އިންސްޓިޓިއުޓް ފޯ އިކޮނޮމިކްސް އެންޑް ޕީސް (އައިއީޕީ) އިން މިއަދު އާންމުކުރި 2026 ވަނަ އަހަރުގެ ގްލޯބަލް ޕީސް އިންޑެކްސް (ޖީޕީއައި) ގައި ސްރީލަންކާ 14 ދަރަޖައިގެ ކުރިއެރުމަކާއެކު ދުނިޔޭގެ 67 ވަނައަށް ޖެހިލައިފިއެވެ. މި ރިޕޯޓުން ދައްކާ ގޮތުގައި، ދެކުނު އޭޝިއާ ސަރަހައްދުން ދެވަނައަށް އެންމެ ސުލްހަވެރި ގައުމުގެ މަގާމު ވެސް މިހާރު ލިބެނީ ސްރީލަންކާއަށެވެ. މި ސަރަހައްދުން އެއްވަނައިގައި އޮތީ ދުނިޔޭގެ 16 ވަނައިގައި އޮތް ބޫޓާނެވެ.
ލަންކާއަށް މި ކުރިއެރުން ލިބިފައިވަނީ 2022 ވަނަ އަހަރު އެ ގައުމަށް ކުރިމަތިވި އިގުތިސޯދީ ބޮޑު ކާރިސާއަށްފަހު، ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ކަމަށް އައިއީޕީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ސިޔާސީ ހަމަނުޖެހުންތައް 25 އިންސައްތަ ދަށްވެފައިވާއިރު، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ވެސް ވަނީ 1.8 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މީގެ އިތުރުން، އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް ފަންޑުކުރާ މިންވަރު 40.8 އިންސައްތަ އިތުރުވުމަކީ ވެސް ލަންކާގެ ރޭންކިން މައްޗަށް ދިޔުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ލަންކާގެ ފަހަތުން ތިންވަނައިގައި އޮތީ 111 ވަނައިގައި އޮތް ނޭޕާލެވެ. ބަންގްލަދޭޝް 117 ވަނައިގައި އޮތްއިރު، އިންޑިއާ އޮތީ 127 ވަނައިގައެވެ. އަދި ޕާކިސްތާނަށް 152 ވަނަ ލިބިފައިވާއިރު، ސަރަހައްދުގެ އެންމެ ފުލުގައި އޮތީ 157 ވަނައިގައި އޮތް އަފްގާނިސްތާނެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، މި އަހަރުގެ އިންޑެކްސްގެ އެއްވަނަ ލިބިފައިވަނީ އައިސްލޭންޑަށެވެ.
ސަރަހައްދީ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގެ ސުލްހަވެރިކަން ދަށްވަމުންދާ ދަނޑިވަޅެއްގައި ލަންކާއިން ހޯދި މި ކުރިއެރުމަކީ އެ ގައުމުގެ އެތެރޭގެ ހަމަޖެހުން އިއާދަވަމުން އަންނަކަމުގެ ހެއްކެކެވެ. ނަމަވެސް، ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 101 އިންސައްތައިގައި ހުރުމާއި، ހަކަތައިގެ ބާވަތްތައް އެތެރެކުރުމަށް ބަރޯސާވާން ޖެހުމަކީ އަދިވެސް ދިގު މުއްދަތެއްގައި ގައުމުގެ ހަމަޖެހުމަށް އޮތް ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
ލަންކާގެ އިގުތިސޯދު 2024 ވަނަ އަހަރު ފަސް އިންސައްތައިން ކުރިއަރާފައިވާއިރު، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު ވެފައިވާ ދަރަނި އަލުން އެކުލަވާލުމުގެ އެއްބަސްވުންތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ލިބެމުންދާ ކަމަށް ވެސް އައިއީޕީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ