ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާއިން ސްވިޒަލޭންޑް ބަލިކޮށްފިއެވެ.

އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު ކުއާޓާ ފައިނަލް ފަހު މެޗުގައި އާޖެންޓީނާއިން ސްވިޒަލޭންޑް ބަލިކުރީ 3-1 އިންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މިފަހަރުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ގްރޫޕު ސްޓޭޖުގައި އަލްޖީރިއާއާއި އޮސްޓްރިއާ އަދި ޖޯޑަން އަތުން ވަނީ މޮޅުވެފައެވެ. އާޖެންޓީނާއަށް އެންމެ އުނދަގޫ މެޗަކަށް ވެގެންދިޔައީ ވޯލްޑް ކަޕްގައި އަލަށް ވާދަކުރި ކޭޕް ވާޑްއާ ދެކޮޅަށް ގަދަ 32 ގައި ކުޅުނު މެޗާއި ގަދަ 16 ގައި މިސްރާ ދެކޮޅަށް ކުޅުނު މެޗެވެ. ކޭޕް ވާޑް އަތުން އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން މޮޅުވި އިރު، މިސްރު އަތުން މޮޅުވާން ޖެހުނީ ފަހުވަގުތު ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ.

މި ވޯލްޑް ކަޕްގައި އާޖެންޓީނާއިން ހޯދި މޮޅުތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މެސީ ވަނީ މި މެޗާ ހަމައަށް މުބާރާތުގައި އަށް ގޯލު ޖަހައި މި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދައިފައެވެ. މެސީގެ އިތުރުން ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ ވެސް ވަނީ އަށް ގޯލު ޖަހައިފައެވެ. އޭގެ އިތުރުން މި ވޯލްޑް ކަޕްގައި ޖެހި ގޯލުތަކާއެކު މިވަގުތު މެސީ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެ ރެކޯޑަށް ވެސް އެމްބާޕޭ ވާދަކުރަމުންދާ އިރު، މެސީ ކުރީގައި އޮތީ އެންމެ ގޯލެއްގެ ތަފާތުންނެވެ.

އަނެއްކޮޅުން މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ ހިމެނުނު ގްރޫޕުން ސްވިޒަލެންޑް ވަނީ އެއްވަނަ ހޯދައިފައެވެ. ގަތަރު އަތުން ސްވިޒަލެންޑް އެއްވަރުވީ ނަމަވެސް، ބޮސްނިއާ އަދި ކެނެޑާ އަތުން ވަނީ މޮޅުވެފައެވެ. ސްވިޒަލެންޑުން ގަދަ 16 ގެ ޖާގައެއް ހޯދީ ގަދަ 32 ގެ މެޗުގައި އަލްޖީރިއާ ބަލިކޮށްގެންނެވެ. އަދި ސްވިޒަލެންޑުން ކުއާޓާގެ ޖާގައެއް ހޯދީ ގަދަ 16 ގައި ޕެނަލްޓީ ޝޫޓްއައުޓްގައި ކޮލަމްބިއާ ބަލިކޮށްގެންނެވެ.

ސްވިޒަލެންޑުން ވަނީ އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް ގަދަ 16 އާ ހިސާބަށް ދަތުރުކޮށްފައެވެ. މިރޭގެ ކުއާޓާ މެޗަކީ އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް 1954 އަށްފަހު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އެޓީމު ވާދަކުރި ފުރަތަމަ މެޗެވެ. ވޯލްޑް ކަޕް 1954 ގެ ކުރިންވެސް ދެ ވޯލްޑް ކަޕެއްގެ ކުއާޓާގައި ސްވިޒަލެންޑުން ވާދަކުރިއެވެ. ވޯލްޑް ކަޕްގައި ސްވިޒަލެންޑަށް އެންމެ ދުރަށް ދެވިފައިވަނީ ވެސް ކުއާޓާއާ ހިސާބަށެވެ.

އާޖެންޓީނާ އާއި ސްވިޒަލެންޑް، މިހާތަނަށް ހަތް ފަހަރަކު ވަނީ ބައްދަލުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މެޗެއްގައި އާޖެންޓީނާ އަތުން ސްވިޒަލެންޑަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އާޖެންޓީނާ އިން ފަސް މެޗެއް ކާމިޔާބުކުރި އިރު، ދެ މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި ސްވިޒަލެންޑުން ވަނީ މީގެ ކުރިން ދެ ފަހަރަކު ވާދަކޮށްފައެވެ. ވޯލްޑް ކަޕް 1966 ގެ ގްރޫޕު ސްޓޭޖުގައި 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ މޮޅުވި އިރު، ވޯލްޑް ކަޕް 2014 ގެ ގަދަ 16 ގެ މެޗުން އާޖެންޓީނާ މޮޅުވީ އިތުރު ވަގުތުގެ ފަހު ހާފު ނިމެނިކޮށް އެންހެލް ޑި މަރީއާ ޖެހި ގޯލުންނެވެ.

ފުރަތަމަ ކޮޅުގައި ނުރައްކާތެރި ހަމަލާއެއް ފެނިފައި ނުވާ އިިރު، މެޗަށް ދިރުން އައީ 10 ވަނަ މިނެޓުގައެވެ. އެއީ އެލެކްސިސް މެކް އަލިސްޓާގެ ގޯލުން އާޖެންޓީނާ ލީޑު ނެގުމާއެކުގައެވެ. ކޯނަރަކުން ކެޕްޓަން މެސީ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ސްވިޒަލެންޑް ގޯލުގެ ތެރެއަށް މެކް އަލިސްޓާ ފޮނުވާލީ ފަސޭހަ ކަމާއެކުގައެވެ.

އޭގެފަހުން އާޖެންޓީނާއިން ޑިފެންސިވްލީ މަސައްކަތް ކުރި އިރު، ދެން މެޗުގެ ފުރަތަމަ ހާފު ފެނުނީ ހަމަލާތައް މަދުކޮށެވެ. ހާއްސަކޮށް އާޖެންޓީނާގެ އިތުރު ހަމަލާއެއް ފެނިގެން ގޮސްފައި ނުވާ އިރު، ސްވިޒަލޭންޑަށް 31 ވަނަ މިނެޓުގައި ފުރުސަތެއް ލިބި ބޭކާރުވިއެވެ. ޑޭން އެންޑޯއީ ދިން ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ބްރީލް އެމްބޯލޯ ނުރައްކާކުރުމުގެ ކުރިން އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ކުރިއަށް ނުކުމެ އެ ބޯޅަ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައި އެ މަންޒަރު ތަފާތުވާނެ ކަމެއް ބެލެވުނު އިރު، 50 ވަނަ މިނެޓުގައި ސްވިޒަލޭންޑަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. އެމްބޯލޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެންޑޯއީ ފޮނުވާލި ހަމަލާ، އާޖެންޓީނާ ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒް ވަނީ ޓެކުލްކޮށް ދިފާއުކޮށްފައެވެ.

އޭގެ އިރުކޮޅެއް ފަހުން ޖިބްރީލް ސޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެމްބޯލޯ ފޮނުވާލުމުން މާޓިނޭޒް މަތަކުރި އިރު، އޭގެ ފަސް މިނެޓް ފަހުން 65 ވަނަ މިނެޓުގައި އެންޑޯއީ ބޮލުން ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރެވެ.

ސްވިޒަލޭންޑުން މަޑުމަޑުން ގޯލަކާ ގާތް ކުރަމުން ދިޔަ އިރު، މެޗުގެ 66 ވަނަ މިނެޓުގައިވެސް އާޖެންޓިނާ ސަލާމަތް ކޮށްދިނީ ކީޕަރު މާޓިނޭޒެވެ. ކެޕްޓަން ގްރެނިޓް ޖަކާ ފޮނުވާލި ބާރު ހަމަލާ، ގޯލުގެ ކަނަކަށް އަމާޒުވާންދަނިކޮށް، މާޓިނޭޒް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

އެ ހަމަލާއަށް މިނެޓެއް ފަހުން ސްވިޒަލޭންޑް މެޗު އެއްވަރުކުރިއެވެ. ރޮޑްރިގޭޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އާޖެންޓީނާ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން ސްވިޒަލެންޑަށް އެއްވަރު ކޮށްދިނީ މުޅި މެޗުގައިވެސް ނުރައްކާ ކުރަމުން ދިޔަ އެންޑޯއީއެވެ.

އެ ގޯލާއެކު ސްވިޒަލޭންޑުން މެޗުގެ ކޮންޓްރޯލް ހޯދުމަށް ރަނގަޅު ފިޔަވަޅެއް އެޅި ނަމަވެސް، އެޓީމަށް އުނދަގޫ ހާލަތަކާ ކުރިމަތިވީ 73 ވަނަ މިނެޓުގައި ސްވިޒަލޭންޑްގެ އެމްބޯލޯއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުންނެވެ. އެމްބޯލޯއަށް ލެއާންޑްރޯ ޕަރަޑޭސް ފައުލް ކުރި ކަމަށް ރެފްރީ ފުރަތަމަ ކަށިގަނޑު ފުމުނު ނަމަވެސް، އެމްބޯލޯއަށް ޑައިވް ކޮށްގެން ދެވަނަ ރީނދޫ ކާޑު ދައްކައި، ދަނޑުން ފޮނުވާލީ ވީއޭއާރް ބަލައިފައެވެ.

ފަހުވަގުތު ބަދަލުތަކާއެކު ހިފަހައްޓާލެވޭތޯ މަސައްކަތް ކުރަމުން ދިޔަ އިރު، ފަހުކޮޅުގައި އާޖެންޓީނާއިން ވަނީ ފައިދާ ނެގޭތޯ މަސައްކަތް ކޮށްފައެވެ. އެގޮތުން ނިމެން ދަނިކޮށް މެކް އަލިސްޓާގެ އިތުރު ނުރައްކާތެރި ހަމަލާއެއް ފެނުނު އިރު، މެސީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ދަނޑި ކައިރިން ބޭރަށް ގޮސްފައިވެއެވެ.

އޭގެ ފަހުން އިތުރު ވަގުތަށް ދެއްކި އެންމެ ފަހު މިނެޓުގައި ކޯނަރެއްގައި ލިސާންޑްރޯ މާޓިނޭޒް އޭރިއާ ތެރެއިން ވެއްޓިގެންފައި ފޮނުވާލި ހަމަލާ ގޯލްގެ ކަނަށް އަމާޒުވާން ދަނިކޮށް، މަތަކުރީ ސްވިޒަލޭންޑްގެ ކީޕަރު ގްރެގޯ ކޯބެލްއެވެ.

އިތުރު ވަގުތުގެ ފުރަތަމަ ކޮޅުގައި އަލްވަރޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ތިއާގޯ އަލްމާޑާ ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ކީޕަރު ކޯބެލް ވަނީ މަތަކޮށްފައެވެ. އަދި އޭގެފަހުން އަލްމާޑާ ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ ދަނޑީގައި ކޭތިލައިފައެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފު ފެށިގެންވެސް ސްވިޒަލޭންޑުން ވަރުގަދައަށް ޑިފެންސް ކުރަމުން ދިޔަ އިރު، 111 ވަނަ މިނެޓުގައި މެސީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާވެސް ސްވިޒަލެންޑް ކީޕަރު ކޯބެލް މަތަކުރިއެވެ. އެހެން ނަމަވެސް އޭގެ މިނެޓެއް ފަހުން އާޖެންޓީނާ ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. ހޯސޭ މެނުއެލް ލޯޕޭޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން އަލްވަރޭޒް އާމާޒުކޮށްލީ ސީދާ ކަނަށެވެ.

އޭގެފަހުން ސްވިޒަލޭންޑް ކުރިއަށް ޖެހުމުގެ ފައިދާ ނަގައި، އާޖެންޓީނާ ތިންވަނަ ގޯލެއްވެސް ޖެހިއެވެ. ލައުޓާރޯ މާޓިނޭޒް ޖަހައިދިން އެ ގޯލާއެކު އެޓީމުން މެޗު ޔަގީންކުރިއެވެ.