ރާއްޖޭގެ އިގްތިސޯދީ އަދި އުމްރާނީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ޗައިނާއަކީ ވަރަށް ބޮޑަށް އިތުބާރު ކުރެވޭ ގައުމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓު ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ރައީސް "ވަން" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ދުނިޔޭގެ ކޮންމެ ގައުމަކާ އެކުވެސް ގާތް ގުޅުމެއް ބޭއްވުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާއި، އިގްތިސޯދީ ކުރިއެރުމާއި، ބޯހިޔާވަހިކަމުގެ ދާއިރާގައި ޗައިނާއަކީ ވަރަށް އެހީތެރި އަދި "ރިލަޔަބަލް ޕާޓްނަރެއް" ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަޔަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ސަރުކާރަކަށް މުޅިން ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށެވެ. ނަމަވެސް، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއާއެކު، ފެން ބޮޑުވުމުގެ މައްސަލަޔަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ޗައިނާ ސަރުކާރަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގަ ދިވެހި ރައްޔިތުންނަށް ފައިދާވާ ތަރައްގީގެ މަޝްރޫއުތަކުގަ އިގްތިސޯދީ ތަރައްގީއާއި ބޯހިޔާވަހިކަމާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގަ ވަރަށް އެހީތެރިކަން ދޭ ގައުމެއް. މި ސަރުކާރުގެ ސިޔާސަތަކީ ޗައިނާ ސަރުކާރާއެކީގައި މި ކަހަލަ މަސައްކަތްތައް ކުރުން، ވަރަށް ރިލަޔަބަލް ޕާޓްނަރެއް ވީމަ، މި މަޝްރޫއުތަކުގަ އަޅުގަނޑުމެން މި ސަރުކާރުން ހަމަ ވަރަށް ކައިރިން، ދެން ޖެހޭ ހުރިހާ ސަޕޯޓެއްވެސް ދޭނަން" ރައީސް ވިދާޅުވިއެވެ.
މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތަށް މިއަހަރުގެ ފަހުކޮޅު ޗައިނާ ކޮންޓްރެކްޓަރުން މާލެއަށް އައިސް އަމަލީ މަސައްކަތް ފަށާނެކަމަށް ބެލެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ މަޝްރޫއު ފެށުމުގެ ކުރިން ފުރިހަމަކުރާން ޖެހޭ އެންމެ ފަހުގެ މަރުހަލާތައް ކަމަށާއި، މަސައްކަތް ފެށުމަށްފަހު އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވާތީ، އެ ގައުމާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް