ވޯލްޑް ކަޕް 2026 ގެ ބްރޯންޒް މެޑަލް މެޗުގައި އިންގްލެންޑުން ފްރާންސް ބަލިކޮށްފިއެވެ.
އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މެޗުވީ އާދަޔާހިލާފު މެޗަކަށެވެ. 6-4 އިން އިންގްލެންޑް މެޗު ކާމިޔާބުކުރި އިރު، މިއީ 1966 ވަނަ އަހަރު އެގައުމުން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ވޯލްޑް ކަޕްގައި ލިބުނު ފުރަތަމަ މެޑަލްއެވެ.
މެޗަށް ނުކުތް އިރު، ފްރާންސާއި އިންގްލެންޑަކީ ވެސް މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަކޮށްލެވުނު ދެ ޓީމެކެވެ. އެގޮތުން ސުޕަސްޓާރުންނާއެކު ފްރާންސްގެ އެޓޭކު ނުހުއްޓުވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަމުން ދިޔައެވެ. އަދި އިންގްލެންޑަށް ވޯލްޑް ކަޕް 1966 އަށްފަހު ވޯލްޑް ކަޕްގެ ފައިނަލަކަށް އަދި ބައިނަލްއަގުވާމީ ތައްޓެއް ވެސް ލިބިފައިނުވުމުން، ގިނަ ބަޔަކު އެޓީމަށް އުންމީދުތަކެއް ކުރަމުންދިޔައެވެ.
މިދިޔަ ދެ ވޯލްޑް ކަޕްގައި ވެސް ފައިނަލުން ފެނުނު ފްރާންސުން މި ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި ނަމަވެސް، ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ހުނަރުވެރި ސްޕެއިން އަތުން ވަނީ ބަލިވެފައެވެ. އެ މެޗުގައި ސްޕެއިނުން ފްރާންސްގެ އެޓޭކަރުން ހުއްޓުވި އިރު، ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
އިންގްލެންޑުން ސެމީ ފައިނަލާ ހަމައަށް އައި އިރު، ގްރޫޕު ސްޓޭޖުގައި ގާނާ އަތުން އެއްވަރުވި މެޗު ފިޔަވައި އެހެން ހުރިހާ މެޗަކުން ވަނީ މޮޅުވެފައެވެ. އެގޮތުން މެކްސިކޯގެ ކާމިޔާބު އަޒްޓެކާ ސްޓޭޑިއަމްގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު ގަދަ 16 ގެ މެޗުން ހޯދި މޮޅު ފާހަގަކޮށްލެވެއެވެ. ސެމީގައި އިންގްލެންޑުން ލީޑު ހޯދާފައިވަނިކޮށް، ޓެކްޓިކަލް ކުޅުމުގެ މައްސަލަތަކަކާއެކު އާޖެންޓީނާ އަތުން ބަލިވީ ފަހު ފަސް މިނެޓުގައި ވަން ދެ ގޯލުންނެވެ.
ތިންވަނަ ހޮވާ މެޗަކީ މާބޮޑު ކާމިޔާބަކަށް ނުވި ކަމުގައިވިޔަސް، ފްރާންސް އަދި އިންގްލެންޑަށް ވެސް މި މެޗު އޮތީ މުހިންމުވެފައެވެ. މެޗަކީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްގެ އަލްވަދާއު މެޗަށްވާ އިރު، އިންގްލެންޑަށް މެޗު މުހިންމުވަނީ އެޓީމަށް ވޯލްޑް ކަޕް 1966 ގެ ކާމިޔާބީއަށްފަހު ވޯލްޑް ކަޕްގެ މެޑެއްޔެއް ލިބިފައިނުވާތީއެވެ.
މީގެ ކުރިން މި ދެ ޓީމު ބައްދަލުކުރި 32 މެޗުގެ ތެރެއިން 17 މެޗެއް އިންގްލެންޑުން ކާމިޔާބުކުރި އިރު، ފްރާންސް ކާމިޔާބުކުރީ ދިހަ މެޗެކެވެ. އަދި ފަސް މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. ވޯލްޑް ކަޕްގެ ތާރީހުގައި ވެސް 2022 އާ ހަމައަށް ފްރާންސްގެ މައްޗަށް އިންގްލެންޑުން ވަނީ ކުރި ހޯދައިފައެވެ. އެއީ ވޯލްޑް ކަޕް 1966 އަދި ވޯލްޑް ކަޕް 1982 ގެ ގްރޫޕު ސްޓޭޖުގައެވެ. އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން އިންގްލެންޑް ވަނީ ބަލިވެފައެވެ. އެހެންކަމުން މި މެޗަކީ 2022 ގެ ނާކާމިޔާބީގެ ބަދަލު ހިފުމަށް ވެސް އިންގްލެންޑަށް މުހިންމު މެޗެކެވެ.
ދެން މެޗު ހާއްސަވީ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭއަށެވެ. ރަން ބޫޓަށް ކުރަމުންދިޔަ މަސައްކަތަށެވެ. މެޗަށް ނުކުތް އިރު، އޭނާ އާއި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ހުރިހާ ގޮތަކުން އެއްވަރުވެފައިވާ އިރު، ދެ ކުޅުންތެރިން ވެސް އޮތީ މި ވޯލްޑް ކަޕްގައި އަށް ގޯލު ޖަހައި ތިން އެސިސްޓް ހަދާފައެވެ.
ތިންވަނަ ހޮވާ މެޗު ކަމަށްވުމާއެކު ދެޓީމުންވެސް ނުކުތީ ބަދަލުތަކާއެކުގައެވެ. އިންގްލެންޑުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ސެމީގެ މެޗު ފެށި ކުޅުންތެރިންގެ ތެރެއިން މި މެޗުގައި ފުރަތަމަ 11 އިން ފެނުނީ ހަތަރު ކުޅުންތެރިއެކެވެ. އެއީ ޖެޑް ސްޕެންސް، މާކް ގޭހީ، ޑެކްލަން ރައިސް އަދި މޯގަން ރޮޖާސްއެވެ. ކެޕްޓަން ހެރީ ކޭން، ޖޫޑް ބެލިންހަމް އަދި ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވެސް ފެށީ ބެންޗުންނެވެ.
ފްރާންސްވެސް ވަނީ އެ އަދަދަށް ފުރަތަމަ 11 އަށް ބަދަލު ގެނެސްފައެވެ. ގޯލްކީޕަރު މައިކް މިނިއޯ، މިޑްފީލްޑަރު އެޑްރިއެން ރަބިއޯ، މައިކަލް އޮލީސޭ އަދި ކެޕްޓަން ކިލިއަން އެމްބާޕޭގެ އިތުރުން ދެން ފެނުނީ ތަފާތު ކުޅުންތެރިންތަކެކެވެ. މުޅި ޑިފެންސް ލައިންވެސް ބަދަލުކޮށްލާފައިވާ އިރު، އުސްމާން ޑެމްބެލޭވެސް މެޗު ފެށީ ބެންޗުންނެވެ.
ދެޓީމުގެ ކުޅުންތެރިންވެސް މަޑު ރާގެއްގައި ފެށި މެޗު ވެގެންދިޔައީ ތަފާތު މެޗަކަށެވެ. ފުރަތަމަ ހާފުގައި ފެނުނީ ގަބޫލުކުރަން ދަތިވެސް މަންޒަރެކެވެ. އިންގްލެންޑުން ފްރާންސް ކޮޅަށް ފަސޭހަކަމާއެކު ހަތަރު ގޯލް ޖެހިއެވެ.
ތިންވަނަ މިނެޓުގައި އިންގްލެންޑުން ލީޑު ނެގި އިރު، ޒަައިރޭ ޑޫއޭ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ގޮސް، ޕެނަލްޓީ އޭރިއާ ބޭރުން ފްރާންސް ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން އިންގްލެންޑަށް ލީޑު ނަގައިދިނީ ކެޕްޓަން ބޭންޑްގައި ކުޅެމުންދިޔަ ޑެކްލަން ރައިސްއެވެ.
އެހިސާބުން މެޗު ހުޅުވިގެން ދިޔައެވެ. ދެޓީމުގެ ޑިފެންސްގައިވެސް މާބޮޑު ހިފެހެއްޓުމެއް ނެތް ވަގުތުކޮޅެއް ފެނުނެވެ. އިންގްލެންޑްގެ މާކަސް ރަޝްފޯޑުގެ ހަމަލާއެއް ބްލޮކްވި އިރު، އަނެއްކޮޅުން ޑިޒައިރޭ ޑޫއޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ރަޔަން ޗާކީ ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފައެވެ.
މެޗުގެ 18 ވަނަ މިނެޓުގައި އިންގްލެންޑް ދެވަނަ ގޯލްވެސް ޖެހިއެވެ. ރައިސް ނަގައިދިން ކޯނަރަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުން ގޯލް ޖަހައިދިނީ އެޒްރީ ކޮންޒާއެވެ. އެހިސާބުން އިންގްލެންޑް ނުރައްކާ ބޮޑުކުރި އިރު، އެމްބާޕޭ ދިޔައީ އޭނާގެ ރެކޯޑަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން އެމްބާޕޭ ފޮނުވާލި ހަމަލާ އިންގްލެންޑްގެ ގޯލާ އަމާޒުނުވެ ބޭރަށް ދިޔަ އިރު، ހައިޑްރޭޝަން ބްރޭކަށްފަހު ފޮނުވާލި ބާރު ހަމަލާ މަތަކުރީ ޑީން ހެންޑަސަންއެވެ.
ހާފުގެ ފަހުކޮޅުގައި ފްރާންސްގެ މާބޮޑު ހިތްވަރެއް ނުފެނުމުގެ ފައިދާ އިންގްލެންޑުން ނެގިއެވެ. ދިގު ބޯޅަތަކާއެކު ޖާގަ ހޯދަމުން ދިޔަ އިރު، މޯގަން ރޮޖާސް ދިން ބޯޅައަކުން ރަޝްފާޑް ދުރުން ފޮނުވާލި ބާރު ހަމަލާ، ފްރާންސް ކީޕަރު މައިކް މިނިއޯ މަތަކުރިއެވެ.
އޭގެ އިރުކޮޅެއްފަހުން އިންގްލެންޑުން ތިންވަނަ ގޯލެއް ޖެހިއެވެ. ރަޝްފާޑް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ފްރާންސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިންގްލެންޑަށް ތިންވަނަ ގޯލް ޖަހައިދިނީ ސަކާއެވެ. ކައުންޓާ އެޓޭކެއްގައި ސަކާ ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ރަޝްފާޑް ފޮނުވާލި ފުރަތަމަ ހަމަލާ، ފްރާންސް ކީޕަރު މިނިއޯ މަތަކުރި އިރު، ރީބައުންސް ބޯޅައިން ސަކާ ފުރަތަމަ ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ލަކުއާ ވަނީ ބްލޮކްކޮށްފައެވެ. އެހެން ނަމަވެސް ރީބައުންސްގައި ދެން ލިބުނު ބޯޅަ ސަކާ ގޯލަށް ވައްދާލިއެވެ.
ހާފު ނިމުމުގެ ކުރިން ސަކާގެ އިތުރު ގޯލެއް ފެނުނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ގޯލް ސަކާ ޖެހީ، އެބެރެޗީ އެޒޭ ދިން ބޯޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސް ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެންނެވެ.
ދެވަނަ ހާފަށް ފްރާންސުން ނުކުތީ ހަތަރު ބަދަލަކާއެކުގައެވެ. ކޮނާޓޭ، ތިއޯ ހެނާންޑޭޒް، ޑިޒައިރޭ ޑޫއޭ އަދި ޗާކީގެ ބަދަލުގައި ކުޅެން ނުކުތީ ޑަޔޮޓް އުޕަމެކާނޯ، ލޫކަސް ޑީނިއޭ، އުސްމާން ޑެމްބެލޭ އަދި ބްރެޑްލީ ބާކޯލާއެވެ.
އިންގްލެންޑުން ދެވަނަ ހާފަށް ރަޝްފޯޑުގެ ބަދަލުގައި އޮލީ ވޮޓްކިންސް ކުޅެން ނެރެނު އިރު، ދެވަނަ ހާފުގައި ފެނުނީ މުޅިން ތަފާތު ފްރާންސެކެވެ. އެޓީމުގެ އެޓޭކް ލައިނުގެ ފެންވަރު ދައްކާލައި އިންގްލެންޑް ހާސްކޮށްލިއެވެ.
މެޗުގެ 48 ވަނަ މިނެޓުގައި ފްރާންސުން އެޓީމުގެ ފުރަތަމަ ގޯލް ޖެހިއެވެ. މައިކަލް އޮލީސޭ ދިން ރީތި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު އިންގްލެންޑް ގޯލުގެ ތެރެއަށް ފޮނުވާލީ އެމްބާޕޭއެވެ. އެއީ މުބާރާތުގައި ޖެހި ނުވަ ވަނަ ގޯލެވެ. އަދި ވޯލްޑް ކަޕް ތާރީހުގައި ޖެހި 21 ވަނަ ގޯލެވެ.
އެހިސާބުން ފްރާންސަށް ދިރުން ލިބި، 54 ވަނަ މިނެޓުގައި އަނެއްކާވެސް ގޯލް ޖެހިއެވެ. އެމްބާޕޭ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އިންގްލެންޑް ގޯލަށް ބޯޅަ ނިންމާލީ ބްރެޑްލީ ބާކޯލާއެވެ.
އޭގެފަހުންވެސް ފްރާންސުން ނުރައްކާ ކުރަމުން ދިޔަ އިރު، 64 ވަނަ މިނެޓުގައި ޑެމްބެލޭ ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޑީން ހެންޑަސަން މަތަކުރިއެވެ. އަދި އުޕަމެކާނޯ ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރެވެ. 66 ވަނަ މިނެޓުގައި އެމްބާޕޭ ތާރީހީ ގޯލާއެކު ފްރާންސަށް އިތުރަށް ފަރަގު ކުޑަކޮށްދިނެވެ.
އޮލީސޭ ތިން ބޯޅަ، ނަލްޓީ އޭރިއާ ތެރެއިން އިންގްލެންޑް ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން އެމްބާޕޭ ވޯލްޑް ކަޕްގައި 22 ވަނަ ގޯލް ޖަހައި، މެސީގެ ތާރީހީ ރެކޯޑު މުގުރާލި އިރު، އެއީ އޭނާ މި ވޯލްޑް ކަޕްގައި ޖެހި 10 ވަނަ ގޯލެވެ. އެހިސާބުން ފްރާންސަށް މެޗު އެއްވަރުކޮށްލަން އިތުރު ފުރުސަތުތައް ތަނަވަސްވި ނަމަވެސް، ޑެމްބެލޭއާއި އެމްބާޕޭ އަދި އޮލީސޭއަށް ލިބުނު ފުރުސަތުތައް ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ.
އެހެން ދަނިކޮށް، އިންގްލެންޑަށް ހަމަޖެހިލަން ލިބުނު ފުރުސަތަކީ 85 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޖެޑް ސްޕެންސަށް މަލޯ ގުސްޓޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީގައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ސަކާ ހެޓްރިކް ހަދައި، އިންގްލެންޑަށް އިތުރު ގޯލެއް ޖަހައިދިނެވެ.
އޭގެ ފަހުން އިތުރު ވަގުތުގައިވެސް ޑްރާމާ ބޮޑުވިއެވެ. ޑެމްބެލޭގެ ގޯލެއް ފެނިގެން ދިޔަތާ މާގިނައިރެއް ނުވެ، ބެލިންހަމް ވަނީ އިންގްލެންޑަށް ހަވަނަ ގޯލެއް ޖަހައިދިނީ ލޯ މެޑަލް ޔަގީން ކޮށްދީފައެވެ.
މިއީ ވޯލްޑް ކަޕް ތާރީހުގައިވެސް ތިންވަނަ ހޮވި މެޗެއްގައި އެންމެ ގިނައިން ގޯލް ޖެހި މެޗެވެ. ކުރިން އެ ރެކޯޑު އޮތީ 1958 ވަނަ އަހަރުއެވެ. އެއީ ފްރާންސުން 6-3 އިން ވެސްޓް ޖަރުމަނު ބަލިކުރި މެޗެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް