އިރުމަތީ އޭޝިއާގެ ގައުމުތަކަށް އަމާޒުވި ބާރުގަދަ ތޫފާން "ބާވީ" ގެ ސަބަބުން ޗައިނާގެ 900،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ. އިއްޔެ މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޓައިވާނާއި ޖަޕާނުގެ ދެކުނުގެ ރަށްތަކަށެވެ.
ޗައިނާގެ ޒީޖިއާންގް ޕްރޮވިންސްގެ ވެންޒޯ ސިޓީއަށް ރޭ ފަތިހު މި ތޫފާން އަރާނެކަމަށް ލަފާކުރެވިފައިވާއިރު، އެ ސަރަހައްދުން އެކަނިވެސް 887،801 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ވެންޒޯގެ ކަމާބެހޭ ފަރާތްތަކުން ނެރުނު ބަޔާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މީހުން ރައްކާތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ކުރިމަތިވެދާނެ އެންމެ ގޯސް ހާލަތަކުން ސަލާމަތްވުމަށެވެ. މި ތޫފާނުގެ ކުރިންވެސް ޗައިނާގެ ދެކުނާއި މެދުތެރޭގެ ސަރަހައްދުތަކަށް ކުރި ވިއްސާރައިގައި 39 މީހުން މަރުވެ، ބައެއް ކޯރުތައް ފުރިގެން ބަންޑުންވެފައިވެއެވެ.
ތޫފާނުގެ ސަބަބުން ޓައިވާނުގެ 170،000 އަށްވުރެ ގިނަ ގޭބިސީއަކުން ކަރަންޓު ކެނޑިފައިވާއިރު، 14،000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އެ ގައުމުގެ 920 ބައިނަލްއަގުވާމީ ފްލައިޓާއި 280 އެތެރޭގެ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. މީގެ އިތުރުން ޖަޕާނުގެ އޮކިނާވާ ސަރަހައްދުގެ 18،000 އަށްވުރެ ގިނަ ގޭބިސީއަކުން ކަރަންޓު ކެނޑި، 345 ފްލައިޓް ކެންސަލްކުރުމާ ގުޅިގެން 26،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ވަނީ ދަތުރުނުކުރެވިފައެވެ.
މި ތޫފާން އެންމެ ފުރަތަމަ އުފެދުނުއިރު ގަޑިއަކު 285 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުނު ނަމަވެސް، މިހާރު ތޫފާނުގެ ބާރުމިން ވަނީ ގަޑިއަކު 144 ކިލޯމީޓަރަށް ދަށްވެފައެވެ. ޓައިވާނުގެ ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަންގެ މީޓިއޮރޮލޮޖިސްޓް ޖޭސަން ޗެންގް ވިދާޅުވި ގޮތުގައި، ތޫފާނުގެ ބާރުގަދަ ވަޔާއެކު އަސަރުކުރާނެ ސަރަހައްދު މިހާރު ވަނީ 350 ކިލޯމީޓަރަށް ކުޑަވެފައެވެ. ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ މީހުން ސަލާމަތްކުރުމާއި، ކަރަންޓުގެ ހިދުމަތް އަލުން އިއާދަކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
އޭޝިއާ
އޭޝިއާ
އޭޝިއާ
އޭޝިއާ
ކޮމެންޓް