ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމުގެ އެއްބަސްވުމެއްގައި ރާއްޖެއިން އިންޑިއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" (އެޗްއައިސީޑީޕީ) ގެ ބައެކެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖީ. ބާލަސުބްރަމާނިއަމްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ރަށްރަށުގެ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް މިއީ ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ހަރަކާތްތެރި ދިރިއުޅުމަކަށް މަގުފަހިވެ، އަންހެނުން ބާރުވެރިކުރުވުމަށާއި އިޖުތިމާއީ ހަމަހަމަކަން ގާއިމުކުރުމަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު ވިދާޅުވީ ފިޓްނެސް ސެންޓަރުތަކުގެ ސަބަބުން ރަށްރަށުގެ އިޖުތިމާއީ ގުޅުންތައް ބަދަހިވެ، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށެވެ. މިއީ މުޖުތަމައުގެ ދުޅަހެޔޮކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރާފިއު ވިދާޅުވިއެވެ.