މިހާރު އޮތް ފްރާންސްގެ ޓީމަކީ ސްޕެއިނުން މީގެ ކުރިން ޔޫރޯ 2024 ގެ ސެމީ ފައިނަލްގެ އިތުރުން ނޭޝަންސް ލީގުގައި ބަލިކުރި ފްރާންސް ނޫން ނަމަވެސް ހުއްޓުވޭނެ އުކުޅުތައް އެނގޭ ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއަންޓޭ ބުނެފިއެވެ.
ސްޕެއިނާއި ފްރާންސުން 2024 ވަނަ އަހަރު ޔޫރޯގެ ސެމީ ފައިނަލްގައި ކުޅުނު މެޗު ސްޕެއިނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އޭގެފަހުން ނޭޝަންސް ލީގުގައި ދެޓީމުގެ ކުރިމަތިލުން ފެނުނީ ތަފާތު ވާދަވެރިކޮށެވެ. އެމެޗު 5-4 އިން ކާމިޔާބުކުރީވެސް ސްޕެއިނުންނެވެ.
މިރޭގެ މެޗަށް ނުކުތުމުގެ ކުރިން މިފަހަރު ވޯލްޑް ކަޕްގައިވެސް ދެޓީމުގެ ފޯމު ތަފާތު ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ސްޕެއިނާއެކު ޔޫރޯ ކާމިޔާބުކުރި ޑެ ލަ ފުއަންޓޭ ބުނީ، މިހާރު އޮތީ އެ ފްރާންސް ނޫން ކަމަށެވެ.
"މިދިޔަ ދެމެޗުގައި ސްޕެއިނަށް ފްރާންސް ބަލިކުރެވިފައި އޮތަސް، މިހާރު އެއީ މުޅިން ތަފާތު ޓީމެއް. އެޓީމުގައި ތިބި ކުޅުންތެރިންވެސް ތަފާތު ކުރިއެރުންތައް ހޯދައިފި، އަދި ޓީމެއްގެ ގޮތުގައިވެސް ފެންނަނީ ވަރުގަދަކޮށް. އެހެންވިޔަސް އަހަރެމެންވެސް އެއިރާ ބަލާފަ މިއޮތީ ރަނގަޅަށް،" ޑެ ލަ ފުއަންޓޭ ބުންޏެވެ.
ޑެ ލަ ފުއަންޓޭ ބުނީ ފްރާންސްގެ ފޯވަޑް ލައިނަށް ކުޅޭ ކިލިއަން އެމްބާޕޭއާއި މައިކަލް އޮލީސޭގެ އިތުރުން އުސްމާން ޑެމްބެލޭ މިއަހަރު ފެނިގެން ދަނީ ކުރިއަށްވުރެ މާ ވަރުގަދަކޮށް ނަމަވެސް، ހިފެހެއްޓޭނެ ގޮތް ސްޕެއިނަށް އެނގޭ ކަމަށެވެ.
"އަހަރެމެން ވަރަށް ރަނގަޅަށް ފްރާންސް ދަސްކޮށްފިން. އެޓީމުގެ ކޮލިޓީ އާދަޔާހިލާފަށް މޮޅު. އަހަރެމެން ކުރަން ޖެހޭ މަސައްކަތަކީ ކުޅުންތެރިންނަށް ބޭނުންވާ ޖާގަ ހޯދައިގެން ބޭނުން ގޮތަކަށް ދުވެ، ޕާސް ޖަހަން ފުރުސަތު ނުދިނުން. އަދި އެއް ކުޅުންތެރިޔަކާ އަނެއް ކުޅުންތެރިޔަކު ކަނެކްޓް ވާންވެސް ޖާގަ ދީގެން ނުވާނެ. އެ ކުޅުންތެރިންނަށް ބޭނުން ގޮތަކަށް ކުޅެވެނީ ޖާގަ ލިބޭތީ، އެކަން ހުއްޓުވަން އެނގޭނެ،" ސްޕެއިން ކޯޗު ބުންޏެވެ.
ޑެ ލަ ފުއަންޓޭ ބުނީ މިފަހަރު ވޯލްޑް ކަޕް ސެމީ ފައިނަލްތަކަކީ، ފައިނަލްތަކެއް ކަމަށާއި، މިހާރު އޮތް ހަތަރު ޓީމަކީވެސް ފައިނަލަށް ދިޔުން ހައްގު ހަތަރު ޓީމު ކަމަށެވެ. އަދި ފަސޭހައިން މެޗު ނެގޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ޑެ ލަ ފުއަންޓޭ ފާހަގަކުރިއެވެ.
ސްޕެއިނާއި ފްރާންސް ވާދަކުރާ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް