ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއަށް ބޭނުންވާ ސާމާނުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ރާއްޖެ ގެނެސްފިއެވެ.

އެޗްޑީސީން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން 71 ރަށަށް ބޭނުންވާ ކަސްރަތު ސާމާނުތައް މިހާރު ރާއްޖެ ގެނެވިފައިވާ ކަމަށާއި، އެ ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އެ މަޝްރޫއު ކުރިއަށްދާ ބައެއް ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ށ. މާއުނގޫދޫ، ރ. ދުވާފަރު، ބ. ދަރަވަންދޫ، އދ. މާމިގިލި، ދ. ކުޑަހުވަދޫ، އަދި ގއ. ވިލިގިލި ހިމެނެއެވެ. މީގެ އިތުރުން ހދ. ނައިވާދޫ، ށ. ބިލެއްފަހި، ބ. ހިތާދޫ، އދ. ދިގުރަށް، ފ. މަގޫދޫ، ތ. ވަންދޫ އަދި އއ. ފެރިދޫ ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްތަކުގައި މި ޖިމްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ބުނީ ގިނަ ރަށްތަކެއްގެ ޖިމްތައް ހަދާނެ ގޮތުގެ ކުރެހުންތައް މިހާރު ފާސްކޮށްފައިވާ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.