އިންގްލެންޑް ޓީމުގެ ފަރާތުން ޕްރިމިއާ ލީގުގެ ފިޒިކާލިޓީއެއް ނުފެންނަ ކަމަށް އާޖެންޓީނާގެ ތަޖުރިބާކާރު މިޑްފީލްޑަރު އެލެކްސިސް މެކް އަލިސްޓާ ބުނެފިއެވެ.

މިއަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މިރޭ އިންގްލެންޑުން ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެެވެ. އެމެޗަކީ ތާރީހަށް ބަލާއިރު ވާދަވެރި މެޗަކަށްވާނެއެވެ. އިންގްލެންޑާއި އާޖެންޓީނާގެ ކުރިމަތިލުންތައް މިހާތަނަށް ވޯލްޑް ކަޕްގައި ފެނިފައި ވަނީ ތަފާތު ވާދަވެރިކަމެއްގައެވެ.

އެމެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މެކް އަލިސްޓާ ބުނީ ޕްރިމިއާ ލީގުގައި ކުޅޭ ކުޅުމާ ބަލާފައި، އިންގްލެންޑް ފަރާތުން އަދި އެ ފިޒިކާލިޓީ ނުފެންނަ ކަމަށެވެ.

"އިންގްލެންޑް ޓީމުގައި ތިބި ކުޅުންތެރިންނަކީ އެ ކުޅުންތެރިންނާ ދެކޮޅަށް އަހަރެން ކޮންމެ ހަފުތާއެއްގައި ކުޅެފައި ތިބި ކުޅުންތެރިން. ލީގު ފުޓުބޯޅައިގައި އެ ހުރިހާ ކުޅުންތެރިން ވަރަށް ވަރުގަދަ. އެކަމަކު މި ވޯލްޑް ކަޕުން މިހާތަނަށް ފެނުނު ފެނުމުގައި އެ ފިޒިކާލިޓީއެއް އިންގްލެންޑް ފަރާތަކުން ނުފެނޭ. ވެދާނެ މާ ބޮޑަށް ވަރުބަލީ ކަމަށްވެސް،" ލިވަޕޫލާއެކު ހަ ސީޒަން ކުޅެ، ލީގު ތަށިވެސް ހޯދާފައިވާ މެކް އަލިސްޓާ ބުންޏެވެ.

މެކް އަލިސްޓާ ބުނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ބާއްވާތީ، އެ ދިމާވާ ހޫނުގެ މައްސަލައާއި އެހެން ބައެއް މޫސުމީ މައްސަލަތަކުންވެސް އެކަހަލަ ގޮތެއް ޓީމަށް ދިމާވެދާނެ ކަމަށެވެ. އެހެން ނަމަވެސް، އިންގްލެންޑަކީ އާދަޔާހިލާފު ވަރުގަދަ ޓީމެއް ކަމަށް މެކް އަލިސްޓާ ބުނި އިރު، އޭނާ އިތުރަށް ބުނީ މެޗުން މޮޅުވާނީ މެންޓަލީ ބޮޑަށް ތައްޔާރުވާ ޓީމެއް ކަމަށެެވެ.

އާޖެންޓީނާއަށް ސެމީއާ ހަމައަށް ދިޔައީ އުނދަގޫ ކޮށެވެ. ގަދަ 32ގައި ކޭޕް ވާޑް ކައިރިން ކިރިޔާ ސަލާމަތްވި އިރު، ދެން މިސްރާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ޖެހުނީ 2-0 ގައި އޮއްވާ ފަހަތުން އަރާ ތިން ގޯލް ޖަހާށެވެ. އަދި ކުއާޓާ ފައިނަލް މެޗުގެ އިތުރު ވަގުތަށް ގޮސް ސްވިޒަލޭންޑް ކައިރިން ސަލާމަތްވީ އެޓީމުގެ ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދަނިކޮށެވެ. އެއީ ރަތް ކާޑަކާއެކުގައެވެ.

މެކް އަލިސްޓާ ބުނީ އެއީ ވޯލްޑް ކަޕް ކަމަށާއި، ފަސޭހަ މެޗެއް ނުޖެހޭނެ ކަމަށެވެ. އަދި ޖެހިޖެހިގެން ދެވަނަ ފައިނަލަކަށް ދާން އޮތް ފުރުސަތަށްވުރެ ބޮޑު މޯޓިވޭޝަނެއް ނޯންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.