މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި، އޭޝިއާގެ ގައުމުތަކުގެ އިގުތިސޯދަށް ނުރައްކާވަމުންދާ ކަމުގެ އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދީފިއެވެ.މި އިންޒާރު ދީފައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިއަދު ފެށި 11 ވަނަ ޓޯކިޔޯ ފިސްކަލް ފޯރަމްގައެވެ.
އައިއެމްއެފް އާއި ޖަޕާނުގެ މާލީ ވުޒާރާ އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް (އޭޑީބީއައި) ގުޅިގެން ކުރިއަށްގެންދާ މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިއެމްއެފްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކެންޖީ އޮކަމޫރާ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ބައެއް ގައުމުތަކަށް ތެޔޮ ލިބުމުގެ ދަތިކަމާ ވަނީ ކުރިމަތިވެފައެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ދަތިތައް ކުރިމަތިވަމުންދަނީ ގިނަ ގައުމުތަކެއްގެ މާލީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ އާންމު ދަރަނި މިހާރު ހުރީ ތާރީހުގައިވެސް ނުދާހާ މައްޗަށް ގޮސްފައެވެ. އެގޮތުން، ދުނިޔޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި 94 އިންސައްތައަށް އަރާފައިވާއިރު، އިންޓަރެސްޓަށް ކުރާ ހޭދަވެސް ވަނީ ޖީޑީޕީގެ ތިނެއް އިންސައްތައަށް އުފުލިފައި ކަމަށް އޮކަމޫރާ ވިދާޅުވިއެވެ.
އައިއެމްއެފްގެ އޭޝިއާ ޕެސިފިކް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭޝިއާ ސަރަހައްދަކީ ހަކަތައަށް ބޮޑަށް ބަރޯސާވާ ސަރަހައްދަކަށް ވުމުން، އެހެން ސަރަހައްދުތަކަށްވުރެ ބޮޑަށް އޭޝިއާއަށް މިކަމުގެ އަސަރުކުރާނެއެވެ. އޭޝިއާގެ ޖީޑީޕީގެ ގާތްގަނޑަކަށް ހަތަރު އިންސައްތަ ހޭދަކުރަނީ ތެލާއި ގޭހަށެވެ. މިއީ ޔޫރަޕާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރަނީ އިގުތިސޯދީ ދުވެލި ހަލުވިކުރެވޭނެ ގޮތަކަށް މާލީ ސިޔާސަތުތައް ބައްޓަންކުރުމާއި، ޓެކްނޮލޮޖީގެ އެހީގައި ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުން ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމްގައި އޭޝިއާގެ އެކި ގައުމުތަކުގެ މާލީ ވުޒާރާތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)