ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި އާޖެންޓީނާ ބަލިކޮށް، ސްޕެއިނުން 2010 ވަނަ އަހަރަށްފަހު އަލުން އެނބުރި ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލު އިތުރު ވަގުތަށް ގޮސް، ސްޕެއިނުން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގައި އާޖެންޓީނާއަށް ގޯލާ އަމާޒުކޮށް ޝޮޓެއްވެސް ހެދިޔަދީފައެއް ނުވެއެވެ. ސްޕެއިން އެޓީމުގެ ފޯމުގައި، ޓެކްޓިކަލީ އާދަޔާހިލާފު މޮޅަށް ފެނުނު އިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެޓީމުންނެވެ.

މެޗުގެ ކުރިން ސުޕަ ސްޓާރުންގެ ހުނަވެރިކަން ފެނިގެން ދިޔަ އިރު، މެޗަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީގެ ލީޑާޝިޕްގެ ދަށުން އާޖެންޓީނާ ނުކުތީ ތަށި ދިފާއުކުރުމަށެވެ. 1962 ވަނަ އަހަރު ބްރެޒިލުން ހޯދި ކާމިޔާބީއަށްފަހު ޖެހިޖެހިގެން ދެ ވޯލްޑް ކަޕް ކާމިޔާބުކުރާ ފުރަތަމަ ގައުމަށް ވުމަށެވެ. އަދި ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުންނަ ސްޕެއިނުން މަސައްކަތްކުރަމުން ދިޔައީ 2010 ގެ ކާމިޔާބު ތަކުރާރުކޮށް، ދެ ފަހަރުގެ ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ވުމަށެވެ. ސްޕެއިނުން 2010 ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކުރީ ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެއެވެ.

މި ވޯލްޑް ކަޕްގައި އާޖެންޓީނާއިން ފާހަގަކުރެވިފައި އޮތީ ޓީމެއްގެ ގޮތުގައި ދައްކާ ހިތްވަރަށެވެ. ގަދަ 32 ގައި އާޖެންޓީނާއަށް އިތުރު ވަގުތު ކުޅެގެން ކޭޕް ވާޑް އަތުން މޮޅުވެވުނު އިރު، ގަދަ 16 ގައި މިސްރު އަތުން މޮޅުވީ ފަހަތުން އަރައި ފަހު ވަގުތު ތިން ގޯލު ޖަހައިގެންނެވެ. ކުއާޓާ ފައިނަލުގައި ސްވިޒަލެންޑް އަތުން ވެސް އާޖެންޓީނާއިން މޮޅެއް ހޯދީ އިތުރު ވަގުތު ކުޅެގެން ފަހު ވަގުތުއެވެ. އަދި ސެމީ ފައިނަލުގައި އިންގްލެންޑް އަތުން ވެސް އާޖެންޓީނާ އިން މޮޅުވީ ފަހަތުން އަރައި ފަހުވަގުތު ދެ ގޯލު ޖަހައިގެންނެވެ.

ސްޕެއިނުން ވެސް ޓީމެއްގެ ގޮތުގައި މި ވޯލްޑް ކަޕްގައި ދައްކަމުންދިޔައީ ނުރައްކާ ކުޅުމެކެވެ. ޒުވާން ސްކޮޑަކާއެކު ނުކުތް ސްޕެއިނުން ވެސް ގަދަ 16 ގައި ޕޯޗުގަލް އަތުން އަދި ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުން މޮޅުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނެރުނު މިޑްފީލްޑަރު މިކެލް މެރީނޯގެ ގޯލުތަކުންނެވެ. އަދި ސެމީ ފައިނަލުގައި ވަރުގަދަ ފްރާންސް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި މެޗަކީ ސްޕެއިންގެ ފެންވަރު ސާބިތުކޮށްދިން މެޗެކެވެ. އެހެންކަމުން ސްޕެއިނުން މިހާ ހިސާބަށް ދަތުރުކޮށްފައިވަނީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ޓީމުތަކެއް ކަޓުވާލުމަށްފަހުއެވެ.

މެޗުގެ ސަމާލުކަން ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލާއި މެސީއަށް ބޮޑުވި އިރު، ދެޓީމުގެ ތަރިންނަށް ވެފައި އޮތީ ބާސެލޯނާގެ މަގުބޫލު ލަ މަސިއާގެ އުފެންދުންތައް ކަމަށްވާ އެ ދެކުޅުންތެރިންނަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން ސްޕެއިންގް ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒާއޮ ހޯސްޓް ގައުމުތަކު ވެރިންވެސް މެޗު ބަލަން ވަޑައިގެންފައިވާ އިރު، ފެށުން ފެނުނީ ހާސްކަމެއްގައެވެ. ދެޓީމުންވެސް ދާދި އެއްގޮތަކަށް ކުޅެން މަސައްކަތް ކުރި އިރު، ސްޕެއިނުން ދިޔައީ މަޑުމަޑުން އެޓީމުގެ އަތްދަށަށް މެޗު ގެންނަމުންނެވެ. ކުރީކޮޅުގައި ނުރައްކާ ކުރިއެވެ.

ފަސްވަނަ މިނެޓުގައި ޑެނީ އޮލްމޯ ދިން ބޯޅައަކުން ހުސްކޮށް ހުރެ ލަމީން ޔަމާލް ފޮނުވާލި ހަމަލާ، އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒަށް މަތަކުރެވުނީ ކިރިޔާއެވެ. އަދި އޭގެ ފަހުން ޔަމާލް ހުރަސްކޮށްލި ބޯޅަ ނުރައްކާވުމުގެ ކުރިން ކީޕަރު މާޓިނޭޒް ވަނީ އަތުލައިފައެވެ.

ސްޕެއިންގެ ޔަމާލް ބޯޅައާއެކު ކުރިއަށް ދާން މަސައްކަތް ކުރަނީ --- ފޮޓޯ/ ގެޓީ

އާޖެންޓީނާއިން ސްޕެއިނަށް ސަމާލުވެގެން ކުޅެން ހަދައިގެން އެޓީމަށް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ހަމަލާއެއް ނުއުފެއްދިއެވެ. އެޓީމުގެ ޝޮޓެއް ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައެއް ނުވެއެވެ. މުޅިންހެން މަސައްކަތްކުރީ ސްޕެއިންގެ ޑިސިޕްލިން ޓެކްޓިކަލް ގޭމް ހުއްޓުވުމަށެވެ.

އާޖެންޓީނާއަށް އެންމެ ނުރައްކާކޮށް ލިބުނު ފުރުސަތަކީވެސް ކައުންޓާއެއްގައި އާޖެންޓީނާ ކެޕްޓަން މެސީއަށް ކުރިއަށް ދާން ލިބުނު ބޯޅައެކެވެ. ހާފުގެ މެދަށްވުރެ ކުރިއަށް ނުކުމެ، އެ ބޯޅަ ސާފުކޮށްލީ ސްޕެއިން ކީޕަރު އުނައި ސިމޮންއެވެ. އެއީ މިފަހަރު ވޯލްޑް ކަޕްގައި ސިމޮންގެ ފަރާތުން ތަކުރާރުކޮށް ފެނިފައިވާ މަންޒަރެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިތުރު ހަމަލާތައް އުފެއްދީވެސް ސްޕެއިނުންނެވެ. ހާއްސަކޮށް ހާފު ނިމެން ދިޔަ ވަރަކަށް ސްޕެއިން ދިޔައީ ނުރައްކާ ކުރަމުންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މިކެލް އޮޔާޒަބާލް ފޮނުވާލި ހަމަލާވެސް ހުއްޓުވީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒެވެ.

އޭގެ އިތުރުން ހާފު ނިމެން ދަނިކޮށް، ފަބިއަން ރުއިޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މާކް ކުކުރެޔާ ފޮނުވާލި ހަމަލާ ދިޔައީ އާޖެންޓީނާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އާޖެންޓީނާއަށް ނިމުން ދިޔައީވެސް މާޔޫސްކޮށެވެ. ޓީމުގެ އެންމެ އިތުބާރު ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒަށް އަނިޔާވެ، ހާފު ނިމުމުގެ ކުރިން ބަދަލުކުރަން ޖެހުނެވެ. ބަދަލުގައި ނުކުތީ ތަޖުރިބާކާރު ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީއެވެ.

ދެވަނަ ހާފު ސްޕެއިނުން ފެށީ ޔަގީންކަމާއެކުގައެވެ. ކުރިއަށްވުރެ ބޮޑަށް އެޓީމުގެ ފަރާތުން ދިރުން ފެނުނެވެ. ހާފުގެ ކުރީކޮޅުގައި އާޖެންޓީނާއަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި އާޖެންޓީނާއަށް ހެދުނު ގޯހަކުން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެލެކްސް ބައޭނާ ފޮނުވާލި ހަމަލާ، އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރި އިރު، އޭގެ އިރުކޮޅެއް ފަހުން އޮލްމޯ ކަނޑާލި ބޯޅަ އޭރިއާ ތެރެއިން ކުކުރެޔާއަށް ނުލިބި ދިޔައީ ހަމަ ކިރިޔާއެވެ.

ދެވަނަ ހާފުގެ ތެރެއިން ދެޓީމުގެ ބދަލުތައްވެސް ފެންނަން ފެށި އިރު، ސްޕެއިނުން ނުދިޔައީ ނުރައްކާ ބޮޑުކުރަމުންނެވެ. އާޖެންޓީނާ ޑިފެންސް ފެނުނީ މަޑުމަޑުން ހާސްކަމަށް ދިޔަތަނެވެ. އެހެން ނަމަވެސް އެހެން މެޗުތަކެކޭ އެއްގޮތަށް އާޖެންޓީނާއިން ދިޔައީ ދިފާއުގައި ހިތްވަރުކުރަމުންނެވެ.

މެޗުގެ 64 ވަނަ މިނެޓުގައި އޮލްމޯ ދުރުން ފޮނުވާލި ބާރު ހަމަލާވެސް ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރި އިރު، އޭގެ އިރުކޮޅެއްފަހުން އާޖެންޓީނާ ދެ ޑިފެންޑަރުން ކައިރިން ދެމިގަނެ ޔަމާލް ނަގައިދިން ބޯޅަ އޭރިއާ ތެރެއިން ފެރާން ޓޮރެސް ފޮނުވާލި ނަމަވެސް ދިޔައީ އެމިލިއާނޯ މާޓިނޭޒް އަތަށެވެ. އަނެއްކާވެސް އާޖެންޓީނާ ސަލާމަތްވީ ކިރިޔާއެވެ.

އޭގެފަހުންވެސް މެޗު ދިޔައީ ހަމަ ސްޕެއިން ކޮޅަށެވެ. އޮއިވަރު އޮތީ އެޓީމު އަތުގައެވެ. ބަދަލަކަށް އެރި ޕެޑްރީ ގޮންޒާލޭސް ފުލުފުލުގައި ފޮނުވާލި ދެ ހަމަލާއެއްގެ ހުރަހަކަށްވެސް އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވި އިރު، 78 ވަނަ މިނެޓުގައިއޭރިއާ ބޭރުން ޕައު ކުބާސީ ފޮނުވާލި ބާރު ހަމަލާ ވެސް އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއެވެ.

އާޖެންޓީނާގެ މެސީ، މެޗުގެ ބޮޑުބައެއްގައި އޭނާއަށް މާބޮޑު ރޯލެއް ކުޅެން ފުރުސަތު ލިބިފައެއް ނުވޭ --- ފޮޓޯ/ ގެޓީ

މެޗު ފަހުކޮޅަށް ދިޔަ ވަރަކަށް ސްޕެއިން ދިޔައީ ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންނެވެ. އިތުރު ވަގުތަށް ކައިރިވަމުން ދިޔަ ވަރަކަށް މެޗު ދިޔައީ މަޑުމަޑުން ހޫނުވެސް ވަމުންނެވެ. ސްޕެއިނުން ބަދަލަކަށް ނުކުތް ނިކޯ ވިލިއަމްސްއަށް ނިމެން ދަނިކޮށް ދެ ފުރުސަތެއް ލިބި ބޭކާރުވި އިރު، އޭނާގެ ބާރު ހަމަލާއެއްވެސް އާޖެންޓީނާ ކީޕަރު މަތަކުރިއެވެ.

މެޗުގެ އޮއިވަރު އެންމެ ބޮޑަށް ބަދަލުވެގެން ދިޔައީ މެޗުގެ އިތުރު ވަގުތުގައި ކުބާސީއަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑަކާއެކު އެންޒޯ ފެނާންޑޭޒަށް ރަތް ކާޑު ދެއްކުމުންނެވެ. އެހިސާބުން އާޖެންޓީނާ އިތުރަށް ހާސް ކަމަކަށް ދިޔައެވެ.

އޭގެ އިރުކޮޅެއްފަހުން ދެވަނަ ހާފު އިތުރު ވަގުތުގެ އެންމެ ފަހުމިނެޓުގައި ސްޕެއިނަށް ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުން ލިބި، ޔަމާލްގެ ނުރައްކަލެއްވެސް ފެނުނެވެ. އޭނާ ތިރީ ކަނަށް ވާކަހަލަ ގޮތަކަށް ފޮނުވާލި ހަމަލާ މަތަކުރީ މެޗުގައި މޮޅަށް ކުޅެމުންދިޔަ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒެވެ.

މެޗު އިތުރު ވަގުތަށް ގޮސް، އާޖެންޓީނާއިން ނޭވާ ހޮޅިއަށް އެޅި ޑިފެންސް ކުރަމުން ދިޔަ އިރު، ސްޕެއިން ދިޔައީ އިތުރު ނުރައްކާތައް ކުރިމަތިކުރުވަމުންނެވެ. ޕެޑްރީ ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ނިކޯ ވިލިއަމްސް ބޮލުން ފޮނުވާލި ހަމަލާ، އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވެއްޓިގެންފައި މަތަކުރި އިރު، އޭގެފަހުން ނިކޯ ވިލިއަމްސް ބޯޅަ ގޯލަށްވެސް ވައްދާލިއެވެ.

އެހެން ނަމަވެސް 96 ވަނަ މިނެޓުގެ އެ ހަމަލާގައި ރެފްރީ ނިންމީ، ފުރުސަތު ތަނަވަސްކުރުމުގައި އޭގެ ކުރިން މިކެލް މެރީނޯ، އާޖެންޓީނާ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީއަށް ފައުލްކޮށްފައިވާ ކަމަށެވެ.

ނިކޯ ވިލިއަމްސް ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ގޯލަކަށް ނުވުމާއެކު އޭނާ މާޔޫސްކަމުގައި --- ފޮޓޯ/ ގެޓީ

އިތުރު ވަގުތުގެ ދެވަނަ ހާފުގައިވެސް ސްޕެއިން ފެށީ އެޓީމުގެ ރަސްމީ ފޯމުގައެވެ. މާގިނައިރެއް ނުވެ، މެޗުގެ ލީޑުވެސް ނެގިއެވެ. 106 ވަނަ މިނެޓުގައި ސްޕެއިންގެ ގޯލް ޖަހައިދިނީ ބާސެލޯނާއަށް ކުޅެމުންދާ ފެރާން ޓޮރޭސްއެވެ. ސްޕެއިންގެ ހުރަހެއް ކީޕަރު މާޓިނޭޒް އަތުގައި ޖެހި ވެއްޓުމާއެކު، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފެރާން އަމާޒުކޮށްލީ ގޯލްގެ މަތީ ދާގަނޑަށެވެ. އެތައްއެތައް ހަމަލާއަކަށްފަހު ސްޕެއިނަށް ކާމިޔާބުވެ، އާޖެންޓީނާ މާޔޫސްކަމުގައި ބިމަށް ތިރިވިއެވެ.

ސްޕެއިންގެ ފެރާން ޓޮރޭސް ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

އެހިސާބުން ސްޕެއިނުން ކޮންޓްރޯލް ނެގި އިރު، އާޖެންޓީނާއިން އެންމެފަހު ވަގުތު ކޯނަރުގައި ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. ސްޕެއިނުން ތާރީހު ލިޔެލައި، ޔޫރަޕްގެ ޗެމްޕިއަންކަމުގައި ނުކުމެ، ދުނިޔޭގެ ޗެމްޕިއަންކަން ޔަގީންކުރިއެވެ.