ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފަހަތުން އަރައި، އިންގްލެންޑް ބަލިކޮށް، އާޖެންޓީނާއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ފައިނަލް ޔަގީން ކޮށްފިއެވެ.

އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 2-1 އިންނެވެ. އެއީ ފަހުވަގުތު ދެ ގޯލް ޖަހައިގެންނެވެ.

މިހާތަނަށް ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެ ފައިނަލަށް ދަތުރުކުރީ އިޓަލީ، ބްރެޒިލް، އާޖެންޓީނާގެ އިތުރުން ނެދަލޭންޑްސްއާއި ފްރާންސެވެ. އޭގެ ތެރެއިން ދެ ފައިނަލުން މޮޅުވެފައި އޮތީ ބްރެޒިލާއި އިޓަލީ އެކަންޏެވެ. އާޖެންޓީނާއިން 1986 އަކާއި 1990 ވަނަ އަހަރު ފައިނަލުގައި ކުޅުނު ނަމަވެސް، 1990 ގައި ނިންމާލީ ރަނަރަޕްގެ ގޮތުގައެވެ.

މެޗަށް ނުކުތް އިރު، އާޖެންޓީނާ އިން މަސައްކަތްކުރަމުން ދަނީ ވިދިވިދިގެން ދެ ވޯލްޑް ކަޕް ހޯދުމަށެވެ. އަދި އިންގްލެންޑުން މަސައްކަތްކުރަމުން ދަނީ ވޯލްޑް ކަޕް 1966 އަށްފަހު ބައިނަލްގުވާމީ ތައްޓެއް ނުލިބި އޮތުމަށް ނިމުމެއް ގެނައުމަށެވެ.

މި ވޯލްޑް ކަޕްގެ ގްރޫޕު ސްޓޭޖުގައި އިންގްލެންޑުން ކުޅުނު މެޗުތަކުގެ ތެރެއިން ކްރޮއޭޝިއާ އާއި ޕެނަމާ އަތުން މޮޅުވި އިރު، ގާނާ އަތުން ވަނީ އެއްވަރުވެފައެވެ. ގަދަ 32 ގައި އިންގްލެންޑުން ވަނީ ފަހުވަގުތު ފަހަތުން އަރައި ޑީއާރް ކޮންގޯ އަތުން މޮޅުވެފައެވެ. އަދި ގަދަ 16 ގައި އަމިއްލަ ގައުމުގައި ކުޅެމުންދިޔަ މެކްސިކޯގެ ކާމިޔާބު ސްޓޭޑިއަމް، އަޒްޓެކާގައި އިންގްލެންޑުން ވަނީ ކުޅުންތެރިޔަކު މަދުކޮށް މެކްސިކޯ ބަލިކޮށްފައެވެ. އޭގެ ފަހުން ކުއާޓާ ފައިނަލުގައި ނޯވޭ ބަލިކުރީ އިތުރު ވަގުތުގައި 2-1 ގެ ނަތީޖާއަކުންނެވެ.

މި ވޯލްޑް ކަޕްގައި އާޖެންޓީނާއިން ހޯދި މޮޅުތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މެޗަށް ނުކުތްއިރުވެސް މެސީ ވަނީ މުބާރާތުގައި އަށް ގޯލު ޖަހައި މި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދައިފައެވެ. މެސީގެ އިތުރުން ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ ވެސް ވަނީ އަށް ގޯލު ޖަހައިފައެވެ. އޭގެ އިތުރުން މި ވޯލްޑް ކަޕްގައި ޖެހި ގޯލުތަކާއެކު މިވަގުތު މެސީ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެ ރެކޯޑަށް ވެސް އެމްބާޕޭ ވާދަކުރަމުންދާ އިރު، މެސީ ކުރީގައި އޮތީ އެންމެ ގޯލެއްގެ ތަފާތުންނެވެ. މެސީއަށް ގޯލެއް ނުޖެހުނު ހަމައެކަނި މެޗަކީ ކުއާޓާ ފައިނަލުގައި 3-1 ގެ ނަތީޖާއަކުން ސްވިޒަލެންޑް ބަލިކުރި މެޗުގައެވެ.

އާޖެންޓީނާ އާއި އިންގްލެންޑަކީ ވަރުގަދަ ތާރީހެއް އޮތް ދެ ވާދަވެރިންނެވެ. ވޯލްޑް ކަޕަށް ބަލައިލާ އިރު، މި ދެ ޓީމު ވަނީ ފަސް ފަހަރަކު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން އެންމެ މައްސަލަ ބޮޑުވީ ވޯލްޑް ކަޕް 1986 ގެ ކުއާޓާ ފައިނަލް މެޗުގައެވެ. އެ މެޗަކީ އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ އަތުން ޖެހި ގޯލަކާއި ހިތްގައިމު ގޯލަކާއެކު އިންގްލެންޑް ކަޓުވާލި މެޗެވެ.

އޭގެ ކުރިން އިންގްލެންޑުން ޗެމްޕިއަންކަން ހޯދި ވޯލްޑް ކަޕް 1966 ގެ މެޗު ވެސް ވެގެންދިޔައީ މައްސަލަ ބޮޑު މެޗަކަށެވެ. ވެމްބްލީގައި ކުޅުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލު މެޗުގައި އާޖެންޓީނާގެ ކެޕްޓަން އެންޓޯނިއޯ ރެޓިން ދަނޑުން ފޮނުވާލުމާ ގުޅިގެން ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ. އެ މެޗު އިންގްލެންޑުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އޭގެ އިތުރުން ވޯލްޑް ކަޕް 1998 އަދި 2002 ގައި ކުޅުނު މެޗު ވެސް ވެގެންދިޔައީ ވަރަށް ވާދަވެރި މެޗުތަކަކަށެވެ. ވޯލްޑް ކަޕް 1998 ގެ ގަދަ 16 ގައި އިންގްލެންޑްގެ ޑޭވިޑް ބެކަމްއަށް ރަތް ކާޑެއް ދެއްކި އިރު، އެ މެޗުން އިންގްލެންޑް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި އޭގެ ފަހުން ވޯލްޑް ކަޕް 2002 ގެ ގްރޫޕު ސްޓޭޖުގައި އިންގްލެންޑުން ވަނީ އާޖެންޓީނާ އަތުން ބަދަލު ހިފައިފައެވެ. އެ މެޗުގައި ޕެނަލްޓީއަކުން އިންގްލެންޑުގެ ގޯލު ކާމިޔާބުކޮށްދިނީ ބެކަމް އެވެ.

އެ ހުރިހާ މާޒީއަކާއެކު މިރޭގެ މެޗުގެ ފުރަތަމަ ހާފުން ފެނުނީ އެ ޖަޒުބާތެވެ. ފައުލްތައް އިންތިހާ ގިނައެވެ. ދެތިން ފަހަރަކަށް ދެޓީމުގެ ކުޅުންތެރިން ހިފައިގަނެގެން، ރެފްރީއާ ދުރުކުރަންވެސް ޖެހުނެވެ. ޓެކުލްތައް އިންތިހާއަށް ގިނަކޮށް ދިޔަ އިރު، މާބޮޑު ކުޅުމެއް ނުފެނެއެވެ. ދެޓީމަށްވެސް ރަނގަޅު އެޓޭކެއްވެސް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ އެޓޭކެއް ފެނުނީވެސް 33 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން ޑެކްލަން ރައިސް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ރީސް ޖޭމްސްގެ ހިލޭ ޖެހުން ޕަންޗުކޮށްލީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްއެވެ.

އަނެއްކޮޅުން އާޖެންޓީނާގެ އެންމެ ނުރައްކާތެރި ހަމަލާއަކަށް ފެނުނީ 38 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒްގެ ފަރާތުންނެވެ. އޭނާ ދުރުން ފޮނުވާލި ބާރު ހަމަލާ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު، މެސީގެ ފަރާތުންވެސް ފުރަތަމަ ހާފުގައި ފެނުނީ މަޑު ރާގެއްގެ ކުޅުމެކެވެ. ބޯޅައާއެކު ނައްޓާލައި ކޮންމެ ފަހަރަކު ފައުލްކޮށްގެންވެސް އިންގްލެންޑުން ދިޔައީ ހިފަހައްޓަމުންނެވެ.

ދެވަނަ ހާފުން ތަފާތު މަންޒަރެއް ފެންނާނެ ކަމަށް އިންތިޒާރުކުރަމުން ދިޔަ ސަޕޯޓަރުންނަށް، ހާފުގެ ފުރަތަމަ މިނެޓުންވެސް އެކަން ފެނުނެވެ. ކުރީކޮޅުގައި އާޖެންޓީނާގެ ޖޫލިއަން އަލްވަރޭޒްގެ ދެ ހަމަލާއެއް ފެނުނު އިރު، ހަނި އެންގަލުން އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ މަތަކުރީ އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑެވެ. އަދި އަނެއް ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ހަމަލާއެއް ނުފެނި، ފައުލްތައް ގިނަކޮށް ފެނުނު މެޗު އިންގްލެންޑުން ހުޅުވާލީ 55 ވަނަ މިނެޓުގައެވެ. އަރިމަތިން މޯގަން ރޮޖާސް ނަގައިދިން ހުރަސް، ރަނގަޅު ތަނަށް އަރައި، އެންތަނީ ގޯޑަން ގޯލަށް ވައްދާލައި، 60 އަހަރަށްފަހު ވޯލްޑް ކަޕެއްގެ ފައިނަލަށް ކުރަމުން ދިޔަ އުންމީދަށް ދިރުން ހޯދައިދިނެވެ.

އިންގްލެންޑްގެ އެ ގޯލާއެކު މެސީއާއި އާޖެންޓީނާއަށް ގޯލެއް މަޖުބޫރުވިއެވެ. އެ މަސައްކަތް އެހިސާބުން ފަށައި، ދެވަނަ ހާފުގެ ވޯޓާ ބްރޭކް ކުރިން ނުރައްކާވެސް ކުރިއެވެ. މެސީގެ ހުރަހަކުން ނިކޯ ގޮންޒާލެސް ބޮލުން ފޮނުވާލި ހަމަލާ ހުޝިޔާރުކަމާއެކު މަތަކުރީ ޕިކްފޯޑެވެ. ބިމަށް ކަހަލަ ގޮތަކަށް ޖެހި ބޯޅަ ޕިކްފޯޑު މަތަކުރުމާއެކު އިންގްލެންޑަށް އިތުރު ހިތްވަރެއް ލިބުނެވެ.

ކެޓުމާ ދިމާލަށް ދިޔަ އާޖެންޓީނާއިން ފަހުކޮޅުގައި ނުރައްކާ ކުރި އިރު، 57 ވަނަ މިނެޓުގައި މެސީ ދިން ބޯޅަ، ހުސްކޮށް ހުރެ ހޫލިއާނޯ ސިމިއޯނީ، ގޯލަށް ފޮނުވާލުމުގެ ކުރިން، އިންގްލެންޑް ޑިފެންޑަރު ޖެޑް ސްޕެންސް ވަނީ ފަހަތުން ގޮސް ޓެކުލަކާއެކު ދިފާއުކޮށްފައެވެ. އަދި 76 ވަނަ މިނެޓުގައި އޭރިއާ ތެރެއަށް ރޮޑްރިގޯ ޑި ޕޯލް ނަގައިދިން ހުރަސް، އެލެކްސިސް މެކެލިސްޓާ ބޮލުން ފޮނުވާލުމުން އަމާޒުވީ ދަނޑިއަށެވެ.

އޭގެ އިރުކޮޅެއް ފަހުންވެސް މެސީ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ގޮންޒާލޭޒް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އާޖެންޓީނާއިން ތަށި ދިފާއުކުރަން ކުރި މަސައްކަތް ކާމިޔާބުކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ފެނުނުވެސް މެއެވެ. 85 ވަނަ މިނެޓުގައި އެޓީމުން ވަނީ އެއްވަރުކޮށްފައެވެ. ކޯނަރެއްގައި ކުރި މަސައްކަތުން މެސީ ޖައްސާލި ބޯޅަ، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގައި ގޯލަށް ވައްދާލީ އެންޒޯ ފެނާންޑޭޒްއެވެ. ޗެމްޕިއަނުން ޖަވާބު ދިނެވެ. އިންގްލެންޑަށް ފަސޭހަ ނުވާނެކަން ދައްކާލިއެވެ.

އޭގެ ފަހުން ހުއްޓުނީކީ ނޫނެވެ. 92 ވަނަ މިނެޓުގައި، މެޗު އިތުރު ވަގުތަށް ދިޔަ ނުދީ އާޖެންޓީނާއިން ލީޑު ނެގިއެވެ. މެސީ ނަގައިދިން ހުރަހަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އާޖެންޓީނާއަށް ގޯލް ޖަހައިދިނީ ބަދަލަކަށް ނުކުތް ލައުޓާރޯ މާޓިނޭޒެވެ. ތަފާތު އޮއެވަރެއްގައި އަނެއްކާވެސް އާޖެންޓީނާ މެޗު އަނބުރާލައި، ފައިނަލް ޔަގީންކުރިއެވެ.

އާޖެންޓީނާއިން ފައިނަލުގައި ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ. އިންގްލެންޑަށް ދެން ކުޅެން ޖެހޭނީ ފްރާންސާ ދެކޮޅަށް ކުޅޭ ތިންވަނަ ހޮވާ މެޗެވެ.