ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވަރުގަދަ ފްރާންސް ކަޓުވާލައި، ސްޕެއިން ފައިނަލަށް ދަތުރު ކޮށްފިއެވެ.

އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސްޕެއިނުން ފްރާންސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ވެގެން ގޮސްފައި އޮތީ ފެވަރިޓުންގެ ކުރިމަތިލުމަކަށެވެ. ޔޫރަޕްގެ ގަދަ ދެބާރުގެ ގަދަ ހިފުމަކަށެވެ. ދެޓީމުންވެސް މީގެ ކުރިން ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އިރު، ސްޕެއިނުން މިފަހަރު މަސައްކަތް ކުރަނީ 2010 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފައިނަލަށް ގޮސް، ތަށި ހޯދުމަށެވެ.

އަނެއްކޮޅުން ފްރާންސް އެޓީމުގެ ނުހިފެހެއްޓި އޮތް އެޓޭކާއެކު މަސައްކަތް ކުރަމުން ދިޔައީ ވޯލްޑް ކަޕް ތާރީހުގެ ތަފާތު ސަފުހާއަކުން ޖާގަ ހޯދުމަށެވެ. 1998 ވަނަ އަހަރާއި 2018 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ފްރާންސުން 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕްގެ ފައިނަލުގައިވެސް ކުޅުނު އިރު، މިރޭގެ މެޗު ކާމިޔާބުކޮށް، ފްރާންސަށް ވޯލްޑް ކަޕްގެ ތާރީހުން ހާއްސަ ޖާގައެއް ހޯދެން އޮތެވެ. އެއީ ޖެހިޖެހިގެން ތިން ފައިނަލެއްގައި ކުޅުމުގެ ޝަރަފު ހޯދުމެވެ. އެކަން މީގެ ކުރިން ކޮށްފައި ވަނީ ދެ ގައުމަކުންނެވެ. އެއީ 1982، 1986 އަދި 1990 ވަނަ އަހަރު ފައިނަލް ކުޅުނު ވެސްޓް ޖަރުމަނާއި 1994، 1998 އަދި 2002 ވަނަ އަހަރު ފައިނަލް ކުޅެފައިވާ ބްރެޒިލުންނެވެ.

ފްރާންސުން ގްރޫޕު ސްޓޭޖުގެ އިތުރުން ނޮކްއައުޓް ބުރުގައި ވެސް ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފައެވެ. ގަދަ 32 ގައި 3-0 ގެ ނަތީޖާއަކުން ސްވިޑެން ބަލިކުރި އިރު، ކިލިއަން އެމްބާޕޭ، ޕެނަލްޓީއަކުން ޖެހި ގޯލަކުން ފްރާންސަށް ކުއާޓާގެ ޖާގައެއް ލިބުނީ 1-0 ގެ ނަތީޖާއަކުން ޕެރަގުއާއީ އަތުން މޮޅުވެގެންނެވެ. އޭގެ ފަހުން ކުއާޓާގައި ފްރާންސުން ވަނީ 2-0 ގެ ނަތީޖާއަކުން މޮރޮކޯ ބަލިކޮށްފައެވެ.

އަނެއްކޮޅުން ނުކުތް ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންގެ ނޮކްއައުޓް ބުރަށް ބަލައިލާ އިރު، ގަދަ 32 ގައި ސްޕެއިނުން ވަނީ 3-0 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށްފައެވެ. އޭގެ ފަހުން ގަދަ 16 ގައި ފަހުވަގުތު 1-0 ގެ ނަތީޖާއަކުން ޕޯޗުގަލް އަތުން ވަނީ މޮޅުވެފައެވެ. އަދި ކުއާޓާ ފައިނަލުގައި ވެސް ފަހު ވަގުތު 2-1 ގެ ނަތީޖާއަކުން ބެލްޖިއަމް އަތުން ވަނީ މޮޅުވެފައެވެ. ޕޯޗުގަލް އަދި ބެލްޖިއަމް ކޮޅަށް ފަހުވަގުތު ގޯލު ޖަހާފައިވަނީ އެ ދެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިޑްފީލްޑަރު މިކެލް މެރީނޯ އެވެ. ބެލްޖިއަމުން ޖެހި ގޯލަކީ މި ވޯލްޑް ކަޕްގައި ސްޕެއިން ކޮޅަށް ވަން ހަމައެކަނި ގޯލެވެ.

ތާރީހާއި ފޯމަށް ބަލައި، ނަތީޖާ ނެރޭނެ ޓީމެއް ނިންމަން އޮތީ އުނދަގޫވެފައެވެ. ބޮޑު މުބާރާތެއްގައި ދެޓީމުން އެންމެފަހުން ކުރިމަތިލި ދެމެޗުންވެސް މޮޅުވެފައި އޮތީ ސްޕެއިނެވެ. މެޗުގެ ކުރިން އެޓީމަށް އެއީ ހިތްވަރެކެވެ. ސްޕެއިނުން ޔޫރޯ ނެގުމަށް ކުރި ދަތުރުގައި ސެމީ ފައިނަލުގައި ފްރާންސް ބަލިކުރި އިރު، ނޭޝަންސް ލީގުގައިވެސް ދެޓީމުގެ ކުރިމަތިލުން ގެންދިޔައީ ސްޕެއިނެވެ.

ސްޕެއިން ކޯޗު ލުއިސް ޑެ ލަ ފުއަންޓޭ މިރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައިވެސް ޕެޑްރީ ހިމަނާފައެއް ނުވެއެވެ. އަދި ކުއާޓާ މެޗަށް ނެރުނު 11 އަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އަނެއްކޮޅުން ފްރާންސް ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެއީ އަނިޔާއަށްފަހު އޯރެލިއެން ޗުއަމެނީ އެނބުރި އައުމާއެކު ފުރަތަމަ 11 އަށް ނެރުމުގެ އިތުރުން ބްރޭޑްލީ ބާކޯލާ ފުރަތަމަ 11 އަށް ނެރުމެވެ.

ފުރަތަމަ ކޮޅުގައި ދެޓީމު ފަރާތުންވެސް މަސައްކަތް ކުރީ މެޗަށް ހޭނުމަށެވެ. ހަމަޖެހިލައިގެން ޕާސްތައް ޖަހަމުން ދިޔައީ ސީދާ ޔޫރަޕްގެ ޓެކްޓިކަލް ވިސްނުމުގައެވެ. އެހިސާބުންވެސް މެޗު ވެގެންދާނީ ޓެކްޓިކަލީ ވާދަވެރި މެޗަކަށްކަން ސާފުވިއެވެ. ދެޓީމުންވެސް ކުރީ ކޮޅުގައި ދިޔައީ ޖާގަތައް ބައްދަމުންނެވެ.

އެ މަޑު ރާގުގައި ދިޔަ މެޗު ކުއްލިއަކަށް މަޑުމަޑުން ހުޅުވެން ފެށީ 15 ވަނަ މިނެޓަށްފަހުއެވެ. ފްރާންސުން ފުރަތަމަ ނުރައްކާ ކުރި އިރު، ޑެމްބެލޭ ދިން ހިތްގައިމު ބޯޅައެއްގައި ކިލިއަން އެމްބާޕޭއަށް ފުރުސަތެއް ތަނަވަސްކުރަން ޖާގަ ލިބުނު ނަމަވެސް، އެންމެ ފަހުވަގުތު ސްޕެއިން ޑިފެންޑަރުން އޭނާއަށް ހުރަސް އެޅިއެވެ.

ހައިޑްރޭޝަން ބްރޭކާ ދިމާލަށް މެޗު ދަނިކޮށް، 20 ވަނަ މިނެޓުގައި ކުއްލިއަކަށް ސްޕެއިން ކޮޅަށް އޮއެވަރު ބަދަލުވިއެވެ. ޔަމާލްއަށް ފްރާންސް ޑިފެންޑަރު ލޫކަސް ޑީން ނޭނގުމެއް ތެރޭގައި ކަހަލަ ގޮތަކަށް ކުރި ފައުލާއެކު އެޓީމަށް ޕެނަލްޓީ ލިބުނެވެ. ސްޕެއިނަށް ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ މިކެލް އޮޔާޒަބާލްއެވެ.

އެހިސާބުން ކުއްލިއަކަށް ސްޕެއިން ޔަގީންކަން ލިބުނެވެ. ފްރާންސް އިތުރަށް މާޔޫސްވީ އެޓީމުގެ ޑިފެންޑަރު ވިލިއަމް ސަލީބާއަށް އަނިޔާވެ، ބަދަލުކުރަން ޖެހުމެވެ. މުބާރާތުގެ ތެރެއިން ކުރިންވެސް އަނިޔާގައި އުޅުނު ސަލީބާއަށް އަނިޔާވެ، ބަދަލުގައި ނުކުތީ މެކްސެން ލަކުއާއެވެ.

ހާފު ނިމެން ދިޔަ ވަރަކަށް މެޗު އިތުރަށް ވަރުގަދަވަމުން ދިޔަ އިރު، 38 ވަނަ މިނެޓުގައި ސްޕެއިނުން "ޓިކި ޓަކާ"ގެ ކުޅުމަކާއެކު ނުރައްކާ ކުރިއެވެ. މެދުތެރެއިން ވަން ޓަޗް ޕާސްތަކަކާއެކު ޔަމާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފަބިއަން ރުއިޒް ފޮނުވާލި ހަމަލާ ދިޔައީ ބްލޮކްވެގެން ބޭރަށެވެ.

އަނެއްކޮޅުން ހާފު ނިމުމުގެ ކުރިން ފްރާންސުން ގޯލަކަށް ކުރި މަސައްކަތުގައި 41 ވަނަ މިނެޓު، ރަބިއޯ ދިން ބޯޅަ، އެމްބާޕޭއަށް ލިބުނެވެ. އެހެން ނަމަވެސް އޭނާއަށް ނުރައްކާ ކުރެވުމުގެ ކުރިން އޭރިއާ ބޭރަށް ނުކުނެ، ސްޕެއިން ކީޕަރު އުނައި ސިމޮން ވަނީ ބޯޅަ ސާފުކޮށްލައިފައެވެ.

ދެވަނަ ހާފަށް ފްރާންސް ނުކުތީ ބަދަލަކާއެކުގައެވެ. ފުރަތަމަ ހާފުގައި ރީނދޫ ކާޑު ދެއްކި ރަބިއޯގެ ބަދަލުގައި ކުޅެން ނުކުތީ މަނޫ ކޯނޭއެވެ.

އެ ބަދަލާއެކުވެސް ފްރާންސަށް މެދު ތެރޭގެ ކޮންޓްރޯލް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ސްޕެއިން ދިޔައީ މެޗު ކޮންޓްރޯލްކޮށް، ފްރާންސަށް ހާސްކަން ބޮޑުކުރަމުންނެވެ. ޓެކްނިކަލީ ސްޕެއިން ފެނުނީ އާދަޔާހިލާފު ރަނގަޅު ފޯމެއްގައެވެ. ހާއްސަކޮށް އެޓީމުން ކުޅެމުންދިޔައީ ހިތްގައިމު ފުޓުބޯޅައެއްވެސް މެއެވެ.

ސްޕެއިންގެ ނުރައްކާ މަޑުމަޑުން ބޮޑުކުރަމުން ގޮސް، 58 ވަނަ މިނެޓުގައި ސްޕެއިނުން ދެވަނަ ގޯލެއް ޖަހައި، ފައިނަލާ ފިޔަވަޅެއް ގާތަށް ޖެހިލިއެވެ. ޕެޑްރޯ ޕޮރޯ އަރިމަތިން ކުރިއަށް އަރައި، ޑެނީ އޮލްމޯއާއެކު ފުރިހަމަ ކުރި ހިތްގައިމު ވަން ޓޫ އަކަށްފަހު އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލަށް ވައްދާލީ ފަސޭހަކޮށެވެ. ޕޯރޯ ވޯލްޑް ކަޕްގައި ޖެހި ދެވަނަ ގޯލެވެ.

އެއާއެކު ސްޕެއިނަށް ލިބުނީ އިތުރު ދިރުމެކެވެ. އެޓީމުގެ ރަސްމީ ގޭމްގައި ކުޅެން ފުރުސަތު ލިބުނެވެ. 61 ވަނަ މިނެޓުގައި ޔަމާލް، އަރިމަތިން ދެމިގަނެ، އޭރިއާ ތެރެއަށް ވަދެ ޑިފެންޑަރު ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާވެސް ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

ސްޕެއިންގެ ދެވަނަ ގޯލާއެކު ފްރާންސަށް ކުރިއަށް ޖެހި، އެޓީމުގެ އެޓޭކްގައި ހުރި ވަރެއް ދައްކަން މަޖުބޫރުވިއެވެ. 67 ވަނަ މިނެޓުގައި އޭރިއާ ބޭރުން ރަނގަޅު ފުރަތަމަ ޓަޗެއް ޖައްސާލައި އެމްބާޕޭ ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ބޯޅަ ބޭރަށް ދިޔައީ ސްޕެއިން ޑިފެންޑަރު މާކް ކުކުރެޔާ ފައިގައި ޖެހި ބްލޮކް ވެގެންނެވެ.

ފަހުކޮޅުގައިވެސް ސްޕެއިން ރަނގަޅު ކޮންޓްރޯލަލާއެކު ކުޅެމުން ދިޔަ އިރު، ހަނި ގޮތްގޮތުން އިތުރު ފުރުސަތުތައްވެސް ހޯދިއެވެ. އެގޮތުން 72 ވަނަ މިނެޓުގައި، މެޗަށް ބަދަލަކަށް ނުކުތް ފެރާން ޓޮރޭސް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލާ އަމާޒުނުވެއެވެ. އަނެއްކޮޅުން ކައުންޓާ އެޓޭކެއްގައި އެމްބާޕޭ އަތުން ބޯޅަ ދިފާއުކުރަން ސްޕެއިން ކީޕަރު ސިމޮން ކުރިއަށް ނުކުތް ވަގުތު އޭނާއަށް ބޯޅަ ގެއްލި، ޕެނަލްޓީ އޭރިއާ ބޭރުން ޑިޒައިރޭ ޑޫއޭއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެ ހަމަލާކީޕަރު ސިމޮން ވަނީ ފަހަތަށް ފައިބައި އަލުން ދިފާއު ކޮށްފައެވެ.

އޭގެފަހުން ފްރާންސްގެ ޕްރެޝަރާ ކުރިމަތިލާން ސްޕެއިންގެ ޑިފެންސުން ތަފާތު މޮޅަށް ކުޅުނު އިރު، އެންމެ ފަހުވަގުތުވެސް އެމްބާޕޭ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ މަތަކުރީ ކުކުރެޔާ ބްލޮކް ކޮށްގެންނެވެ. އަދި އޭގެފަހުން ޑެމްބެލޭ ފޮނުވާލި ދެ ހަމަލާވެސް ދިޔައީ ސްޕެއިން ކީޕަރުގެ އަތަށެވެ.

މިރޭގެ ކާމިޔާބީއާއެކު ސްޕެއިނަށް ވަނީ ހިތްދަތި ވޯލްޑް ކަޕް ދަތުރުތަކަކަށް ނިމުން ގެނެވިފައެވެ. 2010 ވަނަ އަހަރުގެ ތަށްޓަށްފަހު 2014 ގައި އެޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އަދި އޭގެފަހުން 2018، 2022 ވަނަ އަހަރުވެސް ސްޕެއިނަށް ގަދަ 16 ފަހަނައަޅައި ދެވިފައެއް ނުވެއެވެ.

ސްޕެއިނުން ފައިނަލުގައި ނުކުންނާނީ މާދަމާ ރޭ އާޖެންޓީނާ އަދި އިންގްލެންޑް ވާދަކުރާ ސެމީ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.