ކުރީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާގެ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކައެވެ. އެ މައްސަލައާ ގުޅިގެން ބަންދުގައި ވެސް އޭނާ ދުވަސްތަކެއް ހޭދަ ކުރިއެވެ. މައްސަލައިގެ ތަހުގީގަށް ފަހު އޭނާގެ މައްޗަށް ގަސްދަކާ ނުލައި މީހަކު މެރުމުގެ ދައުވާ އުފުލުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް، އެ އޮފީހުން ބުނީ ހެޝަން މަދުރަންގަގެ މައްޗަށް ދައުވާ ކުރާނެ މިންވަރަށް ހެކި ނެތް ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކަމަށެވެ. އެގޮތަށް ނިންމީ އަމީން މިއާ މަރުވުމުގައި ޑްރައިވަރުގެ އިހުމާލެއް އޮތް ކަމަށް ނުފެންނާތީ ކަމަށްވެސް ބުންޏެވެ.

އަމީން މިއާ އަކީ އޭނާގެ ޑިއުޓީގެ ގޮތުން އެ ވަގުތު އެ ތަނުގައި ހުންނަން ޖެހޭ މީހެއް ނޫން ކަމަށާއި ކުނިގޮނޑަށް އަރައިގެން އުޅޭތީ އެކަމުގައި ނުރައްކާ އޮތުމުން އެފަދަ ކަންކަން ކުރުން ވެމްކޯއިން މަނާ ކޮށްފައި އޮތްކަން ޕީޖީން ފާހަގަ ކުރިއެވެ.

އޭގެ އިތުރުން އެ ހާދިސާ ހިނގި އިރު އަމީން މިއާ ހުރީ އެކްސްކަވޭޓަރާ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ދުރުގައި ކަމަށާއި ހާދިސާ ހިނގި ގޮތް ފުލުހުން އަލުން ކުޅުނު އިރު، އެ ސަރަހައްދުގައި މީހެއް ހުރި ކަމެއް އެތަނުގައި އަލިކަން ހުރި ގޮތުން ޑްރައިވަރަކަށް ނޭނގޭނެ ކަން ފާހަގަ ކުރެވުނު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.