އެންމެފަހުން ފްރާންސް ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ކިލިއަން އެމްބާޕޭގެ ކުޑަހުޅަށް ލިބުނު އަނިޔާއާއެކު ތަމްރީނުތަކުގައި އެކަމަށް ސަމާލުކަން ދިން ކަމަށް ކޯޗު ޑިޑިއޭ ޑިޝޯމް ބުނެފިއެވެ.
އެމްބާޕޭ، 27، އަކީ ފްރާންސަށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އެޓީމުގެ ކެޕްޓަނެވެ. އެމްބާޕޭ ވަނީ މިހާތަނަށް މިފަހަރުގެ ވޯލްޑް ކަޕްގައިވެސް 8 ގޯލް ޖަހައިފައެވެ. އޭނާއާއި ލިއޮނަލް މެސީ އެއްވަރަކަށް ގޯލް ޖަހާފައިވާ އިރު، އެ ދެކުޅުންތެރިންނަކީ އެންމެ ގިނަ ގޯލް ޖެހި ދެ ކުޅުންތެރިންނެވެ.
އެމްބާޕޭގެ ކުޑަހުޅަށް އަނިޔާވީ އެގައުމުން ކުއާޓާ ފައިނަލްގައި މޮރޮކޯ ބަލިކުރި މެޗުގައެވެ. އެމެޗުގެ ތެރެއިން އެމްބާޕޭ ބަދަލުކުރުމާއެކު ބެންޗަށް ގޮސް، އައިސް ޕެކް އަޅައިގެން އިން މަންޒަރު ފެނިފައިވެއެވެ. ބައެއް ނޫސްތަކުން ބުނީ ފްރާންސުން އެންމެފަހުން ބޭއްވި ތަމްރީނު ސެޝަން އެމްބާޕޭ އެއްކޮށް ފުރިހަމަ ނުކުރާ ކަމަށެވެ.
"އެމްބާޕޭ ފިޓް، އެކަމަކު އޭނާގެ އަނިޔާއަށް ވިސްނައިގެން ތަމްރީނުތައް ފުރިހަމަ ކުރީ. އެއީ އެހެން ކުޅުންތެރިން 15 މިނެޓް ހެދި ޑްރިލްތައް އެމްބާޕޭއަށް ވަނީ 10 މިނެޓަށް މަދުކޮށްފައި. އެހެންވެ އަވަހަށް ތަމްރީނުތައް ނިންމާލީ،" ޑިޝޯމް ބުންޏެވެ.
އެމްބާޕޭ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރި ނަމަވެސް މިރޭ މެޗުގެ ފުރަތަމަ 11 އިން އޭނާ ފެންނާނެ ކަމަށް ނޫސްތައް ބުނެއެވެ. އެހެން ނަމަވެސް ސްޕެއިން ކަހަލަ ޓީމަކާ ދެކޮޅަށް ނުކުންނަ އިރު، އެމްބާޕޭ ކުޑަ އަނިޔާއެއްގައި ހުރުންވެސް އެއީ ފްރާންސަށް ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ކަމަށްވެސް ބައެއް ނޫސްތައް ބުނެއެވެ.
ފްރާންސާއި ސްޕެއިން ވާދަކުރާ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް