ފީފާ ވޯލްޑް ކަޕް 2026 ގެ އެންމެ ފޯރިގަދަ ހިސާބަށް އައިސްފައިވާ އިރު، ފުރަތަމަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ދެ ބާރު ކަމަށްވާ ފްރާންސާއި ސްޕެއިނެވެ. އާލިންޓަންގައި ހުންނަ ޑަލަސް ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ ހަމައެކަނި މޮޅު ދެ ޓީމެއްގެ ކުރިމަތިލުމެއް ނޫނެވެ. މިއީ ފުޓުބޯޅައިގެ ތަފާތު ދެ އައިޑެންޓިޓީއަކާއި، މޮޅު ކުޅުންތެރިންތަކެއްގެ އިތުރުން ފަހުރުވެރި ދެ ގައުމެއްގެ ތާރީހީ ކުރިމަތިލުމެކެވެ.
ފްރާންސް ނުކުންނަނީ ވަރުގަދަ އެޓޭކިން ބާރަކާއި، ފިޒިކަލް ވަރުގަދަކަމުގެ އިތުރުން ބޮޑެތި މުބާރާތްތަކުގެ ތަޖުރިބާއާއެކުގައެވެ. އަނެއްކޮޅުން ސްޕެއިން ނުކުންނަނީ ޓެކްނިކަލް މޮޅުކަމާއި، ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ވިސްނުމާއެކުގައެވެ.
ސެމީ ފައިނަލަށް އައި މަގު
ފްރާންސް މުބާރާތުގެ ނޮކްއައުޓް ބުރުތައް ކަޑައްތުކޮށްފައި ވަނީ ވަރަށް ޑިސިޕްލިންކޮށް ޑިފެންސްކޮށްގެންނެވެ. ގަދަ 32 ގެ ބުރުގައި ސްވިޑެންގެ މައްޗަށް 3-0 އިން ކުރި ހޯދި އިރު، ގަދަ 16 ގައި ޕެރަގުއާއީ ބަލިކުރީ 1-0 އިންނެވެ. ކުއާޓާ ފައިނަލުގައި މޮރޮކޯގެ މައްޗަށް 2-0 އިން ކުރި ހޯދި އިރު، ގޯލުތައް ޖަހައިދިނީ ކިލިއަން އެމްބާޕޭ އާއި އުސްމާން ޑެމްބެލޭއެވެ.
ސްޕެއިން ނޮކްއައުޓް ބުރު ފެށީ އޮސްޓްރިއާ އަތުން 3-0 އިން މޮޅުވެގެންނެވެ. އޭގެ ފަހުން ގަދަ 16 ގައި ޕޯޗުގަލް 1-0 އިން ބަލިކުރުމަށްފަހު، ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުން މޮޅުވީ 2-1 އިންނެވެ. މި ނަތީޖާތަކުން ދެ ޓީމުގެ ތަފާތު ފެނިގެންދެއެވެ. ފްރާންސް ގިނަ ވަގުތު ބޯޅަ ނުހިފެހެއްޓިޔަސް، އެ ޓީމު އޮންނަނީ ހަމަޖެހިލައިގެންނެވެ. ނަމަވެސް ސްޕެއިން ބޭނުންވަނީ މެޗުގެ ކޮންޓްރޯލް ނަގައި، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭށެވެ.
ތާރީހީ ކުރިމަތިލުންތައް
ފްރާންސާއި ސްޕެއިނަކީ ޒަމާނުއްސުރެ ވާދަވެރި ދެ ގައުމު ކަމަށްވިޔަސް، މިއީ ވޯލްޑް ކަޕެއްގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ބައްދަލުކުރީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގައެވެ. އެ މެޗުގައި ސްޕެއިނުން ޑޭވިޑް ވިޔާގެ ޕެނަލްޓީއަކުން ލީޑު ނަގާފައިވަނިކޮށް، ފްރާންސުން ވަނީ ފްރޭންކް ރިބެރީ، ޕެޓްރިކް ވިއެރާ އަދި ޒައިނުއްދީން ޒިދާންގެ ގޯލުތަކާއެކު 3-1 އިން މޮޅުވެފައެވެ.
ނަމަވެސް ފަހުގެ ތާރީހަށް ބަލާއިރު ކުރި ހޯދާފައިވަނީ ސްޕެއިނުންނެވެ. ޔޫރޯ 2024 ގެ ސެމީ ފައިނަލުގައި ސްޕެއިނުން ވަނީ 2-1 އިން ފްރާންސް ބަލިކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނު ފޯރިގަދަ މެޗު 5-4 އިން ކާމިޔާބުކުރީވެސް ސްޕެއިނުންނެވެ. އެހެންކަމުން، ފަހުގެ ނަތީޖާތަކަށް ބަލައި ސްޕެއިނަށް އިތުބާރު އޮތް ނަމަވެސް، ވޯލްޑް ކަޕްގެ ތާރީހު އޮތީ ފްރާންސް ކޮޅަށެވެ.
ބޮޑެތި މެޗުތަކަށް ފަރިތަ ފްރާންސް
ފްރާންސަކީ މި ފަހުގެ ތާރީހުގައި ބޮޑެތި މުބާރާތްތަކުގައި އެންމެ ކާމިޔާބު އެއް ޓީމެވެ. 1998 އަދި 2018 ގައި ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިރު، 2006 އަދި 2022 ގެ ފައިނަލުގައިވެސް ކުޅެފައިވެއެވެ. މި މެޗުން މޮޅުވެއްޖެނަމަ، މިއީ ޖެހިޖެހިގެން ފްރާންސް ވޯލްޑް ކަޕް ފައިނަލަށް ދަތުރުކުރާ ތިންވަނަ ފަހަރަށް ވާނެއެވެ.
ސްޕެއިނުން އެންމެ ޖެހިލުންވާނެ ކުޅުންތެރިޔަކީ ކިލިއަން އެމްބާޕޭއެވެ. އޭނާގެ ދުވެއްޔާއި، ހުސްވާ ޖާގަތަކަށް ވަނުމުގެ ހުނަރުން މުޅި މެޗު ބަދަލުކޮށްލުމުގެ ގާބިލުކަން ލިބިފައިވެއެވެ. ސްޕެއިނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެންމެ ޕާހެއް ގޯސްވުމަކީ އެމްބާޕޭއަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. މީގެ އިތުރުން އުސްމާން ޑެމްބެލޭ އާއި މައިކަލް އޮލީސޭގެ ފަރާތުންވެސް ފްރާންސްގެ އެޓޭކަށް ބޮޑު ބާރެއް ލިބެއެވެ. ޑެމްބެލޭގެ ހަލުވިކަމާއި، އޮލީސޭގެ ޓެކްނިކަލް މޮޅުކަމާއެކު، މިއީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި އޮތް އެންމެ ނުރައްކާތެރި އެއް ފޯވާޑް ލައިނެވެ.
ފްރާންސްގެ މެދުތެރެއާއި ޑިފެންސްގައިވެސް ބޮޑު ވަރުގަދަކަމެއް އެބައޮތެވެ. އެޑްރިއެން ރަބިއޯ އާއި މަނޫ ކޯނޭ މެދުތެރެ ބަލަހައްޓާ އިރު، ވިލިއަމް ސަލީބާ، ޑަޔޮޓް އުޕަމެކާނޯ ފަދަ ވަރުގަދަ ޑިފެންޑަރުން ތިބުމަކީ ފްރާންސަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.
ޔޫރަޕުގެ ޗެމްޕިއަނުން ދުނިޔޭގެ ތައްޓަށް
ސްޕެއިން މަސައްކަތްކުރަމުން ދަނީ 2010 ވަނަ އަހަރު ހޯދި ވޯލްޑް ކަޕްގެ ކާމިޔާބީ ތަކުރާރުކުރުމަށެވެ. ޔޫރޯ ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ސްޕެއިންގެ މިހާރުގެ ޓީމަކީ ކުރީގެ ޒަވީ އާއި އިނިއެސްޓާގެ ޖީލާ ތަފާތު، އަމިއްލަ އައިޑެންޓިޓީއެއް އޮތް ޓީމެކެވެ. މިހާރުވެސް ބޯޅަ ހިފަހައްޓައިގެން ކުޅުމަށް އިސްކަންދިން ނަމަވެސް، އެޓޭކްކުރުމުގައި މިހާރުގެ ޓީމު މާ ހަލުތްވެވެ.
ސްޕެއިންގެ އުންމީދުތައް ގުޅިފައިވަނީ ޒުވާން ތަރި ލަމީން ޔަމާލްއާއެވެ. އޭނާއަކީ ދުނިޔޭގެ ފުޓުބޯޅައިގައި މިހާރު ހުރި އެންމެ ނުފޫޒުގަދަ އެއް ކުޅުންތެރިޔާއެވެ. ޔޫރޯ 2024 ގެ ސެމީ ފައިނަލުގައި ފްރާންސް ކޮޅަށް އޭނާ ޖެހި މޮޅު ގޯލާއި، ނޭޝަންސް ލީގުގައި ޖެހި ދެ ގޯލުން ފްރާންސަށް އޭނާގެ ނުރައްކާ އެނގޭނެއެވެ. ޔަމާލްއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިރު، އަނެއް ފަޅިން އެލެކްސް ބައޭނާގެ ނުރައްކާވެސް އެހާމެ ބޮޑެވެ. އަދި ފަހު ވަގުތު ކުޅެން އަރައި ދެ މެޗެއްގައި ގޯލު ޖަހާފައިވާ "ސުޕާ ސަބް" މިޑްފީލްޑަރު މިކެލް މެރީނޯގެ ނުރައްކާވެސް ބޮޑެވެ.
މީގެ އިތުރުން މެދުތެރޭގައި ރޮޑްރީ އާއި ޕެޑްރީގެ ދައުރު ވަރަށް ބޮޑެވެ. ރޮޑްރީ މެޗުގެ ޓެމްޕޯ ކޮންޓްރޯލްކުރާ އިރު، ޕެޑްރީގެ ޕާސްތަކުން ސްޕެއިންގެ އެޓޭކްތައް ފަށައެވެ. މި ދެ ކުޅުންތެރިންނަށް ފްރާންސްގެ ޕްރެސިން އިން ސަލާމަތްވެވިއްޖެނަމަ، މެޗުގެ ކޮންޓްރޯލް ސްޕެއިނަށް ލިބިގެންދާނެއެވެ.
ޓެކްޓިކަލް ކުރިމަތިލުން
މި މެޗުގެ އެންމެ ބޮޑު ސުވާލަކީ، ފްރާންސަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމުގެ ފުރުސަތު ނުދީ ސްޕެއިނަށް މެޗު ކޮންޓްރޯލް ކުރެވިދާނެތޯއެވެ. ސްޕެއިނުން ގިނަ ވަގުތު ބޯޅަ ގެންގުޅޭނެކަން ޔަގީނެވެ. ނަމަވެސް ފްރާންސް އޮންނާނީ ކެތްތެރިކަމާއެކު ޑިފެންސްކޮށް، ބޯޅަ ލިބޭ ވަގުތު ކައުންޓާ އެޓޭކުގައި ނުރައްކާކުރުމަށް ތައްޔާރުވެގެންނެވެ.
މެޗުގެ މުހިންމު ކުރިމަތިލުންތަކަށް ބަލާއިރު، އެމްބާޕޭ އާއި ސްޕެއިންގެ ޑިފެންސް ލައިނުގެ ކުރިމަތިލުން ފާހަގަކޮށްލެވެއެވެ. އަދި ފްރާންސްގެ ކަނާތްފަޅިން ޔަމާލް ހުއްޓުވުމަށް ކުރާ މަސައްކަތާއި، ފްރާންސްގެ ޕްރެސިން އިން ސަލާމަތްވެ ރޮޑްރީ މެދުތެރެ ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތް ވެގެންދާނީ މެޗުގެ ނަތީޖާ ނެރެދޭނެ ކަންތައްތަކަށެވެ.
ފައިނަލުގެ ޖާގަ
ރާއްޖޭގަޑިން މިރޭ މެންދަމު 12:00 ގައި ކުޅޭ މި ސެމީ ފައިނަލަކީ ޒަމާނީ ފުޓުބޯޅައިގެ ކްލެސިކް މެޗަކަށް ވުމުގެ ހުރިހާ ސިފައެއް އެކުލެވިގެންވާ މެޗެކެވެ. ސްޕެއިނުން ބޯޅަ ކޮންޓްރޯލްކުރަން މަސައްކަތްކުރާ އިރު، ފްރާންސުން މަސައްކަތްކުރާނީ ދަނޑުމަތީގެ ހުސް ޖާގަތައް ކޮންޓްރޯލްކުރުމަށެވެ. ޑިފެންސްގައި ހެދޭ އެންމެ ގޯހަކުން، ނުވަތަ ކުޅުންތެރިޔެއްގެ އަމިއްލަ ހުނަރުން މެޗުގެ ނަތީޖާ ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ޓެކްސަސްގައި ކުޅޭ މި މެޗު ނިމިގެންދާއިރު، ޔޫރަޕުގެ އެއް ގަދަބާރު ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރާނެއެވެ.
އަލީ ރިފްޝާން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް