އުމުރުން 39 އަހަރުގެ ލިއޮނަލް އަންދްރޭއާސް މެސީއާ ގުޅޭގޮތުން ދައްކަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟ ބަޔަކު މަލާމާތާއި ފުރައްސާ ކުރިޔަސް، ހަގީގަތުގައި މެސީއަކީ ހަމަ އަޖައިބެކެވެ. ޅަދުވަހުން ފެށިގެން މިއަދާއި ހަމައަށް ދެމިގެން ދިޔަ ކެރިއަރަކީ ޖާދުލެކެވެ. ބޯޅަ ފައިގައި ޖެހުމުން މެސީގެ އެދައްކާ ހުނަރު ދެއްކުނު އެއްވެސް ކުޅުންތެރިޔަކު މިހާތަނަށް ފެނިފައި ނުވާ ކަމަށް އެތައް ބަޔަކު އެއްބަހެވެ. ދުނިޔޭގެ ޗެމްޕިއަނެކެވެ. 8 ބެލޮންޑިއޯގެ ފަހުރެކެވެ. މިހާތަނަށް ދެ ވޯލްޑް ކަޕެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު، މިހާރު މިސްރާބު އެހުރީ އިތުރު ރަން ބޯޅައަކާއެކު ވޯލްޑް ކަޕްގެ އިތުރު ތާރީހެއް ލިޔެލުމާ ދިމާއަށެވެ.

ކްލަބު ފުޓުބޯޅައިގެ ޗެމްޕިއަނަކުން ގައުމީ ޓީމަށް ހޯދައިދިން ވޯލްޑް ކަޕާއެކު އާޖެންޓީނާގައި އެއީ ދެވަނައެއް ނެތް ޝަހުސިއްޔަތެކެވެ. ދުނިޔޭގެ އެހެން ހުރިހާ އެތުލީޓުންގެ ކުރިމަތީގައިވެސް މެސީއަށް އެ ގަދަރާއި އިއްޒަތް ދޭތަން ފެނެއެވެ. ޖެހިޖެހިގެން ދެވަނަ ވޯލްޑް ކަޕެއްގެ ފައިނަލަށް ނުކުންނަ އިރު، މެސީ އަނެއްކާވެސް ދުނިޔެ ހައިރާން ކޮށްލައިފިއެވެ. "ފީފާގެ އެހީގައި މެސީއަށް ތަށި ދޭން އުޅެނީ" ކަމަށް ބުންޏަސް، އެއް ހަގީގަތެއް ގަބޫލުކުރަން ވާނެއެވެ. އުމުރުން 39 އަހަރުގައި ވޯލްޑް ކަޕަކަށް ނުކުމެ، މެސީ ދެއްކީ އާދަޔާހިލާފު މަންޒަރެކެވެ.

މެސީ އާޖެންޓީނާއަށް ކުޅުނު މެޗެއްގެ ތެރެއިން ---

މެސީގެ ކެރިއަރު މިއަދު ފައްކާވެ ފުރިހަމަވެފައިވީ ނަމަވެސް، އެއީ އަބަދު ސީދާ ރޮނގެއްގައި ދިޔަ ކެރިއަރެއް ނޫނެވެ. 2022 ވަނަ އަހަރު ގަތަރުގައި "ފެއަރީޓޭލް" ވާހަކައެއް މެސީ ލިޔެލި ނަމަވެސް، ކެރިއަރުގައި ގައުމީ ޓީމާއެކު ކުރީ ކަރުނައިގެ ދަތުރެކެވެ. އެ ދަތުރުގެ އެއް ސަފުހާ ގުޅިފައިވާ ދަނޑަކީ މިރޭ ސްޕެއިނާ ދެކޮޅަށް ވޯލްޑް ކަޕްގެ ފައިނަލުގައި ނުކުންނަ އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމެވެ. ވޯލްޑް ކަޕަށް އެ ނަން ދެވުނު ނަމަވެސް އަސްލު މެޓްލައިފް ސްޓޭޑިއަމެވެ.

މެސީގެ ހިތްދަތި ރިޓަޔާމަންޓްގެ ދަނޑަށް ފައިނަލަށް

މެސީ ޕެނަލްޓީ ނާކާމިޔާބުވެ، މާޔޫސްކަމުގައި ---

ކޮޕާ އެމެރިކާ 2016 ގެ ފައިނަލުގައި އަމިއްލަ ޕެނަލްޓީ ނާކާމިޔާބުވުމުން، މާޔޫސްވެފައި ހުރި މެސީ ވަނީ ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކޮށްފައެވެ.

"ގައުމީ ޓީމުގެ ކެރިއަރު އަހަންނަށް ނިމުނީ. މިއީ ހަތަރުވަނަ ފައިނަލް. މިއީ އަހަންނަށް ލިޔެވިފައިވާ ކަމެއް ނޫން،" މެސީ ބުނެފައިވެއެވެ. މި ނިންމުމާއެކު މުޅި ފުޓުބޯޅަ ދުނިޔެ ސިހުމަކަށް އައެވެ.

އޭރު އުމުރުން 29 އަހަރެވެ. އެއީ މެސީގެ ކެރިއަރުގައި އެންމެ ހިތްދަތި ވަގުތުކޮޅު ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ. އޭރު ގައުމުގައިވެސް އޭނާއަށް ނަފުރަތު އޮތް ކަހަލައެވެ. ޑިއޭގޯ މަރަޑޯނާގެ ކާމިޔާބީ ތަކުރާރު ނުކުރެވުން އެއީ މެސީއަށް އޮތް ބޮޑު ޕަރެޝަރަކަށް ވިއެވެ.

ކޮންމެއަކަސް އެހިސާބުން ފެނުނީ ތަފާތު މަންޒަރެކެވެ. އާޖެންޓީނާގެ ސަޕޯޓަރުންނާއި، ކުރީގެ ކުޅުންތެރިންނާއި، ނޫސްވެރިންގެ އިތުރުން ސިޔާސީ ލީޑަރުންވެސް ވަނީ މެސީގެ ނިންމުން ބަދަލުކުރުމަށް ގޮވާލައިފައެވެ. ވެރިރަށް ބުއޭނޯސް އައިރީސްގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ، މެސީ އެނބުރި އައުމަށް އެދުނެވެ. މަދު ހަފުތާތަކެއްގެ ތެރޭގައި މެސީ އޭނާގެ ނިންމުން ބަދަލުކުރިއެވެ. މެސީ ބުނިގޮތުގައި އެނބުރި އައީ ފާޑުކިޔުންތައް ހުއްޓިގެންނެއް ނޫނެވެ، ނަމަވެސް އާޖެންޓީނާއަށް އޭނާގެ ހިތުގައި އޮތް ލޯބި ބޮޑުވީމައެވެ.

ކޮޕާ އެމެރިކާގެ ތިން ފައިނަލަކާއި 2014 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލްގެ ފެއިލިއާތަކުން މެސީ އަރައިގަނެ، މިހާރު ހުރީ އެންމެ އުހުގައެވެ. ޖެހިޖެހިގެން ދެފަހަރަށް ސަރަހައްދީ ޗެމްޕިއަންކަން ހޯދައި، ވޯލްޑް ކަޕް ހޯދައިގެން ތަށި އުފުލާލި ފޮޓޯ ވެގެން ދިޔައީ ފުޓުބޯޅައިގެ އެންމެ އައިކަނިކް އެއް ފޮޓޯއަށެވެ.

ގަތަރު ވޯލްޑް ކަޕްގެ ކުރިން 1978 ވަނަ އަހަރު ޑެނިއެލް ޕަސަރެއްލާއެވެ. އޭގެ ފަހުން 1986 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާއެވެ. އެ ތާރީހީ ނަންތަކަށް މެސީގެ ނަން އިތުރުވެ، ގަތަރު ވޯލްޑް ކަޕް ފައިނަލަށްފަހު ކުން އަގުއޭރޯގެ ކޮނޑުމަތިން ނެގި ފޮޓޯ އަދިވެސް އެއީ ތާރީހީ ފޮޓޯއެކެވެ.

ދެން އޮތީ އެހެން އެއްވެސް ކެޕްޓަނަކަށް ނުވެ އޮތް ކަމެއް ކުރުމެވެ. ޖެހިޖެހިގެން ދެވަނަ ވޯލްޑް ކަޕެއް ހޯދުމެވެ. މީގެ ކުރިން ޖެހިޖެހިގެން ވޯލްޑް ކަޕް ތަށި ހޯދީ ބްރެޒިލާއި އިޓަލީން އެކަންޏެވެ. އިޓަލީން 1934 އަދި 1938 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި އިރު، އެ ދެ ތަށި އުފުލާލީ ދެ ކެޕްޓަނުންނެވެ. އެއީ ޖިއާންޕިއޭރޯ ކޯމްބީއާއި ޖިސެޕީ މެއާޒާއެވެ. ބްރެޒިލުން 1958 އަދި 1962 ވަނަ އަހަރު ޖެހިޖެހިގެން ދެ ވޯލްޑް ކަޕް ތަށި އުފުލާލި އިރު، އެކަންވެސް ކުރީ ދެ ކެޕްޓަނެކެވެ. އެއީ ހިލްޑެރާލްޑޯ ބެލީނީއާއި މައުރޯ ރާމޯސްއެވެ.

މަރަޑޯނާ 1986 ވަނަ އަހަރު ޖާދުވީ ތަށި ހޯދުމަށްފަހު 1990 ވަނަ އަހަރު ފައިނަލުގައި ކުޅުނު ނަމަވެސް ދެވަނަ ތަށި އުފުލައިލެވޭ ވަރެއް ނުވިއެވެ. ފްރާންސުން 2018 ގައި އުފުލާލައި، 2022 ގައި އުފުލާލަން މަސައްކަތް ކުރި ނަމަވެސް، އެ ދެފަހަރު ހުރި ކެޕްޓަން ހޫގޯ ލޮރިސްއަށްވެސް އެކަމެއް ނުވިއެވެ. އެހެންކަމުން މެސީ ނުކުންނަނީ އެކަމުގެ ސިއްކަ ޖެހުމަށެވެ.

ކަން ދިމާކުރި ގޮތުން މެސީ މިރޭ އެކަން ކުރަން ނުކުންނަނީ 2016 ގައި ހިތްފަޅައިގެން ދިޔަ މެޓްލައިފް ސްޓޭޑިއަމަށެވެ.

"ގޯޓް"ގެ ބަހުސާއި މިހާރު ޓީމަށް ގެނެސްދޭ ރޫހު

މެސީގެ ނަންބަރުތަކާއި ކާމިޔާބީތަކުގެ އިތުރުން ޖާދުވީ ކުޅުމުން އޭނާއަކީ ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ "ގޯޓް" ކަމަށް އެތައް ބަޔަކު ބުނެއެވެ. ހާއްސަކޮށް ތަޖުރިބާކާރު އެތައް ބަޔަކު އެކަމަށް ތަކުރާރުކޮށް އިންތިފާގުވެއެވެ. އެއީ މިހާރު ބަހުސެއް ނޫން ކަމަށް ގަބޫލުކުރާ މީހުންވެސް ގިނައެވެ.

އާޖެންޓީނާގެ ވޯލްޑް ކަޕް ތަށްޓާއެކު މެސީ ---

މުޅި ކެރިއަރުގެ ދިގުމިނާއި ކާމިޔާބީގައި ދެމިހުރި ދިގުމިނަށް ބަލައި މެސީއަކީ ގޯޓް ކަމަށް ބުނެވޭނެ ޖާގަ ބޮޑު ނަމަވެސް، ތާ އަބަދަށް ބަހުސް ދެމިގެންދާނެއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޕެލޭ، މަރަޑޯނާ އަދި ރޮނާލްޑޯއާއި ޒައިނުއްދީން ޒިދާން ފަދަ ކުޅުންތެރިންނާ މެސީ އަބަދުވެސް އަޅައިކިޔާނެއެވެ. އެ ޖާގަ ނަންބަރުތަކުން ހޯދިވެސް ދާނެއެވެ. އެކަމަށް މެސީއަށް މިހާރު ފަރުވާލެއް ނެތްކަން އޭނާގެ ވާހަކަތަކުން ފާހަގަވާއިރު، އޭނާ މިހާރު ޓީމަށް ގެނެސްދެނީ ހަމައެކަނި އެސިސްޓާ ގޯލެއް ނޫނެވެ. ރޫހެވެ.

"އަހަރެމެންނަށް މިސާލަކަށް ބަލަން ލިބިފައި މިހުރީ ދުނިޔޭގެ އެއްވަނަ. އެއީ ލިބޭ ހިތްވަރަކީ. ކެރިއަރު އެއްކޮށް ފުރިހަމަކޮށްވެސް އެ ދަނީ ތަފާތު ރޫހެއްގައި މަސައްކަތް ކުރަމުން. މި ޓީމުގެ އެންމެ ބޮޑު އުފަލަކީ އެ ކުރާ މަސައްކަތް. މި ޓީމަކީ ރޫހު ބަލިކޮށްލެވޭނެ ޓީމެއް ނޫންކަން ފެނިއްޖެ. އެންމެ އުނދަގޫ ހާލަތުންވެސް އަރައިގަނެވޭނެ ހިތްވަރު ޓީމުގައި އެބަހުރި،" ތަޖުރިބާކާރު ފޯވަޑް ލައުޓާރޯ މާޓިނޭޒް އިންގްލެންޑް ކޮޅަށް ގޯލް ޖެހުމަށްފަހު ބުންޏެވެ.

މެސީ އެނބުރި އޭނާގެ ހިތްދަތި ދަނޑަށް މިރޭ ނުކުންނަނީ ސާބިތުކޮށްދޭނެ މާ ބޮޑު އެއްޗެއް ނެތިއެވެ. އޭނާ މި ވޯލްޑް ކަޕް ތެރޭގައި ވޯލްޑް ކަޕްގެ 21 ވަނަ ގޯލް ޖަހައިގެން ތާރީހީ ރެކޯޑެއް ހެދިއިރު، ކިލިއަން އެމްބާޕޭ ރޭ އެ ރެކޯޑު މުގުރާލައި 22 ގޯލް ހަމަކުރިއެވެ. އެ ރެކޯޑު މުގުރާލަން މެސީ ބޭނުންވެދާނެ ނަމަވެސް، ވޯލްޑް ކަޕްގެ ތަށްޓަކަށްވުރެ އެކަން އިސް ނުކުރާނެކަން ޔަގީނެވެ.

އާޖެންޓީނާ ޖާޒީގައި 206 މެޗު، 21 އަހަރު ދުވަހު ތެރޭގައި ކުޅެފައިވާ މެސީއަށް މިރޭގެ މެޗަކީ ގައުމީ ޖާޒީގައި އެންމެ ފަހު ވޯލްޑް ކަޕް މެޗެވެ. ޔަގީނުންވެސް ނިމޭނީ ކޮންމެވެސް ތާރީހެއް ލިޔެވިގެންނެވެ. އެއީ މެސީ އެހެން ހުރިހާ ކުޅުންތެރިންނާއި ކެޕްޓަނުންގެ މައްޗަށް ޖެހިލާނެ ތާރީހަކަށްވުން ގާތްވެސް މެއެވެ.